Roadha Mihaaru
ޗައިނާ ސަފީރާއި މައުމޫން ބައްދަލުކުރައްވައިފި

ޗައިނާ ސަފީރާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

09 އޮކްޓޯބަރ 2018

ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޗައިނާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ ސަފީރާ ބައްދަލުކުރައްވައި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާ އަކީ ގާތް ދެ ގައުމު ކަމަށް ވެސް، ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމަށް ފަހު މައުމޫން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނާއި (މ) އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް (ކ)، ޗައިނާ ސަފީރު ޒަންގް ލިޒޯންގްއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ޓްވިޓާ ފޮޓޯ: މައުމޫން

ކުރީގެ ރައީސް މައުމޫނާއި (މ) އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް (ކ)، ޗައިނާ ސަފީރު ޒަންގް ލިޒޯންގްއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ޓްވިޓާ ފޮޓޯ: މައުމޫން

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި މައުމޫން ޖަލަށް ލާފައި ވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކުރި ފަހުން ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސެނާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ލަންކާގެ ސްޕޯޓްސް މިނިސްޓަރު ފައިޒަރު މުސްތަފާ ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު މައުމޫނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ލަންކާގެ މިނިސްޓަރު ވަނީ އެ ގައުމަށް މައުމޫން ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

ޗައިނާގެ ސަފީރާ ބައްދަލުކުރެއްވިއިރު، އެ ގައުމާ އެންމެ ވާދަވެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މައުމޫނަށް ގުޅުއްވައި ހިތްވަރު ދެއްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

މައުމޫން ކުރެއްވި ޓްވީޓް

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ޗައިނާގެ ސަފީރާ ބައްދަލުކުރައްވައިފަ އެވެ.