Roadha Mihaaru
މެސީ އަށް ބިޑެއް ނުކުރަން: މެންޗެސްޓާ ސިޓީ

މެސީ އަށް ބިޑެއް ނުކުރަން: މެންޗެސްޓާ ސިޓީ

14 އޮކްޓޯބަރ 2018

މެންޗެސްޓާ (އޮކްޓޫބަރު 14) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް މެންޗެސްޓާ ސިޓީން ބޮޑު މުސާރައަކާ އެކު ބިޑްކޮށްފައިވާ ކަމަށް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެ ކްލަބުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮކްޓޫބަރު 14) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް މެންޗެސްޓާ ސިޓީން ބޮޑު މުސާރައަކާ އެކު ބިޑްކޮށްފައިވާ ކަމަށް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެ ކްލަބުން ބުނެފި އެވެ.

ސިޓީގެ ކޯޗުކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ 2016 ވަނަ އަހަރު އައި ފަހުން މީޑިއާގައި ސިޓީ އާއި މެސީއާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ކޮންމެ ފަހަރަކު ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސްޕެއިނުގެ މީޑިއާގައި ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ހަބަރެއްގައި ލިޔެފައިވާ ގޮތުން ހަލްދޫން ވަނީ ގާޑިއޯލާ ގާތުގައި ސިޓީ އަށް މެސީ ގެންނަން އެދިފަ އެވެ. އަދި ބާސެލޯނާ އިން ދޭ މުސާރައިގެ ތިން ގުނަ ސިޓީން ދޭން ހުށަހެޅުމުން ވެސް މެސީ ކްލަބް ބަދަލުކުރަން ބޭނުންނުވި ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ސްޕެއިނުގެ މުންޑޯޑިޕޯޓިވޯ އިން ރިޕޯޓްކުރި ގޮތުގައި ސިޓީން އޮތީ މެސީ އަށް ހަފްތާ އަކު 1.3 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ.

އެ ވާހަކަތަކާ ގުޅިގެން ސިޓީގެ ތަރުޖަމާން އިނގިރޭސި މީޑިއާތަކަށް ބުނީ ސިޓީން އެ ފަދަ އެއްވެސް ވާހަކަތަކެއް ދައްކާފައިނުވާ ކަމަށާއި މެސީ އަށް ބިޑްކުރި ކަމަށް މީޑިއާގައި އުޅޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އުމުރުން 31 އަހަރުގެ މެސީ ވަނީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު އާ ކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ މެސީއާ އެކު އިތުރު އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ބޭނުންވަނީ މެސީ ރިޓަޔާކުރަންދެން އެ ކްލަބްގައި އޭނާ ބަހައްޓާށެވެ.

މި ސީޒަނުގައި މިިހާތަނަށް މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނަތީޖާތަށް ދަށްވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން މެސީ އަށް ބޮޑުވުމާ އެކު އޭނާ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަގައިފަ އެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕަށް ފަހު މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި މެސީ ބައިވެރިނުވެ އެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މެސީ އަދި ގައުމީ ޓީމުން ފެންނާނެ ކަމަށް ބުނެފަ އެވެ.