Roadha Mihaaru

މަރުގެ މައްސަލައެއްގައި ބިދޭސީއަކު އުމުރަށް ޖަލަށްލި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

މާލޭގައި ބިދޭސީއަކު މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަމަރުލް އިސްލާމްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

18 ފެބުރުއަރީ 2025

މާލޭގައި ބިދޭސީއަކު މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަމަރުލް އިސްލާމްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް 2012 ވަނަ އަހަރު މާލޭގައި މަރާލާފައި އޮތް ތަނަށް އެންމެ ފަހުން ވަންނަ މަންޒަރު ވީޑިއޯއިން ފެންނަނީ ކަމުރުލް އެވެ. އަދި އދ. ދަނގެތީގައި މަސައްކަތްކުރާ ކަމުރުލް މާލެ އައިސް، މުނީރުލްއާ އެތަނަށް ވަނުމަށްފަހު އެނބުރި ދަނގެއްޗަށް ގޮސްފައިވެ އެވެ.

އެ މައްސަލާގެ ތަހުގީގު ކަމުރުލްގެ މައްޗަށް ހިންގުމަށްފަހު ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރުމުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަަމަށެވެ. އެ މައްސަލާގައި އޭނާ ކުށް ކުރަނިކޮށް ފެނުނު ޝަފަހީ އެއްވެސް ހެއްކެއް ނެތެވެ.

ނަމަވެސް، އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކަނޑައެޅީ ކަމުރުލްގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި ގަރީނާތަކުގެ މައްޗަށް އޭނާގެ މައްޗަށް ކުށް ސާބިތުވިއިރު، މުނީރުލްގެ ވާރިސުން އެދިފައިވަނީ މަރަށް މަރު ހިފުން އަދި މަރުގެ ދިޔަ ވެސް ހޯދުމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ވާރިސުންނަށް އިހްތިޔާރު އޮތީ ދެ ގޮތުން ކުރެ އެއް ގޮތެއް އިހްތިޔާރު ކުރުމަށެވެ.

ވާރިސުން ދެ ގޮތް ވެސް ބޭނުންވާ ކަމަށް ބުނެފައިވާތީ، އޭގެ ފައިދާ ލިބެންޖެހޭނީ ގާތިލަށް ކަމަށް ކަނޑައަޅައި، ހައި ކޯޓުން ހުކުމް އިއްވާފައި އޮތީ ކަމުރުލްގެ މައްޗަށް މަރުގެ އަދަބު ނުދީ އޭގެ ބަދަލުގައި ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ޖަލު ހުކުމެކެވެ. އަދި ވާރިސުން އެދުނު ގޮތަށް އޭނާގެ ކިބައިން މަރުގެ ދިޔައިގެ ގޮތުގައި ބުރަ ކުރެވިގެންވާ ދިޔަ ކަމަށްވާ 133،333.33ރ. ނަގައިދޭން ހުކުމްކުރި އެވެ.

ކަމަރުލްގެ ފަރާތުން ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ކުރި ހުކުމްގައި ކަނޑައެޅީ އެ މައްސަލާގައި ލިބިފައިވާ ގަރީނާތަކުގެ މައްޗަށް ބަލާއިރު ކަމަރުލްގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ގަރީނާއަކީ މުނީރުލް މަރުވެފައި އޮތް ތަނުގެ ތެރެއިން ކަމަރުލްގެ ފައިގެ ނިޝާންތައް ފެނިފައިވުމެވެ. އަދި އެ ކޮޓަރިން ފެނުނު ފޮތެއްގައި ވެސް ކަމަރުލްގެ އިނގިލީގެ ނިޝާން ފެނިފައިވެ އެވެ.

ސީސީޓީވީގެ ފުޓޭޖުން، ކަމަރުލް އެގެއަށް ވަންނަ މަންޒަރު ފެންނަ ކަމަށާއި އަދި މުނީރުލްއާ އެކު އެންމެ ފަހުން ފެނުނު މީހަކީ ވެސް ކަމަރުލް ކަން ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި މުނީރުލްގެ ފޯނުގެ މެމޮރީ ކާޑް ވެސް ކަމަރުލްގެ އަތުން ފެނިފައިވެ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމްގައިވާ ގޮތުން ގަސްތު މަރުގެ ރުކުންތައް މި މައްސަލާގައި ސާބިތުވެ އެވެ. އެއީ ކަމަރުލް މާލެ އައިސްފައިވަނީ މުނީރުލް މަރާލުމުގެ މަގުސަދުގައި ކަމަށާއި އަދި އޭނާއަށް ވަޅިން އެތައް ފަހަރަކު ހަމަލާއެއްދީ މަރާލާފައިވަނީ ގަސްތުގައި ކަން ވެސް ސާބިތުވާތީ ކަމަށް ހުކުމްގައިވެ އެވެ.

ނަމަވެސް، މި މައްސަލާގައި މަރަށް މަރު ހިފުމުގެ އަދަބު ނުދެވޭނެ ކަން ފަނޑިޔާރު ކަނޑައެޅުއްވި އެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ކަމަރުލްގެ މައްސަލާގައި އިޖުރާއީ ގިނަ އައިބުތަކެއް ހުރުމެވެ. އަދި ފުލުހުން ކަމަރުލްއާ މެދު އަމަލު ކޮށްފައިވަނީ ޣައިރު އަހުލާގީ ގޮތެއްގައި ކަމަށް ވެސް ހުކުމްގައިވެ އެވެ.

މި މައްސަލާގެ ތަހުގީގުގެ ތެރޭގައި ކަމަރުލް ވަނީ ކުށަށް އިއުތިރާފު ބަޔާނެއް ދީފަ އެވެ. ނަމަވެސް، އެ ބަޔާން ނެގިއިރު ވީޑިއޯކޮށްފައި ނުވާއިރު ހަމައެކަނި އޮތީ ގަނޑެއްގައި ސޮއިކުރުވައިފަ އެވެ. އެ ބަޔާން ނެގިއިރު ގާނޫނީ ވަކީލެއް ވެސް ކަމަރުލްއަށް ހަމަޖައްސާފައެއް ނުވެ އެވެ. އަދި ހަނު ހުރުމުގެ ހައްގު ލިބިގެންވާ ކަމާއި އޭގެ ތަފްސީލް ވެސް އޭނާއާ ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ގާނޫނުތައް ނޭނގޭ، ހައްގުތަކަށް ފަރިތަ ނޫން އަދި ލިޔަންކިޔަން ނޭނގޭ މީހަކަށް މިފަދަ ފުރުސަތުތައް ނުދީ ނަގާފައިވާ އެ އިއުތިރާފުގެ ބަޔާނަކީ ނުފޫޒަށް ދީއްލާލައިގެން ނަގާފައިވާ ބަޔާނެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އެ ބަޔާން ޝަރީއަތުން ބަލައިނުގަންނަން ނިންމި އެވެ. އަދި އެ އިއުތިރާފާ އެކު އޭގެފަހުން ކަމަރުލްގެ ވާހަކަތަކަށް ބަލައިގެން ޓީޖެޓީ ސަަރަހައްދުން ފުލުހުން ހޯދި ވަޅި އާއި ގަމީސް ވެސް ހެކީގެ ގޮތުގައި ބަލައިނުގަންނަން ނިންމި އެވެ.

ޝައްކުތަކެއް ހުންނަ މައްސަލަތަކުގައި މަރަށް މަރު ހިފުމުގެ އަދަބު ނުދިނުމަކީ އިސްލާމީ ޝަރީއަތުން ސާބިތުވާން އޮތް ކަމަކަށް ވާތީ، މި މައްސަލާގައި ގަސްތު މަރުގެ ކުށް ސާބިތުވިޔަސް، މަރުގެ އަދަބު ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެހެންވެ، އެންމެ މަތީ ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމްގައިވާ އަދަބުގެ ބައި ދެމެހެއްޓުމަށެވެ. ނަމަވެސް، ހައި ކޯޓުން ހުކުމަށް ވާސިލްވި ސަބަބުތައް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވި ގޮތުގައި މަރުގެ އަދަބާއި މަރުގެ ދިޔައަށް ވާރިސުން އެދޭ ހާލަތުގައި އޭގެ ފައިދާ ގާތިލަށް ލިބޭނެ ކަމަށް ބުނެ، ވަކި އަދަބެއް އިހްތިޔާރު ކުރުމުގެ ފުރުސަތެއް ހާކިމާއަކަށް އިސްލާމީ ޝަރީއަތުގައި ނެތެވެ. މަރުގެ މައްސަލަތަކުގައި މަރަށް މަރުގެ އަދަބަށް އެދުމާއި ދިޔައަށް އެދުމާއި އަދި ގާތިލަށް މާފުކުރުމަކީ ވެސް ހަމައެކަނި ވާރިސުންނަށް ލިބިދޭ ހައްގެކެވެ.