Roadha Mihaaru
"ފަރީ" ގެ ވާހަކަ ކިޔައިދޭނީ އެޕްރީލްގައި

އާ ޑައިރެކްޓަރަކާ އެކު "ފަރީ" އެޕްރީލް 2 ގައި ސިނަމާ އަށް

06 ފެބުރުއަރީ 2020

މަދޮށިޕް ސްޓޫޑިއޯ އިން މީގެ ދެ އަހަރު ކުރިން އިއުލާންކުރި ފިލްމު "ފަރީ" އަންނަ އެޕްރީލް މަހު ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަދޮށިޕް ސްޓޫޑިއޯ އިން މީގެ ދެ އަހަރު ކުރިން އިއުލާންކުރި ފިލްމު "ފަރީ" އަންނަ އެޕްރީލް މަހު ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި "ވިޝްކާ" ގެ ޓެކްނިކަލް މަަސައްކަތުގެ ފަހަތުގައި އޮތް މަދޮށިޕުން ގެނެސްދޭ ފެމިލީ ޑްރާމާ "ފަރީ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އެޕްރީލް މަހުގެ 2 ގަ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ރަވީ ފާރޫގާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ "ފަރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަނާއި "ބޮސް" އިން ތައާރަފުވި މުހައްމަދު ޔުނާންގެ އިތުރުން "ގޮށްރާޅު" އިން ތައާރަފުވި ބަތަލާ ތަސްނީމާ ހިމެނެ އެވެ.

"ފަރީ" ގެ ޝޫޓިންގެ ތެރެއިން.

"ފަރީ" ގެ ޝޫޓިންގެ ތެރެއިން.

"ފަރީ" ސިނަމާ އަށް ގެންނަނީ މަދޮށިޕާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ކުއްނާރު ޕްރޮޑަކްޝަނާއި "ލީނާ" އާއި "އަހުޝަމް" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އެއް ކާފު ޕްރޮޑަކްޝަންސް ގުޅިގެންނެވެ.

މީގެ މާކެޓިން އާއި ޑިސްޓްރިބިއުޝަންގެ ޒިންމާތައް ނަގާ ޒަރީޒު ބުނީ "ފަރީ" އަކީ ދިވެހި މުޖުތަމައާ ވަރަށް ގުޅޭ ވާހަކައެއް ކިޔައިދޭ ފިލްމަކަށްވާތީ، މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށެވެ.

"ވަރަށް ރިއަލިސްޓިކްކޮށް މީތި ޕްރެޒެންޓްކޮށް ދީފައި އޮންނާނީ،" އެއްވެސް ލަވައެއް ނުހިމެނޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"ފިލްމު އަހަންނަށް ވެސް އެއްކޮށް ފެނިފައި އޮތީމަ ބުނެލަން ކެރޭ ބެލުންތެރިންނަށް ކަމުދާ ރާއްޖޭގެ މުޖުތަމައާ ވެސް ވަރަށް ގުޅޭ ފިލްމަކަށް ފަރީ ވާނޭ."

ފިލްމުގެ ޓްރެއިލާ މި މަހުގެ މެދުތެރޭގައި އާންމުންނަށް ދޫކޮށްލަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

"ފިލްމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް އެއްކޮށް ނިމިފައި. ޕޮލިޝްކުރުމުގެ ބައި މިހާރު ބޮޑަށް ކުރިއަށް މި ދަނީ." ޒަރީރު ބުންޏެވެ.

"ފަރީ" ގެ ޝޫޓިންގެ ތެރެއިން.

"ފަރީ" ގެ ޝޫޓިންގެ ތެރެއިން.

އޭނާ ބުނީ ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ފަހު، އެޕްރީލް 3 އިން ފެށިގެން ޝްވެކް ސިނަމާގައި ޝޯތައް ދައްކަން ފަށާނެ ކަމަށެވެ.

"ހަމައެއާއެކީ ވަރަށް ގިނަ ރަށްރަށުގައި ވެސް ފިލްމުން ދެއްކުން ޓާގެޓަކީ. ރަށްރަށުން ރިކްއެސްޓް އަންނަ ވަރަކުން ފިލްމު އެޅުވުމުގެ ކަންކަން ކުރިއަށް ދާނެ." އަންނަ މަހު ރިލީޒްކުރާ "އަނދިރިކަން" ގެ ސްކްރިޕްޓް ވެސް ލިޔެފައިވާ ޒަރީރު ބުންޏެވެ.