Roadha Mihaaru
7 ޕޮއިންޓް! ފްލެޓް ދޭން ހެދި ހިސާބު ނުބައި!

އެންމެ 7 ޕޮއިންޓް! ފްލެޓް ދޭން ހެދި ހިސާބު ނުބައި!

13 އޮކްޓޯބަރ 2018

ހިޔާ މަޝްރޫއުން ވެސް ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށްތޯ އުފައްދާ ސުވާލުތައް ގިނަ އެވެ. މިއީ، ސައްހަ ޝަކުވާތަކެއް ކަމަށް ބާރު ލިބިދިން އެއް ކަމަކީ، ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރިއިރު، އެތައް ބަޔަކަށް ޕޮއިންޓް ދީފައިވާ ގޮތެވެ. އެންމެ ހަތް ޕޮއިންޓް ލިބުނު މީހުން ވެސް އެބަ ތިއްބެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާ މަޝްރޫއުން ވެސް ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށްތޯ އުފައްދާ ސުވާލުތައް ގިނަ އެވެ. މިއީ، ސައްހަ ޝަކުވާތަކެއް ކަމަށް ބާރު ލިބިދިން އެއް ކަމަކީ، ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރިއިރު، އެތައް ބަޔަކަށް ޕޮއިންޓް ދީފައިވާ ގޮތެވެ. އެންމެ ހަތް ޕޮއިންޓް ލިބުނު މީހުން ވެސް އެބަ ތިއްބެވެ.

އޭގެތެރޭގައި، ލިބޭ އެއްޗަކުން ދެކޮޅުނުޖެހި މާލޭގައި ވަރަށް ނިކަމެތި ހާލުގައި އުޅޭ މީހުންތަކެއް ވެސް ހިމެނެ އެވެ. މި ސަރުކާރުގައި ހުޅުވާލި (ނުހައްގުން ފްލެޓް ބަހާލީ ކަމަށް ތުހުމަތުކުރާ) ފުރަތަމަ މަޝްރޫއުގައި، މަތިން މާކްސް ލިބި ފްލެޓް ބީވި ބަޔަކަށް ހަތް ޕޮއިންޓް ދިނީ ކޮން ގޮތަކަށް ހިސާބު ހަދައިގެން ހެއްޔެވެ؟

އެ މީހަކަށް ދިން ޕޮއިންޓުގެ އަދަދު ސައްހަތޯ ބަލަން، އަލުން ހިސާބު ހެދުމުގެ ވިސްނުން ގިނަ ބަޔަކަށް އައީ، އެ ހަތް ޕޮއިންޓާ ހެދި އެވެ.

ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިނީ، ހުޅުމާލެ އިން ދޫކުރާ 7،000 ފްލެޓް ކެޓަަގަރީތަކަކަށް ބަހާލުމަށް ފަހު އެވެ. އެކި ކެޓަގަރީތަކަށް ތަފާތު ކުރި ފޯމުގައި ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑު ވެސް އޮތީ އާއްމުކޮށްފަ އެވެ. އެ މިންގަނޑުގައި އޮތީ މާލޭގައި ހޭދަވީ މުއްދަތާއި ވަޒީފާ އަދާކުރާ މުއްދަތާއި ދަރިން ތިިބި އަދަދާއި ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދޭނެ ޕޮއިންޓުގެ އަދަދު ކަނޑައަޅައިފަ އެވެ.

ޕޮއިންޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މީހަކު ކޮށްފައިވާ ޕޯސްޓެއް.

ކިޔޫ ޖެހިގެން ހައުސިން މިނިސްޓްރީ އަށް ގިނަ ބަޔަކު ފޯމު ހުށަހެޅީ، އެ މީހަކަށް ލިބޭ ޕޮއިންޓުގެ އަދަދު ގުނުމަށް ފަހު އެވެ. އެކަމަކު ވަގުތީ ލިސްޓު އާއްމުކުރިިއިރު، ބައެއް މީހުންނަށް ދީފައި އޮތް ޕޮއިންޓުގެ އަދަދު، ހައުސިން މިނިސްޓްރީން އާއްމުކުރި މިންގަނޑާ ދިމައެއް ނުވެ އެވެ. މި ޝަކުވާތައް ހައުސިން މިނިސްޓްރީ އާއި އޭސީސީ އަށް އަންނަނީ ހުށަހަޅަމުންނެވެ.

"އާއްމުކުރި މިންގަނޑުން ބަލާ ކަމަށް ވަންޏާ 40 ޕޮއިންޓަށް ވުރެން މަތި އެބަވޭ ދަރިންގެ އަދަދާއި ވަޒީފާގެ މުއްދަތުން. ދިރިއުޅުމުގެ ހާލަތަށް ކަނޑައަޅާފައިވާ 30 ޕޮއިންޓުން މިނިސްޓްރީ އަށް ދޭން ފެންނަ ވަރެއް ދީގެން ވެސް 40 އަށް ވުރެ ޖުމްލަ މާކްސް މަތިވޭ. ލިސްޓު އާއްމުކުރި އިރު މިއޮތީ އެންމެ ހަތް ޕޮއިންޓް ލިބުނު ކަމަށް،" ފްލެޓް ދޫކުރީ އިންސާފުން ނޫން ކަމަށް ގަބޫލުކޮށްގެން ހުރި އެކަކު ބުންޏެވެ.

ފްލެޓް ދިނީ އިންސާފުން ނޫން ކަމަށް ސުވާލު އުފައްދައި މީހަކު ކަންބޮޑުވުންފާޅުކޮށްފައި.

ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ބައެއް މީހުންނަށް ހަތް ޕޮއިންޓް ލިބުނީ ކޮން ގޮތަކަށް ފޯމުތައް އިވެލުއޭޓްކޮށްގެންތޯ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ "މިހާރު" އިން ސުވާލު ދެންނެވުމުން ވިދާޅުވީ "އެއީ، އޮޅުމެއް" ކަމަށެވެ. ދާއިމީ ލިސްޓު ނެރޭނީ އެކަން އިސްލާހުކޮށްފައި ކަމަށް ވިދާޅުވި އެވެ.

ޕޮއިންޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިން މީހަކުކޮށްފައިވާ ޕޯސްޓެއް.

އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ ކަމެއްގެ ލިސްޓު ނެރޭއިރު، ރަނގަޅަށް ނުބެލުމާއި އެހާ ބޮޑު އޮޅުމެއް އެއީ، ގަބޫލުކުރަން ދަތި ކަމެކެވެ. މައްސަލައެއް ނެތެވެ. މިނިސްޓަރު ވިދާޅުވި ގޮތަށް ހަތް ޕޮއިންޓް ޖެހުނީ ގަސްތުގައި ނޫން ކަމަށް ވެދާނެ އެވެ. އެކަމަކު ފްލެޓަށް ކުރިމަތިލީ 22،000 މީހުންގެ ތެރެއިން، އެތައް ބަޔަކަށް، އާއްމުކުރި މިންގަނޑާއި ޕޮއިންޓް ދީފައިވާ ގޮތް ދިމާ ނުވުމަކީ އޮޅުމަކަށް ވެގެން ނުވާނެ އެވެ. އެއީ، ހާމަކަން ބޮޑު ގޮތަކަށް އޮޅުން ފިލުވައިދޭން ޖެހޭ ކަމެކެވެ.

ފްލެޓް ދިނީ އިންސާފުން ނޫން ކަމަށް ބުނެ މީހަކު ކަންބޮޑުވުންފާޅުކޮށްފައި.

ކުރިމަތިލީ ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކުރިއިރު 30 މާކްސް ދީފައި އޮތް މީހެކެވެ. މާލޭގައި މެދު ނުކެނޑި ދިރިއުޅުނު މުއްދަތާއި ދަރިންގެ އަދަދުގެ ބައިން އެކަނި ހިސާބު ހަދައިގެން ބެލި ނަމަވެސް އޭނާ އަށް 50 ޕޮއިންޓް ލިބެ އެވެ. އެ 50 ޕޮއިންޓު އިތުރުވަނީ، އާއްމުކުރި މިންގަނޑުގައި ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، 30 ޕޮއިންޓް ދޭން ކަނޑައަޅާފައި އޮތުމުންނެވެ.

އެހެންކަމުން، އޭނާ އަށް ލިބެނީ ޖުމްލަ 30 ޕޮއިންޓު ކަމަށް ހަދާފައި އޮތީ ނުބައި ހިސާބެކެވެ.

"ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް އެންމެ ޕޮއިންޓެއް ނުދިނަސް 50 ޕޮއިންޓް އަހަރެންނަށް ލިބެން ޖެހެ އެވެ،" ހައުސިން މިނިސްޓްރީ އާއި އޭސީސީ އަށް ހުށަހަޅަން ތައްޔާރުކޮށްފައި އޮތް ޝަކުވާގައި އޭނާ ލިއެފައިވެ އެވެ.

"ފޯމުލީ މީހުންގެ ތެރެއިން 64 ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ލިބުނު ކަން ފާހަގަކޮށް، މި ޝަކުވާ މި ހުށަހަޅަނީ އަހަރެންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން، ރަނގަޅަށް ހިސާބު ހަދައިފި ނަމަ އަހަރެންނަށް ވެސް މަދުވެގެން އެ އަދަދަށް ޕޮއިންޓް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާތީ އެވެ. ވީމާ ނުބައިކޮށް، ހަދާފައިވާ ހިސާބު ރަނގަޅުކޮށް އަހަރެންނަށް ލިބެންވާ ޕޮއިންޓުގެ ހައްގު އަދަދު އިއުލާންކުރަން އިލްތިމާސްކުރަމެވެ."

ފޯމުތައް އަލުން އިވެލުއޭޓް ކުރަން މީހަކު އެދިފައި.

ފްލެޓް ދޫކުރުމުގައި އެންމެ މުހިއްމު ޝަރުތަކީ ދިރިއުޅުމުގެ ހާލަތެވެ. އެ ބަޔަކަށް ކަނޑައެޅީ 30 ޕޮއިންޓެވެ. ފްލެޓް ލިބުނީ އިންސާފުވެރިކަމާ އެކު އެންމެ ހައްގުވެރިންނަށް ކަމަށް މިިނިސްޓަރު މުއިއްޒު ވިދާޅުވިއަސް، ގޭގެއަށް ގޮސް، ދިރިއުޅުމުގެ ހާލަތު ނުބަލައި 30 ޕޮއިންޓު، ތަފާތުކުރެއް ނެތި ހަމަހަމަކަމާ އެކު ދިން ގޮތެއް ވެސް ސާފުކޮށްދެއްވަން ޖެހެ އެވެ.

ފްލެޓަށް އެދޭ ފޯމު ހައުސިން މިނިސްޓްރީން ބަލައިގަންނަނީ. --ފޮޓޯ/މިހާރު

ފްލެޓަށް އެދޭ ފޯމު ހައުސިން މިނިސްޓްރީން ބަލައިގަންނަނީ. --ފޮޓޯ/މިހާރު

ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށް ވައުދުވީ، އެންމެ ނިކަމެތިންނަށް ފްލެޓް ދޭން މި ސަރުކާރުން ބޭނުންވާތީ އެވެ. ވަގުތީ ލިސްޓު ނެރުނީ ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ކޮން އިރަކު، ކޮން ބަޔަކު ކުރި ކަމެއް ކަން ވެސް ސާފެއް ނޫނެވެ. އެ އިޝާރާތް ކުރައްވަނީ، ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ކުރި ކެމްޕޭންގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުން މާލޭގެ ގެތަކަށް ދޮރުން ދޮރަށް ހިނގައި މައުލޫމާތު އެއްކުރި ވާހަކަ ކަމަށް ވާ ނަމަ، އެކަން ވެސް އެ ހިނގީ ގޯސްކޮށެވެ.

އެހާ ހިސާބުން ސާފުކޮށްދޭން ޖެހޭ އަނެއް ކަމަކީ، ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި ބަޔަކަށް ފްލެޓް ލިބުނު ގޮތެވެ. މާލެ އަށް ބަދަލުވިތާ ކުޑަދުވަސްކޮޅެއްވީ މީހުންނަށް ފްލެޓް ލިބުނުއިރު، ވޭތުވެދިޔަ ސަރުކާރުތަކުގައި ފްލެޓަށް ފޯމުލައިގެން ވެސް ބޯހިޔާވަހިކަމެއް ނުލިބުނު އެތައް ބަޔަކު ވެސް އެބަތިއްބެވެ. މި މަޝްރޫއުން ވެސް އެ މީހުން ވީ ބާކީ އެވެ. ރަށްރަށުގައި ތިބި ޓީޗަރުންތަކަކަށް ފްލެޓް ލިބުނު ކަމުގެ ތުހުމަތު ވެސް އެބަކުރެ އެވެ.

އެއާއެކު، ދެމަފިރިންނާއި ފުދުންތެރި އާއިލާތަކުގެ މަންމަ ނުވަތަ ބައްޕައަށް ފްލެޓް ލިބިފައި އެއްބަނޑު އެއްބަފާ ތިން ހަތަރު ބެއިންނަށް ފްލެޓް ލިބުނު ގޮތް ވެސް އޮޅުންފިލުވައިދޭން ޖެހެ އެވެ. މިއީ، އަވަސް އަރުވާލައިގެން ފޯމުތައް އިވެލުއޭޓް ކުރަން އުޅުމުން ވީގޮތެއް ކަމަށް ވެސް ވެދާނެ އެވެ. އެއްބަޔަކު ދިގު ކިޔޫއެއްގައި ޖެހިގެން ފޯމުލައި ނިމުނުތާ ދެ ދުވަހެއްގެ ތެރޭގައި އިވެލުއޭޝަން ވަނީ ނިންމައިފަ އެވެ.

އެކަމަކު އެތައް ރައްޔިތުންގެ ހައްގާ ގުޅިފައިވާ ބޯހިޔާވަހިކަން ލިބޭ މީހުންގެ ލިސްޓެއް ނެރޭއިރު އޮޅުމަކުން އެކަކަށް ޕޮއިންޓް ގިނަވެފައި އަނެކަކަށް ޕޮއިންޓް މަދުވުން ބަލައެއް ނުގަނެވޭނެ އެވެ. ފްލެޓް ދޭން ނުބައިކޮށް ހެދި ހިސާބު ރަނގަޅު ކުރަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން އަލުން ފޯމުތައް އިވެލުއޭޓް ކުރިއަސް އިންސާފުވެރިކަމާ އެކު އެ މިިނިސްޓްރީން ފްލެޓް ދޭނެ ކަމުގެ އިތުބާރެއް ގިނަ ބަޔަކަށް ނެތެވެ. ދެ މަޝްރޫއެއްގައި ފްލެޓް ލިބޭ މީހުން ކަނޑައެޅީ ގިނަ ބަޔަކު މާޔޫސްކުރުވައިފަ އެވެ. އެހެންކަމުން، ދެން އޮތް ގޮތަކީ ދެފުށް ފެންނަ، އިތުބާރު ކުރެވޭ ކޮމެޓީއަކާ ފޯމުތައް އިވެލުއޭޓް ކުރަން ހަވާލުކުރުމެވެ. އިންސާފުވެރިކަމާ އެކު އެންމެ ހައްގުވެރިންނަށް ފްލެޓް ކަށަވަރު ކުރެވޭނީ އޭރުންނެވެ.