Roadha Mihaaru
އަނިޔާ އިން ކުރި އަސަރުން ޖަމީލް ކީރިތިކުރައްވައިފި

އަނިޔާ އިން ކުރި އަސަރުން ޑރ. ޖަމީލް ކީރިތި ކުރައްވައިފި

15 އޮކްޓޯބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ރައްޔިތުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީ، ހައްގުތައް ނިގުޅައިގަނެ، ބިކަކުރި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ވީޓީވީގެ ލައިވް ޕްރޮގްރާމެއްގައި ރޭ ކީރިތި ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ރައްޔިތުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީ، ހައްގުތައް ނިގުޅައިގަނެ، ބިކަކުރި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ވީޓީވީގެ ލައިވް ޕްރޮގްރާމެއްގައި ރޭ ކީރިތި ކުރައްވައިފި އެވެ.

ގައުމުން ބޭރުގައި ހޭދަކުރައްވަން މަޖުބޫރުވެވަޑައިގަތް ތިން އަހަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ވީޓީވީގައި ޖަމީލް ވިދާޅުވީ އެމަނިކުފާނަށް ތަހައްމަލް ކުރައްވަން ޖެހިވަޑައިގަތް ކަންކަމަށް އެކަނި ބަލާއިރު، އެއީ މުޅިން ވެސް ނާއިންސާފާއި އަނިޔާ ކަމަށެވެ. އެ ކަންތައްތަކުގެ އަސަރު އާއިލާ އަށް ކުރި ކަމަށާއި ދަރިން ކިޔެވުމުން މަހްރޫމްވެ އަހަރެއް ހޭދަވިއިރު، މާމާފުޅު އަވަހާރަވެގެން މޫނުު ބަލާލަން ވެސް ފުރުސަތެއް ލިބިވަޑައިނުގަތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރު ކުރައްވައި، ރައީސް ޔާމީން ވެރިކަމަށް ގެންނެވުމުގެ އިނާމު ދެއްވީ، ވަރަށް ހިތްދަތިކޮށް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ޖަމީލް ކީރިތި ކުރެއްވި އެވެ.

އަމިއްލަފުޅަށް އަނިޔާގެ ވާހަކަ ވިދާޅުވާން ޖެހިވަޑައިގަތުމުން ކުރެއްވި އަސަރުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން ޕްރޮގްރާމް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ވެސް ޖެހުނެވެ. އަލުން ވާހަކަ ކުރިއަށް ގެންދެވީ ވެސް ވަރަށް އަސަރާ އެކުގަ އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި މަގާމުން ދުރުކުރަން، އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ވެއްދީ އެމަނިކުފާނުގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. މަޖިލީހަށް މައްސަލަ ވެއްދުމަށް ފަހު، ސަރުކާރުން މަސައްކަތް ފެށީ އޭނާ ހައްޔަރުކޮށް ދޫނިދު އަށް ގެންދަން ކަމަށް ވިދާޅުވި އެވެ. ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިނުގެން އިނގިރޭސިވިލާތަށް ވަޑައިގަތީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ރާއްޖެ އިން ދާކަށް ނުޖެހޭ ދެއްތޯ؟ އަޅުގަނޑުގެ ވެސް ވަޒަން މިއީ. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑު އިމްޕީޗް ކުރެވުނު ކަމަކަށް. ގާނޫނީ ގޮތުން ނުކުރެވޭ. މިނިވަން އިންސާފުވެރި ތަހުގީގެއް ނުކުރެވޭ، ޖަވާބުދާރީ ވާނެ ފުރުސަތެއް ނުދޭ،" ޖަމީލް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ ތިން އަހަރެއްހާ ދުވަސް ފަހުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މާލެ ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން އެމަނިކުފާނަށް މަރުހާބާ ދަންނަވަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ ތިން އަހަރެއްހާ ދުވަސް ފަހުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މާލެ ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން އެމަނިކުފާނަށް މަރުހާބާ ދަންނަވަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލް މަގާމުން ދުރުކުރީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން، ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތާ ވެސް އެކުގަ އެވެ. އެކަމަކު އެ ތުހުމަތު ދޮގުކުރައްވަމުން ވިދާޅުވީ، އެފަދަ އެއްވެސް ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. އޮތް ނަމަ، ސަރުކާރުގެ ތެރޭގައި ހިނގި ކަންކަން ރައްޔިތުންނަށް ކިޔައިދެއްވައި އެ ފުރުސަތު ފަހިކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ނޫންތޯ ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު ނުކުރަން އެކަމެއް، ދައުލަތުގެ ސިއްރުތައް ހިފެހެއްޓިން،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމުނީ އެމަނިކުފާނާ ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުންނަށް ބޮޑެތި އަނިޔާތަކެއް ދެއްވުމަށް ފަހު އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވެސް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ނުކުތް އެތައް ރައްޔިތުންނަކަށް ވެސް ރައީސް ޔާމީން ޖާގަ ދެއްވީ ޖަލުގެ ކުޑަގޮޅިން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ނިޒާމާއެކު ސިޔާސީ ވާދަވެރިކަން ރާއްޖޭގައި އޮތަސް، ރައްޔިތުންނަށް ތަހައްމަލް ނުކުރެވޭ މިންވަރަށް އަނިޔާވެރިވުން އެއީ ދިވެހިން އެއް އިރެއްގައި ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަަމަށް ވިދާޅުވި އެވެ. އެއް ބަޔަކު އަމިއްލަ ވަޒަން ދޫކޮށް އަރުވާލެވިގެން ތިބެންޖެހުނުއިރު، ނުހައްގުން ތުހުމަތުތަކާއި ދައުވާތަކަށް މީހުން ފައްތައި އާއިލާއާ ދުރުކޮށް، އެކަހެރި ކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގެވި ރަހުމެއް ނެތް ކަންކަން ކަމަށް ވިދާޅުވި އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ސިޔާސީ ލީޑަރުންގެ ވާހަކަ ވަކިވަކިން ވިދާޅުވަމުން، އެ ހުރިހާ ބޭފުޅުންނަށް ވެސް އަނިޔާ ލިބިވަޑައިގަތް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައި ވާހަކަ ދެއްކެވި އެވެ.

"އިންސާނެއްގެ ހަޔާތުގައި އެންމެ ދުވަހަކަށް ވެސް އޭނާގެ މިނިވަންކަން ނިގުޅައިގަތުމަކީ ޖޯކެއް ނޫން، ޖަލަށް ގެންދިޔަ މީހުން އަށީގައި. ކުޑަ ގޮޅީގައި. އަނދިރި ގޮޅިތަކުގައި ބޮކީގެ އަލިކަން ނެތް ތަންތަނުގައި. އެއީ، ވަރަށް ނިކަމެތި ބައިނަލްއަގުވާމީ ގާނޫނާއި ރާއްޖޭގެ ގާނޫނުތަކުގެ ތެރޭގައި ސީދާ އަނިޔާކުރުން،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތުން، ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅާ ހަމައަށް އެއްވެސް ރައްޔިތަކަށް ދެވިދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. ބުރަ މަސައްކަތުން ރައްޔިތުން އެ ފުރުސަތު ހޯދައި ރައީސް ޔާމީން މަގާމުން ދުރުކުރުމުން އަދިވެސް ރައްޔިތުންގެ މައްޗަށް ބާރު ދައްކަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.

އިންތިޚާބުގެ ބަލި ގަބޫލުނުކުރައްވައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އިންތިޚާބު ބާތިލްކުރަން ޖެހޭ ހުއްޖަތެއް އެ މައްސަލައިގައި ނެތް ކަމަށެވެ.