Roadha Mihaaru
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން

ބަލަން އުޅުނު ފައިލްގައި ޔާމީންގެ ކެންޑިޑެސީއާ ގުޅޭ ލިޔުމެއް ނޯންނާނެ: ވަކީލުން

23 ޖުލައި 2023

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ ގުޅޭ އެއްވެެސް ލިޔެކިޔުމެއް މިއަދު ޖަލަށް ނުގެންދާކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ ގުޅޭ އެއްވެެސް ލިޔެކިޔުމެއް މިއަދު ޖަލަށް ނުގެންދާކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ޔާމީންގެ ވަކީލުން މިއަދު ޖަލަށް ވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރަން ކަރެކްޝަންސުން ހުއްދައެއް ނުދިނެވެ. އެއީ، ވަކީލުން ގެންދިޔަ ފައިލެއް ދައްކަން ދެކޮޅު ހެދުމުންނެވެ.

ޔާމީންގެ ވަކީލުން މާފުށިން އެނބުރި ވަޑައިގެން ނޫސްވެރިންނަށް ވިދާޅުވީ ފައިލް ޗެކް ކޮށްފައި ނޫނީ ނުވަދެވޭނެ ކަމަށް މިއަދު އެންގި ކަމަަށެވެ. މިއީ ކަރެކްޝަންސަށް އަމަލުކުރެވޭނެ ގޮތެއް ނޫން ކަމަށް ވަކީލުން ބުންޏެވެ.

"އަޅުގަނޑު ދެންނެވިން ފައިލް ޗެކް ކުރާށޭ، ސެކިއުރިޓީ ތްރެޓަކަށް ވާ ފަދަ އެއްވެސް ކަހަލަ އާލާތެއް ހަތިޔާރެއް އެއްޗެއް، ނުވަތަ ރެކޯޑިން ޑިވައިސްއެއް އޮތްތޯ ބެލުމަކީ ތިބޭފުޅުންގެ ހައްގެކޭ، އެކަމަކު ލިޔެކިޔުންތައް ހާވާ ބެލުމަކީ ތިބޭފުޅުންނަށް ކުރެވޭނެ ކަމެއް ނޫނޭ،" ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ޔާމީން އިންތިހާބުގައި ވާދަކުރުމާ ގުޅޭ އެއްވެސް ލިއުމެއް އެ ފައިލްގައި ނޯންނާނެ އެވެ.

"އެފަދަ އެއްވެސް އެއްޗެއް ނޯންނާނެ،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކީލާއި މުވައްކިލާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި ބަދަލުކުރެވޭ ލިޔުންތަަކަކީ ގާނޫނުގެ 38 ވަނަ މާއްދާ އިން ރައްކާތެރިކަން ލިިބިގެންވާ ލިޔެކިޔުންތަކެއް ކަމަށެވެ. ކަރެކްޝަންސުން އެ ލިއުންތައް ބަލަން އުޅުމަކީ ގާނޫނީ އިމުން ބޭރުވުން ކަމަށާއި އެފަދަ އަމަލުތައް ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅަން ޖެހުނީ މިފަދަ ރައްކާތެރިކަން ހޯދުމަށް ކަމަށެވެ. ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތެވެ.

ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމަށް ތުހުމަތުކޮށް ވަކީލުންނަށް ހުއްދަ ނުދިން އިރު ރިޔާސީ އިންތިހާބުގައި ވާދަކުރަން ޔާމީންގެ ފޯމު ހުށަހަޅަން ޕީޕީއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޖަލު ހުކުމެއް ތަންފީޒު ކުރެއްވިޔަސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި އެ މަނިކުފާނުގެ ފޯމު އިލެކްޝަންސަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ.

ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އިންތިހާބަށް ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ޔާމީނަށް އޮތީ ބަންދުވެފަ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ. ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ.