Roadha Mihaaru
އިންތިޚާބުގެ މައްސަލާގައި ފަހު އަޑުއެހުން މާދަމާ

ހޫނު ބަހުސްތަކަށް ފަހު އިންތިޚާބުގެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ

15 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ސިއްރު ހެކިވެރިންގެ ގޮތުގައި ހުށަހެޅި ފަރާތްތައް ބަލައިގަތުމާ މެދު މާދަމާ ގޮތެއް ނިންމަން ހަމަޖައްސައި، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ސިއްރު ހެކިވެރިންގެ ގޮތުގައި ހުށަހެޅި ފަރާތްތައް ބަލައިގަތުމާ މެދު މާދަމާ ގޮތެއް ނިންމަން ހަމަޖައްސައި، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން މާދަމާ ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިއަކު ހުށަހެޅީ ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ.

އެ ހެކިވެރިންގެ ނަންތައް ސިއްރު ކޮށްފައި އޮތަސް، އެ މީހުން ދީފައިވާ ބަޔާންތަކެއް މިއަދު ވަނީ ޝަރީއަތަށް ހުށަހަޅައި، މައްސަލާގައި ހިމެނޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އެ ބަޔާންތައް ދިނީ އެ މީހުންނަކީ ކޮން ބައެއް ކަން އެނގޭ ގޮތަށް ހުރި މައުލޫމާތުތައް އުނި ކުރުމަށް ފަހު އެވެ.

އެ މީހުންގެ ހެކިބަސް ސިއްރުން ނަގަން އެދެނީ ކީއްވެގެންތޯ މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސުވާލު ކުރެއްވުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްބާސް ޝަރީފް ވިދާޅުވީ އެގޮތަށް އެދެނީ ގައުމުގެ މަސްރަހު މިހާރު އޮތްގޮތުން ކަމަށެވެ.

ހެކިވެރިންނަކީ ކޮން ބައެއްކަން ހާމަވެއްޖެ ނަމަ، އެ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ އެ މީހުން ފުރާނައިގެ ރައްކަލަކަށްޓަކައި އެ މީހުންގެ މައުލޫމާތު ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

މެންދުރު ފަހު ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނާއި އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އިދިކޮޅު ކޯލިޝަނަށް ފުރުސަތު ދެއްވުމުން އެ ދެ ފަރާތުން ވެސް ވަނީ ސިއްރުން ހެކިބަސް ނެގުމަށް އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވެސް ވަރަށް ޚާއްސަ ހާލަތްތަކުގައި ނޫނީ ނުކުރެވޭ ކަމެއް ކަމަށެވެ. ވޯޓަކީ ދެ ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ ހައްގު އެކުލެވޭ ކަމެއް ކަމަށް ވާއިރު، އެފަދަ ބޮޑު ކަމެއްގައި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިއްރު ހެކިވެރިން ދިން ކަމަށް ބުނާ ބަޔާންތަކުގައި އޮތީ އެ މީހުން އަމިއްލައަށް ޖިނާއީ ކުށްތަކެއް ހިންގި ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިިދިކޮޅު ކޯލިޝަންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ މައްސަލާގައި އެއްވެސް ހެކިވެރިއަކު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ހެކިވެރިން ހުށަހަޅާފައި ތިބީ ޖިނާއީ ކަންތައްތަކެއް ސާބިތުކުރަން ކަމަށާއި އެކަމަކު ޖިނާއީ ތަހުގީގެއް ހިންގުމެއް ނެތި، އެކަމަކާ ގުޅިގެން ހެކިވެރިން ކޯޓަށް ގެނެސް ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހެކިން ހާޒިރުކުރަން ނިންމިޔަސް، ހެކިވެރިންގެ ހެކިބަސް ސިއްރުން ނެގުމަކީ އެ މައްސަލާގައި ކުރެވޭނެ ކަމެއް ނޫނެވެ. ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެލާ ބުނެލުމަކުން ހެކިވެރިން ސިއްރު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ވަކީލް ނޫރު ވިދާޅުވީ ހެކިވެރިންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ނަމަ، އިންތިޚާބުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނާއި ރައީސް ޔާމީންގެ ވަކީލުންނަށް ވެސް އެ ނުރައްކާ އޮތީސް ކަމަށެވެ.

ވޯޓު ކަރުދާހުގެ މައްސަލާގައި ދެ ފަރާތުގެ ބަހުސްތައް

މިއަދުގެ އަޑުއެހުމުގައި ރައީސްގެ ވަކީލުން އެންމެ ބޮޑަށް ފާހަގަކުރީ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް އެމް 7 ކުންފުންޏަށް ދިނުމާއި ވޯޓު ކަރުދާސް ބެހެއްޓި ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ނުވުމުގެ އިތުރުން ދެލި ފޮހެވޭ ގަލަންތަކެއް ބޭނުން ކުރި ވާހަކަ އާއި ފާހަގަ ޖެހޭ އަނގޮޓިތަކެއް ބޭނުން ކުރި ކަމަށް ބުނާ ވާހަކައަށެވެ.

ރައީސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްބާސް ވިދާޅުވީ އެމް 7 ކުންފުންޏަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމްގެ އިބްރާހިމް ދެ ދަރިކަލެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުންޏަށް ވޯޓު ކަރުދާސް ޗާޕްކުރަން އިލެކްޝަންސް ކޮމިޝަނުން ހަވާލު ކުރި ކުރުމަކީ ވަކި ގޮތަކަށް ނަތީޖާ އަނބުރާލުމަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެމް 7 ގެ އިތުރުން އެކަމަށް ބިޑް ހުށަހެޅި ދެވަނަ ކުންފުނި ކަމަށްވާ ނޮވެލްޓީއަކީ އެކަމުގެ ތަޖްރިބާ ލިބިފައިވާ ބަޔަކަށް ވާއިރު، އެމް 7 ކުންފުންޏަށް ވުރެ ގިނައިން ނޮވެލްޓީއަށް ބިޑްގައި ޕޮއިންޓް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނޮވެލްޓީއަށް ޕޮއިންޓް ދިންއިރު އެތަނުގެ ސެކިއުރިޓީ ކަންކަން ހުރިގޮތް ފުލުހުން ބަލާފައި ނެތް ކަމަށާއި އެކަންކަން ބެލީ ކޮމިޝަންގެ ހަތަރު މުވައްޒަފަކު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮވެލްޓީން ފުރަތަމަ ހުށަހެޅި ބިޑްގައި އެމް 7 އަށް ވުރެ ގިނަ ސަލާމަތީ ފީޗާތައް ވޯޓު ކަރުދާހުގައި ހިމަނާނެ ކަމަށް ބުނެފައި އޮއްވައި އެ ބިޑް ބާތިލް ކުރުމަށް ފަހު، ބިޑް ނުކޮށް އެމް 7 އަށް އެ މަސައްކަތް ހަވާލު ކުރި ކުރުމަކީ އެކަން ނޮވެލްޓީއަށް ނުދޭން ގަސްދުގައި ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާސް ބެހެއްޓި ތަނުގެ ސެކިއުރިޓީއާ މެދު ސުވާލު އުފައްދަވަމުން އައްބާސް ވިދާޅުވީ އެތަނަށް ވަތް މުވައްޒަފުން ނިކުތް ވަގުތުތައް ކޮމިޝަނުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. ގިނަ އަދަދެއްގެ މުވައްޒަފުން އެކަމުގައި ހަރަކާތްތެރިވި ކަމަށާއި އަދި 197 ފަހަރު އެތަނަށް ކޮމިޝަންގެ މުވައްޒަފުން ވަދެފައި ހުރިކަން ލިޔުންތަކުން އެނގޭ ކަމަށާއި އެއީ ކޮން ބޭނުމެއްގައި ކުރި ކަމެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެތަނުގެ ކެމެރާ ހަރުކޮށްފައި ހުއްޓަސް، އެތަނުގައި ވަގުތުން ވަގުތަށް ހިނގަމުންދާ ކަންކަން ފުލުހުންނަށް ބެލޭނެ ގޮތެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ، އެތަނުގެ ވީޑިއޯ ބެލެން އޮންނަނީ ހަމައެކަނި މައްސަލައެއް ދިމާވުމުން ކަމަށް އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން ދެލި ފޮހެވޭ ގަލަމާއި ފާހަގަ ޖެހޭ އަނގޮޓިތައް ބޭނުން ކުރިކަމުގެ ސިއްރު ހެކިވެރިން އެބަތިބި ކަަމަށާއި އެ މީހުންގެ ހެކިބަސް ސިއްރުން ނަގަން ބޭނުންވަނީ އެ މީހުންގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް ރޭވިފައި ހުރީ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބޭ ފަދަ ގޮތަކަށް ނޫން ކަމަށް ވިދާޅުވެ، އެކަންކަން ކޮށްފައި ހުރީ އިންތިޚާބުގައި މައްސަލައެއް ނެތްކަން ދެއްކުމަށްޓަކައި ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ އެ މައްސަލާގައި ފާހަގަކުރާ ކަންކަން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށް ދިނުމަށެވެ.

ރައްދުގައި އިލެކްޝަންސްގެ ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ ބިޑް ކުރުމެއް ނެތި އެމް 7 އަށް ޗާޕް ކުރަން ދިނީ ރައީސް ޔާމީން އައްޔަން ކުރެއްވި ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި، އެކަމުގެ ހުއްދަ ދެއްވުމުން ކަމަށާއި އެކަމުގައި މައްސަލައެއް އުޅޭ ނަމަ ދާން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަމަށެވެ.

ވޯޓު ކަރުދާސް ހުރި ތަނުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފައްދާފައިވާތީ ޝަމީމް ވިދާޅުވީ އެތަނަށް ކޮމިޝަންގެ ގިނަ މުވައްޒަފުން އެހާ ގިނައިން ވަދެފައިވަނީ ވޯޓު ކަރުދާހުގެ އަދަދު ގުނަން ޖެހޭތީ ކަމަށާއި އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް އެ މައްސަލާގައި ބުންޏަސް، އިންތިޚާބާ ގުޅޭ 10 ޝަކުވާއެއް ޕީޕީއެމުން ހުށަހެޅި ކަމަށާއި އެކަމުން އެނގެނީ އެ ފުރުސަތު އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރަން ޔޫވީ ލައިޓް ބޭނުން ނުކުރި މައްސަލަ ފާހަގަ ކޮށްފައިވާތީ ޝަމީމް ވިދާޅުވީ ޔޫވީ ލައިޓް ބޭނުން ކުރުމަކީ އަބަދު ކުރާ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ވެސް ނޫން ކަމަށެވެ. އަދި ސައްހަ ނޫން ކަރުދާސްތަކެއް ހުރިކަމުގެ އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށާއި އެހެންވެ ޔޫވީ ލައިޓް ބޭނުން ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ޖިނާއީ ތަހުގީގެއް ނުކުރެވޭނެ

ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގު ކުރުމުގެ އަމުރަކަށް އެ މައްސަލާގައި އެދިފައިވާތީ އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ ތަހުގީގު ކުރުމަކީ ތަހުގީގީ އިދާރާތަކުގެ ޒިންމާއެއް ކަމަށާއި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އެކަން ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ތަހުގީގީ އިދާރާތަކަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ނުބަލައިފި ނަމަ ދެން ޖެހޭނީ އެކަން ޕްރޮސެކިއުޓާ ޖެނެރަލްގެ ސަމާލު ކަމަށް ގެންނަން ކަމަށާއި އެ ނިޒާމުގެ ބޭނުން ނުކޮށް ކޯޓަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވަކީލުން ޓީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު ކޯލިޝަންގެ ވަކީލުން ޓީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސައިން ވިދާޅުވީ އިންތިޚާބު ބާތިލްކުރަންޖެހޭ ވަރުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މައްސަލާގައި ފާހަގަކުރި ކަންކަމަކީ މިހާރު އެގޮތަށް ފާހަގަ ކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. ދެލި ފޮހެވޭ ގަލަމާއި ފާހަގަ ޖެހޭ އަނގޮޓިތަކެއް ބޭނުން ކުރި ނަމަ ވޯޓު ގުނާއިރު އެކަން ފާހަގަވާނެ ކަމަށާއި އެފަދަ މައްސަލައެއް އޭރު ހުށަހަޅާފައި ނެތުމުން އެއީ ހިނގާފައި ނުވާ ކަންތައްތަކެއް ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފާހަގަކުރާ ކަންކަން ތަހުގީގު ކުރުމުގެ ބާރު ސުޕްރީމް ކޯޓާއި ސިފައިންނަށް ނޯންނާނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ބާތިލް ކުރުމާ މެދު ބަހުގެ ހަމަލާތަކެއް

ރައީސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް މުހައްމަދު ސަލީމް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރައީސް ޔާމީނާ ދެމެދު 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު ހުއްޓަސް، ވޯޓު ކަރުދާސް ޕްރިންޓް ކުރަން އެމް 7 އަށް ދިން ދިނުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ވެސް އިންތިޚާބު ބާތިލް ކުރަންޖެހޭ ކަމެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.

ކޮމިޝަނުން ހުރިހާ ކަމެއް ކޮށްފައި އޮތީ ވަކި ބަޔަކަށް އިންތިޚާބުން ފައިދާ ލިބޭ ގޮތަށް "ޑިޒައިން" ކޮށްގެން ކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ އެކަމުގެ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު ނުލިބުނީ އިންތިޚާބު ކުރިއަށް ދިިޔައިރު، ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދާތީ ކަމަށެވެ.

ވަކީލް ސަލީމް މިއަދު ކޯޓަށް ވަޑައިގަންނަވަނީ --މިހާރު ފޮޓޯ/ހުސައިން ވަހީދު

ވަކީލް ސަލީމް މިއަދު ކޯޓަށް ވަޑައިގަންނަވަނީ --މިހާރު ފޮޓޯ/ހުސައިން ވަހީދު

ވަކި ގޮތަކަށް ކަންކަން "ޑިޒަައިން" ކުރި ކަން އެނގުނީ ކޮން އިރަކުންތޯ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސުވާލު ކުރެއްވުމުން ޖަވާބުގައި ސަލީމް ވިދާޅުވީ އެކަން އެނގުނީ ނަތީޖާ އިއުލާންކުރި ފަހުން ކަމަށެވެ. އަދި އެމް 7 ގައި ގާސިމްގެ މަސްލަހަތު އޮތްކަން ވެސް އެނގުނީ ނަތީޖާ އިއުލާންކުރި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގެ މައްސަލަ ކޯޓުގައި ހިނގާއިރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ޝަރީއަތަށް ވަޑައިނުގަންނަވާތީ އެކަމަށް ވެސް ސަލީމް ފާޑު ވިދާޅުވި އެވެ. ކޮމިޝަންގެ ވަކީލުންނަށް އިޝާރާތް ކުރައްވައި، ސަލީމް ވިދާޅުވީ ކޮމިޝަނުން "ކުދިންކޮޅެއް" ޝަރީއަތަށް ފޮނުވާލަނީ ކަމަށާއި ކޮމިޝަންގެ ރައީސް ފިޔަވައި އެހެން މެމްބަރުން ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް ޝަމީމް ވިދާޅުވީ އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ މެދުގައި 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު އެބަހުރި ކަމަށާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތްގޮތުން އިންތިޚާބެއް ބާތިލް ކުރެވޭނީ ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް އޮވެގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ގާނޫނުގައި ލިޔެފައި އޮންނަނީ ވެސް އިންތިޚާބުގައި ޖެހޭ ކުދިކުދި މައްސަލަތަކުގެ ސަބަބުން އިންތިޚާބު ބާތިލްކުރަން ފުރުސަތު ނުދިނުމަށެވެ. ކޮންމެ އިންތިޚާބަކީ އެތައް ހާސް ރައްޔިތުންގެ ހައްގުތަކަކާ ގުޅުންހުރި ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި އިންތިޚާބުގައި ބާތިލް ވޯޓުގެ ގޮތުގައި އޮތް 3،000 ވޯޓާއި ވޯޓުނުލާ ތިބި 28،000 މީހުންގެ ވޯޓު ރައީސް ޔާމީނަށް ލިބިވަޑައިގަތް ކަމަށް ބެލިޔަސް އިންތިޚާބުގެ ނަތީޖާ ބަދަލުވުމުގެ ފުރުސަތެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، އިންތިޚާބު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށްވާތީ ވޯޓު ކަރުދާސް ޕްރިންޓް ކުރުމުގެ މަސައްކަތް ރައީސް ޔާމީނަށް ލިބިވަޑައިނުގަތީ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓް ކުރަން އެމް 7 އަށް ދިނުމުގައި ޖިނާއީ ކަންތައްތަކެއް ހިމެނޭ ނަމަ އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރާއްޖޭގެ ކޮންމެ އާއިލާއެއްގައިހެން ވަކި ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ބަޔަކު ތިބޭނެކަން ފާހަގަ ކުރައްވައި، ނޫރު ވަނީ އެއްވެސް މަސްލަހަތެއް ނެތް ބަޔަކާ ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ހަވާލު ކުރެވޭނީ ކިހިނަކުންތޯ ސުވާލު އުފައްދަވައިފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލާގައި ހިމެނޭ ފަރާތްތަކުން ފާހަގަކުރި އިޖްރާއީ ކަންކަމާ މެދު މާދަމާ ހެނދުނު ބާއްވާ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި މާދަމާ ބާއްވަނީ އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ތިން ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމަށް ވެސް ބައެއް ވަޒީރުންނާއި ޕީޕީއެމަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންގެ އިތުރުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވަޑައިގަތެވެ.