Roadha Mihaaru
ނިއު އިން އިމްރާނުގެ ކޮންޓްރެކްޓް އުވާލައިފި

ނިއު އިން އިމްރާނުގެ ކޮންޓްރެކްޓް އުވާލައިފި

17 އޮކްޓޯބަރ 2018

ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް އެ ކްލަބުން މުސާރަ ނުދޭތީ އޭނާ ޕްރެކްޓިހަށާއި މެޗަށް ހާޒިރުވުން ހުއްޓާލުމުން، ކްލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް އެ ކްލަބުން މުސާރަ ނުދޭތީ އޭނާ ޕްރެކްޓިހަށާއި މެޗަށް ހާޒިރުވުން ހުއްޓާލުމުން، ކްލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލްކޮށްފި އެވެ.

ނިއުގެ އޮފިޝަލަކު ބުނީ އިމްރާނަށް މި އަހަރު ދޭން ޖެހޭ މުސާރައިގެ 70 ޕަސެންޓް އެޑްވާންސުގެ ގޮތުގައި ދީފައިވާ ކަމަށާއި ބާކީ 30 ޕަސެންޓް ފައިސާ ތިން ޕޭމަންޓަކަށް ބަހާލައިގެން ދޭން އެއްބަސްވެ އިއްޔެއާ ހަމަޔަށް މުއްދަތު ހަމަވެފައިވަނީ އޭގެ ތެރެއިން ދެ ޕޭމަންޓެއް ކަމަށެވެ.

އޮފިޝަލް ބުނީ ބޮޑު އަގެއްގައި އިމްރާން ގެނައީ އޭނާ އަކީ ލީޑަރަކަށް ވާތީ ކަމަށާއި ކްލަބަށް ދިމާވެފައިވާ މި ހާލަތުގައި ބޭނުންވީ އިމްރާންގެ ފަރާތުން ލީޑާޝިޕް ކަމަށެވެ. އެކަމަކު އެޑްވާންސުގެ ގޮތުގައި ބޮޑު އަދަދެއް ދީފައިވަނިކޮށް ވެސް އޭނާގެ ހިދުމަތް މި ވަގުތު ނުލިބޭތީ ކޮންޓްރެކްޓް ބާތިލްކުރަން ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދު ނިންމެވީ ކަމަށް އޮފިޝަލް ބުންޏެވެ.

އެކަމަކު އިމްރާން މިއަދު ވަނީ އެ ވާހަކަތަކަށް ރައްދުދީފަ އެވެ. އިމްރާން ބުނީ އެޑްވާންސުގެ ގޮތުގައި ދިން ފައިސާ އަކީ ވެސް ކްލަބުން އޭނާއާ އެކު ހެދި ކޮންޓްރެކްޓުގެ ދަށުން ދޭން އެއްބަސްވި އެއްޗެއް ކަމަށާއި އެޑްވާންސް ދިނުމަކީ، އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުން ފަސްވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އަދި އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކްލަބަށް ހިދުމަތް ނުކުރާ ކަމަށް ބުނި ނަމަވެސް އޭރު އޮތީ ގައުމީ ޓީމަށް ވަގުތު ދިނުމަށް ޕްރެކްޓިސް މެދުކަނޑާލާފައި ކަމަށާއި އެ މުއްދަތުގައި ބޭއްވި ދެ ބައްދަލުވުމަކަށް ހާޒިރުވި ކަމަށެވެ.

"ކްލަބުގެ ޕްރެކްޓިސް އަލުން ފެށީ ސެޕްޓެމްބަރު 16 ވަނަ ދުވަހު އަދި 18 ވަނަ ދުވަހު ބަންގްލަދޭޝަށް ފުރި މެޗެއް ކުޅެން. އެ ދަތުރުގައި ނުދެވުނީ އަމިއްލަ ސަބަބަކާ ހުރެ. އެކަން ކްލަބުން އޭރު މީޑިއާ އަށް ވެސް އެންގި،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ބުންޏެވެ.

އަދި އޭގެ ފަހުން ސެޕްޓެމްބަރު 19 ވަނަ ދުވަހު ކްލަބުގެ ޗެއާމަން ޒިޔާދަށް ސިޓީއެއް ފޮނުވައި 10 ދުވަހުގެ ތެރޭގައި، މުސާރަ ހަމަޖައްސައިދޭން އެދުނު ކަމަށާއި ޕްރެކްޓިހަށް ހާޒިރުވުން ހުއްޓާލީ އެ ފައިސާ ނުލިބުމުން ކަމަށް އޭނާ ބުންޏެވެ.

"ކްލަބުން އެއްޗެއް ނުދެންޏާ، ކައިގެން ބޮއިގެން އުޅެން ކޮންމެވެސް މަސައްކަތެއް ކުރަން ޖެހޭނެތާ؟ އަޅުގަނޑު އެންގިން މުސާރަ ނުލިބޭ ކަމަށް ވަންޏާ އާމްދަނީއެއް ހޯދަން އިތުރު މަސައްކަތެއް ކުރަން ޖެހެޔޭ އެހެންވެ ޕްރެކްޓިހަށް ދެވެން ނެތޭ،" އިމްރާން ބުންޏެވެ.

އިމްރާން މެޗަކަށް ނުކުންނަން ތައްޔާރުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމްރާން މެޗަކަށް ނުކުންނަން ތައްޔާރުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދި އެ ސިޓީގައި އޭނާ ބަޔާންކުރި މުއްދަތުގައި މުސާރަ ނުލިބުމުން އެ މައްސަލަ އެފްއޭއެމަށް ވެސް ހުށަހެޅި ކަމަށާއި އިއްޔެ ކޮންޓްރެކްޓް އެ ބާތިލްކުރީ އެ މައްސަލަ އެފްއޭއެމުން ބަލަމުން އަންނަނިކޮށް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ޕްރެކްޓިހަށް ހާޒިރުނުވަންޏާ އެ މައްސަލައިގައި ކްލަބުގެ ޑިސިޕްލިނަރީ ކޮމިޓީއަކަށް ވެސް ހާޒިރުކުރެވިދާނެތާ؟ އެކަމަކު އެހެނެއް ނޫން މިވީ. އެފްއޭއެމުން މައްސަލަ ބަލަމުން އަންނަނިކޮށް ކުއްލިއަކަށް ކޮންޓްރެކްޓް މި އުވާލީ. މިވީ ގޮތުން ދެން މި އަހަރު އިތުރު ކްލަބަކަށް ވެސް ކުޅުމުގެ ފުރުސަތެއް ނެތް،" އިމްރާން ބުންޏެވެ.

އޭނާ ބުނީ ބުނީ މި މައްސަލަ އޭނާ ދުލެއް ނުކުރާނެ ކަމަށާއި މިކަމުގައި ދެވެން އޮތް އެންމެ ދުރަކަށް ދާނެ ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ފަދަ ބޮޑު ކްލަބަކުން މިގޮތަށް އަމަލުކުރުމުން ދެރަވާ ކަމަށާއި ކްލަބަށް ހެޔޮއެދޭ މީހުން ކްލަބުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަން އޭނާ ގޮވާލި އެވެ.

"ވަކި މީހެއްގެ މުށުތެރެއިން ކްލަބް ސަލާމަތްކުރަން، ކްލަބަށް ހެޔޮ އެދޭ މީހުންގެ ގާތުގައި އަޅުގަނޑު އެދެން. ނިއު ރޭޑިއަންޓް ފަދަ ރާއްޖޭގެ ބޮޑު ކްލަބެއް މި ހާލަތަށް ވެއްޓުމަކީ ވަރަށް ދެރަވަރު ކަމެއް،" އިމްރާން ބުންޏެވެ.

ނިއުއާ ވާދަވެރި ވިކްޓަރީން ކެރިއަރު ފެށި ނަމަވެސް އިމްރާން އޭރު ވެސް ބުނަމުން އައީ އޭނާ އަކީ ނިއުގެ ސަޕޯޓަރެއް ކަމަށާއި އެ ކްލަބަށް ކުޅެން ބޭނުންވާ ކަމަށެވެ. އޭނާ ނިއުއާ އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ނިއު އިން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު އިމްރާން ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.

ނިއުގައި ހަތަރު ހޭދަކުރުމަށް ފަހު 2015 ގައި މާޒިޔާ އަށް ބަދަލުވި އިމްރާން ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ، މިދިޔަ އަހަރު ނިއުއާ ޒިޔާދު ހަވާލުވެ މާސިންގާ ބަޖެޓެއް ހަދައި ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ވެސް އުފުލާލި އެވެ. އެކަމަކު މި އަހަރުގެ ވަކި ހިސާބަކުން ކްލަބަށް މާލީ މައްސަލަތައް ދިމާވެ ބައެއް ސީނިއާ ކުޅުންތެރިން ޕްރެކްޓިހަށް ވެސް ހާޒިރެއް ނުވެ އެވެ.

ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ކްލަބް ދޫކޮށްލީ މުސާރަ ނުދޭތީ އެވެ. އެ މައްސަލަ އެފްއޭއެމަށް ހުށަހެޅުމުން ކޮންޓްރެކްޓް ބާތިލްކުރުމުން އޭނާ ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ.

ނިއުގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ކްލަބްތަކަށް ވަނީ މާލީ މައްސަލަތައް ދިމާވެފަ އެވެ. މާޒިޔާ ފިޔަވައި އެހެން އެއްވެސް ކްލަބަކަށް ގަވާއިދުން މުސާރަ ނުދެވޭ ކަމަށްވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވިކްޓަރީގެ ޕްރެކްޓިސް ވެސް އެ މައްސަލައިގައި ނުފެށި ވަރަށް ގިނަ ދުވަހު އޮތެވެ. މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވެސް މިދިޔަ ތިން މަހުގެ މުސާރަ ނުލިބިގެން ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާކުރި އެވެ.

އެކަންކަން ހައްލުކުރުމަށްޓަކައި އަންނަ އަހަރުން ފެށިގެން މުސާރައިގެ އޮނިގަނޑެއް ހަދައި ދެވޭނެ އެންމެ ބޮޑު މުސާރައެއް ކަނޑައަޅަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އަދި ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުކުރުވަން ވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.