Roadha Mihaaru
"ބިން ވިއްކަނީ ބޭއިންސާފުން، އެކަން ބަލާނަން"

ބިން ވިއްކަނީ ބޭއިންސާފުން، އެކަން ބަލާނަން: އިބޫގެ އޮފީސް

11 އޮކްޓޯބަރ 2018

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި މިފަދަ ކަންކަމުގައި ގާނޫނާ ހިލާފުވެފައި ވޭތޯ ބަލައި ތަހުގީގުކުރާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އޮފީހުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި މިފަދަ ކަންކަމުގައި ގާނޫނާ ހިލާފުވެފައި ވޭތޯ ބަލައި ތަހުގީގުކުރާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ އޮފީހުން މިރޭ ބުނެފި އެވެ.

ބަޔާނުގައި ބުނީ، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލެއިން 400 ގޯތި ވިއްކަން ސަރުކާރުން ނިންމާފައި ވިޔަސް އެކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގޯތި ވިއްކުމަކީ ގާނޫނާ ހިލާފު ކަމަކަށް ވާތީ އެފަދަ ކަންކަން ކުރުން ހުއްޓާލަން ވަނީ ގޮވާލައިފަ އެވެ.

"ވެރިކަމުގެ ބާރުތައް ބަދަލުވާ މި މުހިއްމު މަރުހަލާގައި އުސޫލުން ބޭރުން ކަނޑައަޅާ މިފަދަ ސިޔާސަތުތައް ބަލައިނުގަންނާނެ ކަމުގައި ދަންނަވަމެވެ. ގާނޫނާ ހިލާފަށް ހިންގާ ކަންކަން ތަހުގީގުކޮށް، ނުހައްގުން ކުރެވިފައިވާ ކަންކަން ބެލޭނެ ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި، ގޯތި ވިއްކުމާ ގުޅޭ މަޝްރޫއުގައި ސުވާލު އުފެދޭ އެތައް ކަމެއް ވެސް ފާހަގަކުރެވިފައިވެ އެވެ. ބޭއިންސާފުން ބިން ވިއްކުމުން އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުން ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި މައްސަލާގައި ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނުން މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ތަކުރާރުކޮށް ބިން ވިއްކުމުގެ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވީނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދާތީ އެކަން ކުށްވެރިކުރަމެވެ. އޭސީސީން އެ މިނިސްޓްރީއަށް އަންގާފައިވަނީ ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތައް ބެލޭނެ ދެފުށް ފެންނަ އުސޫލެއް އާއްމުކޮށްފައިނުވުމާއި ބިން ވިއްކުމަށް އިއުލާނުކޮށްފައިވަނީ އެކަމަށް އެކަށީގެންވާ މުއްދަތެއް ނުދީ ކަމަށާއި އެއީ ބިމާ ބެހޭ ގާނޫނާ ހިލާފު ކަމެއްކަމުގަ އެވެ،" ބަޔާނުގައި ވެ އެވެ.

ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އަސާސީ ބޭނުމެއް ކަމުގައިވާއިރު، އެފަދަ ގޮތަކަށް ބިން ވިއްކުމަކީ ރައްޔިތުންނަށް ކުރެވޭ ބޮޑު ބޭއިންސާފެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ ކަންކަމުން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ދުރުވެ ބިން ވިއްކުމާއި ބޭއިންސާފުން ފްލެޓު ދިނުންފަދަ ހުރިހާ މަސައްކަތްތައް ހުއްޓާލަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވަނީ ގޮވާލައިފަ އެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފަ އެވެ. އެއީ 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ. އެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެެވެ.