Roadha Mihaaru
މި އަހަރަށް ދެން ދިވެހި ފިލްމެއް ނެތް

މި އަހަރަށް ދެން ދިވެހި ފިލްމެއް ނެތް

12 އޮކްޓޯބަރ 2018

މި އަހަރު ސިނަމާ އަށް އަންނާނެ ދިވެހި ފިލްމެއް ދެން ނެތެވެ. އަޅުވަން ތާވަލުކުރި ދެ ފިލްމު ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެއީ ކުރިން މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އޮތް ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާއި އަންނަ މަހުގެ 5 އަށް ތާވަލު ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ސިނަމާ އަށް އަންނާނެ ދިވެހި ފިލްމެއް ދެން ނެތެވެ. އަޅުވަން ތާވަލުކުރި ދެ ފިލްމު ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެއީ ކުރިން މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އޮތް ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާއި އަންނަ މަހުގެ 5 އަށް ތާވަލު ކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.

މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" އަންނަ އަހަރަށް ފަސްކުރި އިރު، ދެން އެ ފިލްމު އަޅުވާނެ ތާރީހެއް ވެސް އަދި ނޭނގެ އެވެ. އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ "ގޮށްރާޅު" ފެބްރުއަރީގައި ގެނެސްދޭނެ ކަމަށް ޑާކް ރެއިނުން ބުންޏެވެ.

މި ދެ ފިލްމު ފިޔަވައި ދެން މި އަހަރު އަޅުވާނެ ކަމަށް ސީދާ ތާރީހެއް ކަނޑައެޅި ފިލްމެއް ވެސް ނެތެވެ. އެހެންވެ ބާކީ މިއޮތް ދެ މަހުގެ ތެރޭގައި އެއްވެސް ފިލްމެއް ދިވެހި ސިނަމާ އަށް ނާންނާކެން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މި އަހަރު ގެނެސްދޭނެ ކަމަށް ބެލެވުނު ބައެއް ފިލްމުތަކުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް ބުނީ ފިލްމު އަޅުވާނެ މާހައުމެއް މި ވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބު ބާއްވައި ނިމުމުން ގައުމަށް ސިޔާސީ ގޮތުން ހިމޭންކަން އައިސް، އަމާންކަން އަންނާނެ ކަމަށް ބެލެވުނަސް އެ މަންޒަރެއް އަދިވެސް ނުފެނެ އެވެ. ސިޔާސީ މަސްރަހުގެ ކަންކަން ހުރި ގޮތަށް ބަލާ އިރު، އަދިވެސް ފެންނަނީ ހަލަބޮލިވާން އުޅޭ ތަނެވެ.

އެހެންވެ އަހަރުގެ ބާކީ މިއޮތް މި މުއްދަތުގެ ތެެރޭގައި ފިލްމެއް އަޅުވައިގެން ރިސްކެއް ނަގާކަށް ޕްރޮޑިއުސަރުން ވެސް ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން އަހަރުގެ ބޮޑު ޗުއްޓީ ވެސް ކުރިއަށް އޮތީ އެވެ.

"މި އަހަރު ހިއެއް ނުވޭ އެއްވެސް ބަޔަކު ފިލްމެއް ދެން އަޅުވާނެ ހެންނެއް. އަހަރެމެން ވެސް ފިލްމެއް ގެނެސް ދޭން ވިސްނާފައި މިހާރު މިތިބީ އަންނަ އަހަރަށް މަޑުކޮށްލައިގެން،" ޕްރޮޑިއުސަރަކު ބުންޏެވެ. "ސިޔާސީ މަސްރަހު އޮތް ގޮތުންނާއި އަހަރުގެ ބޮޑު ޗުއްޓީ ވެސް ކުރިއަށް އޮތުމާ އެކު، މި އަހަރު ދެން ނެތް ފިލްމެއް އަޅުވާނެ އެކަށީގެންވާ ދަނޑިވަޅެއް ނޫން."

"ސިޔާސީ މަސްރަހު އޮތް ގޮތުންނާއި އަހަރުގެ ބޮޑު ޗުއްޓީ ވެސް ކުރިއަށް އޮތުމާ އެކު، މި އަހަރު ދެން ނެތް ފިލްމެއް އަޅުވާނެ އެކަށީގެންވާ ދަނޑިވަޅެއް ނޫން."

ފިލްމު ހަދަނީ ބޮޑު ހަރަދެއްކޮށްފައި ކަމަށްވާތީ، މިކަހަލަ ދަނޑިވަޅެއްގައި ފިލްމު އަޅުވައިގެން މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ވެސް ޕްރޮޑިއުސަރުންނާއި ޑައިރެޓަރުން ބޭނުމެއް ނޫނެވެ. ހަމައެއާ ސުވާލަކީ މާހައުލު މިހާރު އޮތް ގޮތުން ސިނަމާ އަށް ގޮސް ފިލްމެއް ބަލައިލަން ބެލުންތެރިންގެ އެއްވެސް ޝައުގުވެރި ކަމެއް އެބަ ހުރި ހެއްޔެވެ؟ ހާއްސަކޮށް ދިވެހި ފިލްމުތައް އަޅުވާ މަޖީދީ މަގުގައި ހުރި އޮލިމްޕަހަށް ބެލުންތެރިން ވަންނަން މި ދަނޑިވަޅު މުނާސަބު ވެސް ހެއްޔެވެ؟

މި އަހަރުގެ މިހާތަނަށް 4 ފިލްމު ސަނަމާ އަށް އައިސްފައިވެ އެވެ، އެއީ "ދެވަންސޫރަ"، "ވަކިން ލޯބިން"، "ރޭވުމުން" އަދި "ތިޔަ ލޯތްބާ ދުރަށް" އެވެ. އެންމެ ފަހުން އޮލިމްޕަހުގައި ފިލްމެއް އެޅުވީ އެޕްރީލް މަހުގެ ތެރޭގަ އެވެ.

"ނިވައިރޯޅި" ގެ ޓީޒާ ޓްރެއިލާއެއް: މި ފިލްމު ވެސް އަޅުވާނީ އަންނަ އަހަރު.

އޭގެ ފަހުން ސިނަމާ އޮތީ އެއްކޮށް ފަޅުވެފަ އެވެ. ކުރިން އަޅުވާފައި އޮތް ދެ ފިލްމެއް އަޅުވައިގެން ވެސް ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް އޮގަސްޓް މަހުގެ ތެރޭގައި ހިތްހަމަޖެހުމެއް ގެނެސް ދިނެވެ. އެއީ ފާތުމަތު ނަހުލާ ގެނެސް ދިން "ބޮސް" އާއި "4426" އާ އެކުގަ އެވެ.

މި އަހަރު ވާނެ ކަމަށް ބެލެވުނު ބައެއް ފިލްމުތަކުގެ ތެރޭގައި އިސްމާއީލް ޝަފީގްގެ "ފޯޓީ ޕްލަސް" އާއި އަހުމަދު ޝަރީފްގެ "ބާކީވެފައި" އާއި އަބްދުﷲ (މުއާ) މުއާޒުގެ "ލީނާ" ހިމެނުނެވެ. އެކަމަކު ދެން މި ފިލްމުތަކަށް އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އަހަރަށެވެ.

ޔަގީނުން ވެސް މި އަހަރުވެގެން ދާނީ ފާއިތުވި ދެތިން އަހަރާ އަޅާކިޔާ އިރު، ދިވެހި ސިނަމާ އަށް އެންމެބޮޑަށް ފަޅުކަން އައި އަހަރަށެވެ. މިދިޔަ އަހަރު 8 ފިލްމު ގެނެސް ދިން އިރު، އޭގެ ކުރީ އަހަރު 9 ފިލްމު އެޅުވި އެވެ.

މި އަހަރު ދެން ފިލްމެއް އަންނަން ނެތަސް، 9 ވަނަ ދިވެހި ފިލްމު އެވޯޑްސް ޑިސެމްބަރު މަހު ބާއްވާނެކަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ވަނީ އިއުލާންކޮށްފަ އެވެ. އެވޯޑަށް ފިލްމުތައް ހުށަހަޅަން ދިން ސުންގަޑި ވަނީ އޮގަސްޓް މަހުގެ ނިޔަލަށް ހަމަވެފަ އެވެ.

އަނެއްކާ އެ އެވޯޑް ހަފުލާ ވެސް ބޭއްވޭނެތޯ އެއީ ސުވާލަކެވެ.