Roadha Mihaaru
ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

ރައީސް ޔާމީނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު ކޮބާ؟

24 ޖެނުއަރީ 2017

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި ކެންޑިޑޭޓެއް ވެސް ސާފެއް ނޫނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން، ވެރިކަން ކުރާ ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. ދޮރުން ދޮރަށް ހިނގުމާއި ބައްދަލުވުންތަކާއި އަތޮޅުތަކުގެ ދަތުރުތައް ވެސް ކުރިއަށް އެބަ ދެ އެވެ. އެކަމަކު އެމަނިކުފާނާ ވާދަކުރައްވާނެ އިދިކޮޅު ހަރަކާތްތައް މިވަނީ ފަނޑުވެފަ އެވެ. އިދިކޮޅު އެއްވެސް ހަރަކާތެއް، ކެމްޕޭނެއް އަދި ކެންޑިޑޭޓެއް ވެސް ސާފެއް ނޫނެވެ.

އެކަމަކު، ރައީސް ޔާމީނާ ދެކޮޅަށް ކެންޑިޑޭޓަކު ނެރެން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ. މި ސަރުކާރު ބަލިކުރަން އުފެއްދި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖެ އޮތް ހާލަތުން، ހަމައެކަނި އޮތް ހައްލަކީ އިދިކޮޅު އެންމެން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމެވެ.

އެމަނިކުފާނުގެ މި ވާހަކަފުޅަށް، ސަރުކާރާ ދެކޮޅު މީހުން ތާއީދުކުރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ، ތިން ބާރު ވަކިވެފައިވާ ނިޒާމްގައި ބާރުތައް އެއްވެ، ހުރިހާ ބާރުތަކެއް ސަރުކާރުގެ މުށުތެރެ އަށް ޖަމާވެފައިވާ ކަމަށް އެ މީހުން ގަބޫލުކުރާތީ އެވެ.

އެއް ކެންޑިޑޭޓަކު ނެރެެގެން އިންތިހާބު ކާމިޔާބުކުރުމުގެ ވިސްނުން އިދިކޮޅު ފަރާތްތަކުން ގެންގުޅުނު ނަމަވެސް ކެންޑިޑޭޓަކު ނެރެވޭނެ ގޮތެއް އަދި ނެތެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވާނީ ކިތައް ބޭފުޅުންކަމެއް ވެސް ނޭނގެ އެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރުންތަކެއް ސިޔާސީ ބައެއް ބޭފުޅުންނާ އެކު ލަންޑަންގައި. - ފޮޓޯ: ޓްވިޓާ

އިދިކޮޅު އިއްތިހާދުގެ ލީޑަރުންތަކެއް ސިޔާސީ ބައެއް ބޭފުޅުންނާ އެކު ލަންޑަންގައި. - ފޮޓޯ: ޓްވިޓާ

އެއް ކެންޑިޑޭޓު ނެރޭނޭ ފޯމިއުލާއެއް އަދި ނެތް!

އިދިކޮޅު ލީޑަރުން ނުވަތަ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ސިޔާސީ ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް ތިއްބެވީ ޖަލު ހުކުމުގަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

އިންތިހާބުގައި ވާދަކުރައްވަފާނެ ލިސްޓުގައި ދެން ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. އެމަނިކުފާނު ވެސް ރާއްޖެ ވަޑައިގަންނަވާތަނުން ހައްޔަރު ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. ސަބަބަކީ، ރައީސް ޔާމީން ހައްޔަރުކުރަން ހެދި ވަގު ކޯޓު އަމުރުގެ ފަހަތުގައި އުޅުއްވި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްސަލައެއް ތަހުގީގުކުރަން ފަށައި، ރާއްޖެ އެނބުރިވަޑައިގަތުމަށް ފުލުހުން އަންގާފައި ވާތީ އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެ ފުރުސަތެއް ނެތެވެ. މި ހުރިހާ ލީޑަރުން "ތާށިކޮށްފައި" ތިބިއިރު އެއް ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް އަދި ނުހޯދެ އެވެ.

މި ބޭފުޅުން އެއްކައިރި ކުރުމަށް ފަހު، އާ މޫނެއް އިންތިހާބަށް ނެރެފި ނަމަ ކާމިޔާބުވާނެ ހެއްޔެވެ؟ މިއީ ވެސް އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އުފައްދާ ސުވާލެކެވެ.

ދެން އޮތީ، އިދިކޮޅު ލީޑަރުގެ ގޮތުގައި، ޕީޕީއެމްގެ އިސް ފަރާތްތަކުން މިހާރު ސިފަކުރާ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކެންޑިޑޭޓެއް ދެއްކެވުމެވެ؛ އެމަނިކުފާނު ދައްކަވާ ކެންޑިޑޭޓަށް އިދިކޮޅު އިއްތިހާދުން ރުހޭނެ ހެއްޔެވެ؟ ނުވަތަ މައުމޫން ދައްކަވާ ކެންޑިޑޭޓަށް އެމްޑީޕީން ވޯޓު ދޭނެ ހެއްޔެވެ؟

މައުމޫނާއި ގާސިމް އަދި އިމްރާން ހިމެނިވަޑައިގަންނަވާ ގޮތަށް ކޯލިޝަނެއް ހެދިއަސް، އެ ކޯލިޝަނަށް އެމްޑީޕީގެ ތާއީދު ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

ސިޔާސީ ގޮތުން މި ބޭފުޅުން ކުރައްވާފައިވާ ތަޖުރިބާ އަށް ބަލާއިރު، އެކަކު އަނެކަކަށް އިތުބާރު ވަނީ ގެއްލިފަ އެވެ. މިހާތަނަށް ހިނގާފައިވާ އެކި ހާދިސާތަކުން މިކަން ވަރަށް ސާފެވެ. އެހެންކަމުން، މިހާތަނަށް ގެންގުޅޭ ހުރިހާ ވިސްނުންތަކުން ނެރޭ އެއްވެސް ފޯމިއުލާއެއް ކާމިޔާބު ނުވާނެ ކަމަށް ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ހިޔާލުތަފާތުވުންތައް ބޮޑު!

ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު އިއްތިހާދެއް އެކުލަވާލީ 2018 ގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވުމަށެވެ. އޭރު އަމާޒު ހިފާފައި އޮތީ، އިންތިގާލީ އިންތިޒާމެއްގެ ތެރެއިން އެމްޔޫއޯ ވެރިކަމާ ހަވާލުވެ އިންތިހާބެއް ބާއްވާށެވެ. އެކަމަކު އެ މަގްސަދު ހާސިލްނުވެ އެމްޔޫއޯގެ ހަރާކާތްތައް ވެސް މިވަނީ މަޑުޖެހިފަ އެވެ. އޭގެ ސަބަބަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، ތަފާތު ފިކުރުތަކުގެ ގިނަ ބަޔަކު އެމްޔޫއޯގައި ތިބުމުން އުފެދޭ ހިޔާލުތަފާތުވުންތަކެވެ. އެއް މިސާލަކީ ލޯކަލް ކައުންސިލްގެ އިންތިހާބެވެ.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިއަށް ދަނީ

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިއަށް ދަނީ

ކުރިން ނިންމާފައި އޮތީ އެމްޔޫއޯގައި ހިމެނޭ އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށެވެ. އެކަމަކު އަދާލަތުގެ ވިސްނުން ބަދަލުކޮށް އިންތިހާބުގައި ވާދަނުކުރަން ނިންމި އިރު، އެމްޑީޕީގެ ޚިޔާލު މުޅިން ތަފާތެވެ.

އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ބާއްވާ އިންތިޚާބެއް މިނިވަންނުވާނެތީ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް އަދާލަތުން ގަބޫލުކުރާއިރު އެމްޑީޕީން ބުނެފައި ވަނީ ކިތަންމެ ހަނި ފުރުސަތެއް ލިބުނަސް އެ ޕާޓީން އިންތިޚާބުތަކުގައި ވާދަކުރާނެ ކަމަށެވެ. މި ހިސާބުގައި ޚިޔާލުތަފާތުވުންތައް ހުރިއިރު، ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމުގައި ކުރިމަތިވާނެ މައްސަލަތައް މާ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ބޭރުގެ ޕްރެޝަރުން ބަދަލެއް އަތުވެދާނެތަ؟

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި، ރިޔާސީ އިންތިހާބާ ދެމެދު މި އޮތް ދުވަސްތަކުގައި ސިޔާސީ މަސްރަހުގެ ގިނަ ކަންކަމަށް ބަދަލު އައުން އެކަށީގެންވެ އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އެހެން ވެސް ގިނަ ކަންކަން ކުރިއަށްދާ ގޮތުން، ރިޔާސީ އިންތިހާބު މިނިވަންކުރަން ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް އެހީވާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.

އެ ބަދަލުތަކުގެ ތެރޭގައި އިދިކޮޅު އެންމެން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެވިދާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ސިޔާސީ ކަންތައްތަކުގައި އޮންނާނީ ކޮމްޕްރޮމައިޒްކުރުން. އެންމެން ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން މަސައްކަތް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވަނީ. --ފޮޓޯ/ މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވަނީ. --ފޮޓޯ/ މިހާރު

ރިޔާޒް ވިދާޅުވި ގޮތުގައި އެ ޕާޓީއަކުން ނެރެން ބޭނުންވާ މީހަކަށް ވާދަކުރެވޭ މިނިވަން އިންތިހާބެއް ބާއްވަން ޖެހެ އެވެ. ޝަރުއީ ނިޒާމްގެ ތެރެއިން، ސިޔާސީ މަގްސަދު ހާސިލްކުރަން، ގިނަ ލީޑަރުންތަކަކަށް ހުކުމް އިއްވާފައިވިއަސް އެއީ ޑިމޮކްރެޓިކް އެއްވެސް ގައުމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ގާނޫނީ ހަމަތަކުގެ ތެރެއަކުން ނޫން. އޮނަރަބަލް ގާސިމަށް ކުރިމަތި ނުލެވޭ ގޮތް ހަދާފައި އެ ވަނީ ޑިމޮކްރެޓިކް އުސޫލަކުން ނޫން. ކާނަލް ނާޒިމްގެ މައްޗަށް ކުށް ސާބިތުކުރީ ކޮން މަގްސަދެއްގައި ކަން ޝައްކެއް ނެތް މިންވަރަށް އޮތީ ސާބިތުވެފައި. ޝޭހް އިމްރާނަށް އިއްވި ހުކުމް ވެސް އެއްވެސް ގޮތަކަށް ބަލައެއް ނުގަނެވޭ،" ރިޔާޒް ވިދާޅުވި އެވެ.

ޝަރުއީ ނިޒާމް މެދުވެރިކޮށް ރައީސް ޔާމީން ބޭނުންފުޅުވާ ކޮންމެ ކަމެއް ކުރައްވާ ކަން ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ވަރަށް ސާފު ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމަކު އެގޮތަށް އަބަދު ކަންކަން ވާން ބައިނަލްއަގުވާމީ މުޖުތަމައުން ދޫކޮށްލާނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޖަލަށް ލާފައި ތިބި ސިޔާސީ ލީޑަރުން ބޭރުގެ އެކި ގައުމުތަކުގައި ނުވަތަ ގޭބަންދުގައި ތިއްބެވީ ވެސް، ރިޔާޒް ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ޕްރެޝަރާ ހެދި އެވެ. އެހެންކަމުން، ރިޔާސީ އިންތިހާބާ ހަމައިން ސިޔާސީ މަސްރަހަށް ބަދަލުތަކެއް އައިސް އެއް ކެންޑިޑޭޓު ނެރޭނެ ފޯމިއުލާއެއް ވެސް ފެންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިހާބާ އެކު ސިޔާސީ މަސްރަހަށް އަނެއްކާވެސް ޝައުގުވެރި ބަދަލުތަކެއް އަންނާނެ އެވެ. މި ބަދަލުތައް މުޅިން ސާފުވާނީ، އިންތިޚާބުގައި ވާދަކުރައްވާނެ އިދިކޮޅު ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓުންނާ ހިސާބުންނެވެ.