Roadha Mihaaru
ސިއްރު ހެކި ނުނަގައި، އަޑުއެހުންތައް ނިންމާލައިފި

ސިއްރު ހެކިބަސް ނުނަގައި، އިންތިޚާބުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

16 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި، ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި، ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމައި، އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 38،000 ވޯޓުގެ ތަފާތުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަނީ ތަދައްޚުލް ވެފަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިިއަކު ހުށަހެޅީ ފާހަގަ ޖެހުމަށް ބޭނުންކުރާ ޚާއްސަ އަނގޮޓިތަކެއް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުުމަދު ޝަރީފްގެ އެންގެވުމަކަށް ރާއްޖެ ގެނައިކަން ސާބިތު ކުރުމަށެވެ.

އެ ހެކިވެރިންގެ ހެކިބަސް ނެގުމާ މެދު އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވެސް ވަނީ އިއްޔެ އަޑުއެހުމުގައި ދެކޮޅު ހަދައިފަ އެވެ. ވޯޓަކީ ރައްޔިތުންގެ އެތައް ހާސް ބަޔަކާ ގުޅުންހުރި ކަމެއް ކަމަށް ވާއިރު، އެ ފަދަ ބޮޑު ކަމެއްގައި ސިއްރު ހެކިންގެ ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަންގެެ ވަކީލުންގެ އިއްޔެ ބުނެފައިވެ އެވެ.

މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި. އެކަމާ މެދު ގޮތެއް ނިންމަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެ މައްސަލައިގައި ސިއްރު ހެކިވެރިންގެ ހެކިބަސް ނަގަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.

ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމުމާ އެކު، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ޚުލާސާކޮށް ވާހަކަ ދައްކަވަން ފުުރުސަތު ދެއްވުމަށް ފަހު، އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަަލައިގެ ހުކުމް އިއްވުން ކަމަށެވެ.

ދެ ފަރާތުގެ ފަހު ބަސް

ފަހު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވިދާޅުވީ އިންތިޚާބުގެ ކަންކަން ރާވާފައި ވަނީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން، ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ބިޑް ކުރުމެއް ނެތި އެމް7 ކުންފުންޏަށް ދީފައިވަނީ ސުވާލު އުފެދޭ ފަދަ ގޮތަކަށް ކަމަށާއި އެއީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވޯޓު ކަރުދާސް ރައްކާކޮށްފައި ބެހެއްޓި ތަނުގެ ސަލާމަތީ ކަންކަން ރަނގަޅު ނޫން ކަމަށާއި އެ ތަނަށް ވަނުމުގެ ހުއްދަ ނެތް، އިލެކްޝަންސް ކޮމިޝަންގެ ބައެއް މުވައްޒަފުން އެތަނަށް ވަދެފައިވާތީ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެތަނަށް ކޮމިޝަންގެ މެމްބަރުން ވެސް ވަދެފައި ހުރި ކަމަށާއި އެހެންވެ، އެއީ ކޮން ބޭނުމެއްގައި ކުރި ކަމެއް ކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތް ގަސްދުގައި ހުއްޓުވާލީ ކަން ފާހަގަކުރައްވައި، އައްބާސް ވިދާޅުވީ އެކަން އެގޮތަށް ކުރީ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

ފާހަގަ ޖެހޭ އަނގޮޓި އާއި ދެލި ފޮހެވޭ ގަލަމުގެ އިތުރުން ފާހަގަ ފޮހެވޭ ކަރުދާސްތަކެއް އިންތިޚާބުގައި ބޭނުން ކުރި ކަމުގެ ތުހުމަތުކުރެވޭ ކަމަށާއި އެއީ ބަލަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރު ކުރަން ޔޫވީ ލައިޓް ބޭނުން ނުކުރާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ކަރުދާސްތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. ފޯނާއި އަތް ދަބަސް ފަދަ ތަކެތި ވެސް ވޯޓުލާ މަރުކަޒަށް ވެއްދި ކަމަށާއި އެއީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރައީސް ޔާމީނާ ދެމެދު 38،000 ވޯޓުގެ ތަފާތު ހުރިކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާތީ އޭގެ ރައްދުގައި އައްބާސް ވިދާޅުވީ، ވޯޓުގެ ފަރަގު ކިތަންމެ ބޮޑުވިޔަސް އެއީ ދުސްތޫރީ މައްސަލައަކަށް ވާތީ އެ މައްސަލާގައި އިންތިޚާބު ބާތިލް ކުރެވިދާނެ ކަމަށެވެ. އަދި އެއީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ފަދަ އިންތިޚާބީ ޝަކުވާގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލު އައްބާސް ޝަރީފް މިއަދުގެ އަޑުއެހުމަށް ވަޑައިގަންނަވަނީ .---މިހާރު ފޮޓޯ/ނިޝާން އަލީ

ރައީސް ޔާމީންގެ ވަކީލު އައްބާސް ޝަރީފް މިއަދުގެ އަޑުއެހުމަށް ވަޑައިގަންނަވަނީ .---މިހާރު ފޮޓޯ/ނިޝާން އަލީ

އިންތިޚާބާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ވިދާޅުވެ، އައްބާސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރަކު ވާހަކަ ދެއްކެވި ކަމަށް ބުނާ އޯޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ކަމަށެވެ. އަދި އިންތިޚާބާ ގުޅިގެން އެ ފާހަގަކުރާ ކަންބޮޑުވުންތައް ތަހުގީގުކޮށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްދުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި، އެ މައްސަލާގައި މުޅިން ވެސް އޮތީ ހިނގާފައި އޮވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބުނެ ފާހަގަކުރި ކަންތައްތަކެކެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ހިނގި ކަމުގެ ހެއްކެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ގޯސްކޮށް ކަމެއް ހިނގި ކަމަށް ބުނާއިރު އެކަން ސާބިތުކޮށް ދިނުމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަގީން ވެފައި އޮތް ކަމެއް ޝައްކެއްގެ މައްޗަށް ބާތިލް ނުކުރެވޭނެ ކަމަށް އޮންނަ އިސްލާމީ ޝަރީއަތުގެ ގާއިދާއެއް ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ ގޯސްކޮށް ކަމެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް ނުދެއްކެނީސް ޔަގީން ވެފައި އޮތް ކަމެއް ބާތިލް ނުކުރެވޭނެ ކަމަށެވެ.

ދެ ކެންޑިޑޭޓުންގެ މެދުގައި ހުރި ވޯޓުގެ ފަރަގަށް ބަލާއިރު، ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ކަމެއް ނެތް ކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ އިންތިޚާބު ބާތިލްކުރާ ނަމަ އެ ނަތީޖާ އަށް ބަދަލު އަންނާނެ ފަދަ ކަންތައްތަކެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އޮތް ގޮތުން ވެސް އިންތިޚާބު ބާތިލްކުރެވޭނީ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮންނަ ހާލަތުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމް7 ކުންފުންޏަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިން މައްސަލަ ފާހަގަކޮށްފައިވާތީ އޭގެ ރައްދުގައި ޝަމީމް ވިދާޅުވީ ބިޑް ކުރުމެއް ނެތި އެމް7 ކުންފުންޏަށް އެ މަސައްކަތް ދިނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އެކަމުގައި އިތުރު މައްސަލައެއް އޮތް ނަމަ އެކަން ހުށަހަޅަން ޖެހޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތް ހުއްޓިފައި ނެތް ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ އެ ބިއުރޯގެ މަސައްކަތް އެއްވެސް އިރަކު ހުއްޓިފައި ނެތް ކަމަށާއި އަދި ބިއުރޯ ހުއްޓުނު ކަމަށް ބެލިޔަސް، ރަށްރަށުގައި ތިބޭ ފޯކަލް ޕޮއިންޓްތަކާއި ވޯޓުލާ މަރުކަޒުގެ ވެރިންގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ވެސް އެ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫވީ ލައިޓް ބޭނުން ނުކުރި މައްސަލަ އާއި ވޯޓިން ބޫތު ބެހެއްޓި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލުނު ކަމަށް ފާހަގަ ކޮށްފައިވާތީ ޝަމީމް ވިދާޅުވީ ޔޫވީ ލައިޓް ބޭނުން ކުރަނީ ވޯޓު ކަރުދާސްތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ހާލަތެއްގައި އެކަނި ކަމަށެވެ. އެކަމަކު މި އިންތިޚާބުގައި އެފަދަ ޝަކުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވޯޓިން ބޫތު ބެހެއްޓި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލުނު ކަމަށް ބުނެ ލިބުނީ ވަރަށް މަދު އަދަދެއްގެ ޝަކުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޯނާއި އަތްދަބަސް ފަދަ ތަކެތި މަރުކަޒުތަކަށް ވެއްދި ކަމަށް ބުނެފައިވާތީ އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ވޯޓު ލާ މަރުކަޒަށް ނުވެއްދޭނެ ތަކެތި ކޮންމެ މަރުކަޒެއްގެ ބޭރުގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި މަދު ބަޔަކު ވޯޓުލާ މަރުކަޒަށް ފޯނު ވެއްދި ކަމަށް ބުނެ އިންތިޚާބެއް ބާތިލްކުރެވޭނެ ނަމަ، ދުނިޔޭގެ އެއްވެސް ގައުމެއްގައި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަމީމް ވިދާޅުވި ގޮތުގައި، ކަމެއް ގޯސްކޮށް ހިނގި ކަމުގެ ފުރުސަތެއް އޮތް ކަމަށް ބުނެގެން އިންތިޚާބެއް ބާތިލް ނުކުރެވޭނެ އެވެ.

އެކަންކަން ފާހަގަކުރައްވައި، ޝަމީމް އެދިވަޑައިގަތީ އެ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމަވައި ދެއްވުމަށެވެ.

އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހިސާން ހުސައިން ވިދާޅުވީ އެ މައްސަލާގައި ފާހަގަކުރާ އެއްވެސް ކަމެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މަދަނީ މައްސަލަތަކުގައި ކަންކަން ސާބިތުކުރާ މިންގަނޑުން ވެސް އެއިން ކަމެއް ސާބިތުވާނެ ވަރުގެ ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް ވިދާޅުވެ، ހިސާން ވިދާޅުވީ އެ މައްސަލާގައި މުޅިން ވެސް އޮތީ ކޮންސްޕިރަސީ ތިއަރީތަކެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު ހިސާން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު ހިސާން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދައުވާއެއް ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހޭނީ އެ ދައުވާއެއް ކުރާ ފަރާތަކުން ކަން ފާހަގަކުރައްވައި، ހިސާން ވިދާޅުވީ އެއީ މައްސަލަ ރައްދުވާ ފަރާތަކުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ކަމެއް ހިނގި ކަމުގެ ފުރުސަތުތަކެއް އޮތް ކަމަށް ބުންޏަސް، އެކަމެއް ސާބިތުކޮށްދޭން ޖެހޭނީ އެ ފަރާތަކުން އަމިއްލައަށް ކަމަށާއި އެކަމުގެ ހެކި ދައްކަން ޖެހޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

އެމް7 ކުންފުންޏަށް ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ދިން މައްސަލަ ފާހަގަކޮށްފައިވާތީ އޭގެ ރައްދުގައި ހިސާން ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކުރަން ދޭން ޖެހޭނީ ވަކި ބަޔަކަށް އެކަނި ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕް ކުރަން ދޭން ޖެހެނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކަނިތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެ މަސައްކަތް އެމް7 އަށް ދޭން ހުއްދަ ދިނީ ރައީސް ޔާމީން އަމިއްލަފުޅަށް އައްޔަން ކުރެއްވި ފިނޭންސް މިނިސްޓަރު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގައި ހުރި ބޮޑު ފަރަގަށް ބަލާއިރު ނަތީޖާއަށް ބަދަލު އައުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އިންތިޚާބުގެ ކަންކަން އިންސާފުވެރިކޮށް ގެންދިއުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމެއްގައި އުސޫލުތަކެއް ކަނޑައަޅާފައި ހުރި ކަމަށާއި އެއިން އެއްވެސް ކަމަކާ ޚިލާފަށް މި އިންތިޚާބުގައި ކަމެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަންކަން ފާހަގަކުރައްވައި، ހިސާން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ ހުވާ ކުރެއްވުމާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ. އެހެންވެ، އެ މައްސަލަ އަވަހަށް ނިންމަވައި ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ކަންތައްތަކެއް ބަލައިދޭން އެދުމުން ދެ ފަރާތުގެ ބަހުސް

އިންތިޚާބުގައި ހުރި ކަމަށް ފާހަގަކުރެވޭ ބައެއް ކަންކަން ބަލައިދޭން ރައީސް ޔާމީންގެ ވަކީލް އައްބާސް ގިނަ އެދިވަޑައިގަތެވެ.

އެގޮތުން ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަރުހަލާގެ ކަންކަމާއި އެތަކެތި ބެހެއްޓި ތަނުގެ ސަލާމަތީ ކަންކަމުގެ އިތުރުން ދެލި ފޮހެވޭ ގަލަމާއި ފާހަގަ ޖެހޭ އަނގޮޓި އާއި ފާހަގަ ފޮހެވޭ ކަރުދާސްތަކެއް ހުރި ކަމަށް ބުނާ މައްސަލައިގެ އިތުރުން ވޯޓު ގުނުމަށް ފަހު އެތަކެތި ސެކިއުރިޓީ އުރަތަކުގައި ބަންދު ކޮށްފައި ހުރިތޯ ބަލައި ދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އެކަންކަން ބަލައި ދޭން އެދިވަޑައިިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، ރައީސް ޔާމީންގެ ގާނޫނީ ވަކީލް ރޭނިސް ސަލީމް ވަޑައިގަންނަވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، ރައީސް ޔާމީންގެ ގާނޫނީ ވަކީލް ރޭނިސް ސަލީމް ވަޑައިގަންނަވަނީ---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ވަކީލް ޝަމީމް ވިދާޅުވީ ތަހުގީގުތައް ހިންގުމަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަންކަން ބަލަން ޖެހޭނީ ތަހުގީގީ އިދާރާތަކުން ކަމަށެވެ. މިހާރު މިއީ ޖިނާއީ މައްސަލައެއްތޯ ނުވަތަ ދުސްތޫރީ މައްސަލައެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ޖިނާއީ އަމަލުތަކެއް ހިނގި ނަމަ އެކަން ބަލަން ޖެހޭނީ ތަހުގީގީ އިދާރާތަކުން ކަމަށާއި އެއީ ސުޕްރީމް ކޯޓުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތް ކަމަށާއި އެ ކޯޓުގައި ތިއްބަވާ ފަނޑިޔާރުންނަކީ ތަހުގީގު ހިންގަން ތިއްބަވާނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ތަހުގީގުގައި ސިފައިން ބައިވެރިކުރަން އެ މައްސަލާގައި އެދިފައި އޮތަސް، އެއްވެސް ގާނޫނެއްގެ ދަށުން ސިފައިންނަކީ ޖިނާއީ ތަހުގީގެއް ހިންގުމުގެ ބާރު އޮންނަ ބައެއް ނޫން ކަން ހިސާން ފާހަގަކުރެއްވި އެވެ. އެކަން ކުރެވޭނީ ފުލުހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

މިއަދުގެ އަޑުއެހުމަށް ވެސް ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި ބައެއް އެކްޓިވިސްޓުން ވެސް ހާޒިރުވި އެވެ.