Roadha Mihaaru

އިއުލާން ނުކޮށް ފެނަކައަށް 105 މުވައްޒަފުން ވެއްދި

ވަޒީފާ އަށް އިއުލާނު ކުރުމެއް ނެތި ފެނަކަ ކޯޕަރޭޝަނަށް 105 މުވައްޒަފުން ވައްދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އިއުލާން ނުކޮށް ފެނަކައަށް 105 މުވައްޒަފުން ވެއްދި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

10 އޮކްޓޯބަރ 2018

ވަޒީފާ އަށް އިއުލާނު ކުރުމެއް ނެތި ފެނަކަ ކޯޕަރޭޝަނަށް 105 މުވައްޒަފުން ވައްދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކަ އިން 2014 ވަނަ އަހަރުގެ މެއިން ފެށިގެން 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހާ ހަމައަށް، އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާފައިވެ އެވެ. އިއުލާން ނުކޮށް، މުވައްޒަފުން ނެގީ ކުންފުނީގެ ހިންގާ ގަވައިދާއި މުވައްޒަފުންގެ ގަވައިދުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާ ނަމަ، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާ ނަމަ، ކުންފުންޏާ މެދު އިތުބާރު ކުޑަވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.

"ނަމަވެސް ކުންފުނިން މިގޮތަށް މުވައްޒަފުން ނެގުން ސެޕްޓެމްބަރު 22، 2016 އިން ފެށިގެން ހުއްޓާލާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކުގައިވާ ގޮތުން މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި ވަޒީފާގައި ދެމެހެއްޓުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އަމަލު ކުރަން ޖެހޭނީ ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުންނެވެ. އެހެންވެ، އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ކުންފުނި ހިންގުމަށާއި ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގައި ދެ ފުށް ފެންނަ ވާދަވެރި އުސޫލުތަކެއްގެ މައްޗަށް އެކުލެވިގެންވާ ރެކްރޫމަންޓް ސިޔާސަތެއް ކަނޑައަޅައި އެއާ ގޮތަށް އަމަލު ކުރުމަށެވެ.