Roadha Mihaaru
ނިއުގެ ހައްގުގައި އިމްރާން ތެދުވެއްޖެ

ނިއުގެ ހައްގުގައި އިމްރާން ތެދުވެއްޖެ

24 މެއި 2019

ކުޅުންތެރިންނަށް މުސާރަ ނުދީގެން ސަސްޕެންޑްކޮށްފައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމަށް، އެ ކްލަބުން މުސާރަ ނުލިބޭތީ މިދިޔަ އަހަރު އެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅި އެއް ކުޅުންތެރިޔާ ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކުޅުންތެރިންނަށް މުސާރަ ނުދީގެން ސަސްޕެންޑްކޮށްފައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމަށް، އެ ކްލަބުން މުސާރަ ނުލިބޭތީ މިދިޔަ އަހަރު އެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅި އެއް ކުޅުންތެރިޔާ ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

އެފްއޭއެމުން މި އަހަރުގެ ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރީ އިމްރާނާއި ބައެއް އެހެން ކުޅުންތެރިން ހުށަހެޅި މައްސަލަ އަށް ރިއާޔަތްކުރުމަށް ފަހު އެވެ. އެކަމަކު ނިއު އިން ތަކުރާރުކޮށް ބުނަމުން އައީ ސަސްޕެންޑްކުރި ސަބަބަކީ، އެފްއޭއެމްގެ ވެރިންގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް ހުށަހެޅުން ކަމަށެވެ.

އިމްރާން ވެސް ފަހުން ވަނީ އެފްއޭއެމްގެ އެ ނިންމުމާ މެދު ސުވާލު އުފައްދައިފަ އެވެ. އެގޮތުން އޭނާ ބުނީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން އެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ ކަމަށާއި އެކަމަކު މިހާތަނަށް މުސާރަ ނުލިބިގެން އެފްއޭއެމް އަށް މައްސަލަ ހުށަހެޅި އެއްވެސް ކުޅުންތެރިޔަކަށް ފައިސާ ނުލިބޭ ކަމަށެވެ. އެހެންވެ ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންގެ ހައްގުތައް ހޯދައިދޭންތޯ ނުވަތަ އެފްއޭއެމްގެ އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވާންތޯ ނޫނީ އެއީ އެހެން ކްލަބްތަކަށް ރަނގަޅަކަށް ކުރި ކަމެއްތޯ އަހައި އޭނާ ސުވާލު އުފެއްފި އެވެ.

އިމްރާން މިރޭ ބުނީ ނިއު އަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

"އަދި އަޅުގަނޑު އެދެނީ ދިވެހި ފުޓްބޯޅަ އަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް އެއްބާރުލުން ދެއްވުން. އަޅުގަނޑުގެ އުއްމީދަކީ އަންނަ ފުޓްބޯޅަ ސީޒަނުގައި ނިއު ރޭޑިއަންޓް ވެސް ވާދަކުރާތަން ފެނިގެން ދިއުން،" އިމްރާން ބުންޏެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ދިން އަދަބު ކޮންގްރެސް އިން ދަމަހައްޓާފައިވާތީ ނިއު އަށް ފުރުސަތު ލިބެން އޮތީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެކަމަށް ރުހުން ލިބިއްޖެ ނަމަ އެވެ. އެ ފުރުސަތު ނިއު އަށް ހޯދައިދިނުމުގެ މަސައްކަތުގައި އިސް ނެގީ ކްލަބުގެ ސަޕޯޓަރުންނެވެ. އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗެއާމަން މުހައްމަދު ޒިޔާދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއާ އެކު ރޭ ވަނީ ކްލަބުގެ އެކްޓިން ޗެއާމަނަކަށް ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީ ހަމަޖައްސައި ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި މަސައްކަތް ފަށައިފަ އެވެ. އަދި އާ ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކުލަވާލާ ޓީމަށް ކޯޗުކޮށްދިނުމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާ އަންނަނީ ވާހަކަދައްކަމުންނެވެ.

އެނގިފައިވާ ގޮތުގައި އިމްރާން އަންނަނީ އެ ކޮމިޓީއާ ގާތުން މަސައްކަތްކޮށް، ކްލަބް އަލުން ހަމަޔަކަށް އެޅުމުގެ މަސައްކަތުގައި އަމަލީ ގޮތުން ވެސް ބައިވެރިވަމުންނެވެ. ނިޒާމްބެއާ އެކު ކްލަބުގެ އޮފިޝަލުން ބާއްވާ ބައްދަލުވުންތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ. އިމްރާން މި މަސައްކަތުގައި ބޮޑަށް ހަރަކާތްތެރިވާން ފެށީ ޗެއާމަންކަމުން ޒިޔާދު އިސްތިއުފާ ދެއްވުމުންނެވެ.

މުސާރަ ނުދޭތީ އިމްރާން މިދިޔަ އަހަރުގެ ވަކި ހިސާބަކުން ނިއުގެ ޕްރެކްޓިހަށް ހާޒިރުވުން ހުއްޓާލުމުން އޭނާގެ ކޮންޓްރެކްޓް އުވާލި މައްސަލައިގައި ވެސް އޭނާ ހިތްހަމަނުޖެހުނީ ޗެއާމަން ޒިޔާދާ މެދުގަ އެވެ.

އޭނާ އޭރު ބުނީ ޕްރެކްޓިހަށް ނުދާން ފެށީ ކްލަބުން މުސާރަ ނުދޭތީ އާމްދަނީ ހޯދަން އެހެން މަސައްކަތެއް ކުރަން ޖެހޭތީ ކަމަށެވެ. އެހެންވެ ކޮންޓްރެކްޓް އުވާލި މައްސަލައިގައި ދުލެއް ނުކުރާނެ ކަމަށާއި މިކަމުގައި ދެވެން އޮތް އެންމެ ދުރަކަށް ދާނެ ކަމަށެވެ. އަދި ނިއު ރޭޑިއަންޓް ފަދަ ބޮޑު ކްލަބަކުން މިގޮތަށް އަމަލުކުރުމުން ދެރަވާ ކަމަށާއި ކްލަބަށް ހެޔޮއެދޭ މީހުން ކްލަބުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަން އޭރު އޭނާ ގޮވާލި އެވެ.

"ވަކި މީހެއްގެ މުށުތެރެއިން ކްލަބް ސަލާމަތްކުރަން، ކްލަބަށް ހެޔޮ އެދޭ މީހުންގެ ގާތުގައި އަޅުގަނޑު އެދެން. ނިއު ރޭޑިއަންޓް ފަދަ ރާއްޖޭގެ ބޮޑު ކްލަބެއް މި ހާލަތަށް ވެއްޓުމަކީ ވަރަށް ދެރަވަރު ކަމެއް،" ޒިޔާދަށް އިޝާރާތްކޮށް އިމްރާން އޭރު ބުނެފައިވެ އެވެ.

ނިއުއާ ވާދަވެރި ވިކްޓަރީން ކެރިއަރު ފެށި ނަމަވެސް އިމްރާން އޭރު ވެސް ބުނަމުން އައީ އޭނާ އަކީ ނިއުގެ ސަޕޯޓަރެއް ކަމަށާއި އެ ކްލަބަށް ކުޅެން ބޭނުންވާ ކަމަށެވެ. އޭނާ ނިއުއާ އެންމެ ފުރަތަމަ ގުޅުނީ 2012 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ނިއު އިން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު އިމްރާން ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.

ނިއުގައި ހަތަރު ހޭދަކުރުމަށް ފަހު 2015 ގައި މާޒިޔާ އަށް ބަދަލުވި އިމްރާން ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވީ، 2017 ވަނަ އަހަރު ނިއުއާ ޒިޔާދު ހަވާލުވެ މާސިންގާ ބަޖެޓެއް ހަދައި ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. އެގޮތުން 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު ވެސް ނިއުާ އެކު އުފުލާލި އެވެ.