Roadha Mihaaru
އިންތިޚާބާ ގުޅޭ ހުކުމް އަޑުއަހަން ގިނަ ބަޔަކު ކިއޫއަށް

އިންތިޚާބާ ގުޅޭ ހުކުމް އަޑުއަހަން ގިނަ ބަޔަކު ކިއޫއަށް!

21 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކޮށްދިނުމަށް އެދިވަޑައިގެން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް އަޑުއެހުމުގެ ބޭނުމުގައި ގިނަ އަދަދެއްގެ ބަޔަކު އެ ކޯޓު ދޮށުގައި މިއަދު ކިއޫ ދަމާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކޮށްދިނުމަށް އެދިވަޑައިގެން ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމް އަޑުއެހުމުގެ ބޭނުމުގައި ގިނަ އަދަދެއްގެ ބަޔަކު އެ ކޯޓު ދޮށުގައި މިއަދު ކިއޫ ދަމާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެ އިންތިޚާބުގައި ބޮޑުތަނުން ބަލިވި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލައިގައި އަޑުއެހުން މެންދުރު 1:00 އަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. އަޑުއެހުމަށް ވަންނަން ބޭނުންވާ މީހުންނަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އޮތީ ހެނދުނު 10:30 އިން 12:30 އަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޓުވީޓު.

އަޑުއެހުމަށް ވަންނަން ބޭނުންވެގެން އެ ކޯޓު ދޮށުގައި ކިއު ހަދާފައި ވަނީ ނަން ނޯޓު ކުރަން ފެށުމުގެ ގަޑިއިރެއް ހާއިރު ކުރިންނެވެ. އަދި ކޯޓު ދަށުގައި މިވަގުތު ކިއޫ ހަދާފައި ތިބީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ފޯރިމަރަމުންނެވެ.

ކިއޫ ހަދާފައި މީހުން ތިބީ ކިއޫ ތަރުތީބުން ނަންބަރުތައް ވެސް ހިފައިގެންނެވެ.

ކިއޫގައި ޖެހިފައި ތިބި ބައެއް މީހުން "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ، ރައްޔިތުން އިއްވި ހުކުމްގައި ސުޕްރީމް ކޯޓުން "ކޮޅު ފައިން" ޖަހާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ވަންނަން އައިސް ތިބީ ވަރަށް ފޮނި އުންމީދުތަކާ އެކުގައި ކަމަށް ވެސް އެމީހުން ބުންޏެވެ.

"ރައްޔިތުންގެ ނިންމުމާ ނުކުޅޭނެ ކަމަށް އުންމީދު ކުރަނީ. އެއީ އެތައް ހާސް ވޯޓުގެ ތަފާތަކުން ނިމިފައި އޮތް ކަމެއް. އަނެއްކާ އިންތިޚާބު ބާތިލް ކުރަން އެކަށީގެންވާ ހުއްޖަތެއް ނެތް ދެއްކިފައި ޕީޕީއެމަށް. އެހެންވީމަ، ރައްޔިތުންގެ ކޮޅަށް މިކަން ނިމެން ވާނީ،" ކިއޫގެ މެދެއްހާ ހިސާބުގައި ހުރި މީހަކު ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި، އިންތިޚާބާ ގުޅޭ ގޮތުން ޕީޕީއެމުން އުފައްދާފައި ވަނީ "ހިޔާލީ" ފޮލާތަކެކެވެ. އަދި ބައެއް ވާހަކަތަކަކީ "ބުއްދި ހަމަނުޖެހޭ" މީހުން ދައްކާ ވާހަކަ ކަމަށް އޭނާ ބުންޏެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި އެންމެ ފަހު އަޑުއެހުން ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލައިގައި ސިއްރު ހެކިބަސް ނެގުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ދުވަހު ހުށަހެޅުއްވި ނަމަވެސް އަޑުއެހުންތައް ނިންމައިލީ ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަ އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. ރައީސް ޔާމީނާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓު ލިބިވަޑައިގަތެވެ.

އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލާގައި އޮތީ ޚިޔާލީ ވަހުމްތަކެއް ކަމަށާއި ހުށަހެޅި އެއްވެސް ކަމެއްގެ އެއްވެސް ހެއްކެއް ނެތް ކަމަށް އިލެކްޝަނާއި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ. އެކަމަކު ރައީސްގެ ވަކީލުން ވިދާޅުވަމުން ގެންދެވީ އިންތިޚާބުގެ ނަތީޖާ ވަކި ބަޔަކަށް އަނބުރާލަން ކޮމިޝަނުން މަސައްކަތްކުރީ ކަމަށެވެ.