Roadha Mihaaru
ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި: އެޗްޕީއޭ

10 އޮކްޓޯބަރ 2018

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރާ ނަފްސާނީ ބަލިމީހުންގެ ދުވަހާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަދައްކަވަމުން އެޗްޕީއޭގެ މެންޓަލް ހެލްތު ޕްރޮގްރާމްގެ، ޕްރޮގްރާމް އެސިސްޓަންޓް ޝަނީފާ ހަސަން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ފަރުވާ ދޭ މީހުން މަދު ނަމަވެސް އަމިއްލަ ގޮތުން ވެސް އެތައް ބަޔަކު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ގިނަ ބަޔަކު، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޖާގަ ފުރިފައިވާތީ އެ ފުރުސަތު ފަހިނުކޮށްދެވޭ ކަމަށް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބަލަހައްޓަމުން އަންނަ ގުރައިދޫ މަރުކަޒުގައި މިހާރު ވެސް 170އެއްހާ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ވެސް ގިނައީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.

މީގެ 10 އަހަރު ކުރިން ފެށިގެން އެޗްޕީއޭ އިން އަންނަނީ ނަފްސާނީ ބަލިތަކާ ބެހޭ ހާއްސަ ރަޖިސްޓްރީއެއް ވެސް ބަލަހައްޓަމުންނެވެ. އެ ލިސްޓުގައި 2000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައި ވިޔަސް އެ އަދަދަކީ ހަމައެކަނި އެ ބައްޔަށް ފަރުވާ ހޯދާ މީހުން އެކަންޏެއް ނޫނެވެ. ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް އަމިއްލަ ގޮތުން މީހުން އަންނަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އެހެންކަމުން ނަފްސާނީ ބަލިތަކުގެ މީހުންގެ އަދަދު ގިނަ ވާނެ ކަމަށް ބެލެވެ އެވެ.

"ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުން އުޅޭ. އެޗްޕީއޭގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކުރިން ހިލޭ ބޭސް ލިބޭނީ. އެހެންވީމަ އެ ލިސްޓުގައި މީހުން ރަޖިސްޓްރީވޭ. އެކަމަކު މިފަހަކަށް އައިސް ރަޖިސްޓްރީވާ މީހުންގެ އަދަދު އިތުރުވާ ކަމަކަށް ފާހަގައެއް ނުވޭ،" ޝަނީފާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބު ދައްކާ ގޮތުން، ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އެ ބަލިތަކަށް ހުށަހެޅެނީ އުމުރުން 14 އަހަރުގަ އެވެ. ނަމަވެސް އެ ބަލިތައް ދެނެގަނެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ މިންވަރު މަދުކަން ފާހަގަކޮށްފައިވެ އެވެ.

ނަފްސާނީ ބަލިތަކާއި އެ ބަލިތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ތެރެއިން ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި އެންމެ ގިނައީ ޑިޕްރެޝަންކަމަށް، ރާއްޖެ ވެސް ހިމަނައިގެން އެއްކުރި މައުލޫމާތުތަކަށްފަހު ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުންޏެވެ. އޭގެ އިތުރުން ނަފްސާނީ ބަލިތަކާ ގުޅިގެން ދިމާވާ ކަންކަމުގައި އަމިއްލައަށް މަރުވާ ކަމަށާއި އެކަން އެންމެ ގިނައީ 15-29 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ނަފްސާނީ ބަލިން މުޖުތަމައު ދުރުކުރުމަށް، އާއިލާ ތެރެއިންނާއި ސްކޫލުތަކުންނާއި ޓީޗަރުން އަދި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން ކުދިންނަށް ދިމާވާ ކަންތައްތައް އޮޅުންފިލުވައި އެކަންތައްތަކާ މެދު އަމަލުކުރާނެ ގޮތް ކިޔައިދިނުން ވަރަށް މުހިއްމު ކަމަށް ވެސް ބުންޏެވެ.

ނަފްސާނީ ބަލީގެ މީހުންގެ ދުވަސް ފާހަގަކުރަން އެޗްޕީއޭއިން ވަނީ އަންނަ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ހަރަކާތުގައި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ޒުވާނުންނަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމައިފަ އެވެ.

.