Roadha Mihaaru
ޔުއެފާ އިން ރަޝިއާގެ ކްލަބަކަށް އަދަބުދީފި

ޔުއެފާ އިން ރަޝިއާގެ ކްލަބަކަށް އަދަބުދީފި

19 އޮކްޓޯބަރ 2018

ކަޒާން، ރަޝިއާ (އޮކްޓޫބަރު 19) - ރަޝިއާގެ ކްލަބެއް ކަމަށްވާ ރުބިން ކަޒާނުން ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާތީ އެއް އަހަރަށް ޔޫރަޕްގެ މުބާރާތެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކަޒާން، ރަޝިއާ (އޮކްޓޫބަރު 19) - ރަޝިއާގެ ކްލަބެއް ކަމަށްވާ ރުބިން ކަޒާނުން ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާތީ އެއް އަހަރަށް ޔޫރަޕްގެ މުބާރާތެއްގައި ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމައިފި އެވެ.

ކްލަބްތައް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ހަދާފައިވާ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދާ ހިލާފުވެފައިވާތީ ޔުއެފާ އިން ނިންމީ އެ އިދާރާ އިން ބާއްވާ ރަސްމީ މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ރުބިން ކަޒާން ސަސްޕެންޑް ކުރުމަށެވެ.

މި ސީޒަނުގައި ރުބިން ކަޒާން ޔޫރަޕްގެ މުބާރާތެއްގައި ވާދަނުކުރެ އެވެ. އެހެން ކަމުން ޔުއެފާގެ ސަސްޕެންޝަނަށް އަމަލުކުރާނީ ކުރިއަށް އޮތް ދެ ސީޒަނުގެ ތެރޭ އެ ޓީމު ޔޫރަޕުގެ ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވެއްޖެނަމަ އެވެ.

ޔުއެފާގެ ރައީސްކަމުގައި ކުރިން ހުރި ފްރާންސްގެ މިޝެލް ޕްލެޓިނީގެ ދައުރުގައި އެކުލަވާލި އެފްއެފްޕީގައިވާ ގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ އެއް ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ. އަދި ކްލަބްތަކުން ހަރަދުކުރާއިރު އެ ކްލަބަކަށް ލިބޭ އާމްދަނީގެ ރިޕޯޓްތައް ގަަވާއިދުން ޔުއެފާ އަށް ހުށަހަޅަން ޖެހެ އެވެ.

ޔުއެފާ އިން ރުބިން ކަޒާން ސަސްޕެންޑްކުރީ އެ ޓީމުގެ އާމްދަނީގެ ރެކޯޑް ޔުއެފާ އަށް ހުށަނާޅައި ގިނަ ހަރަދުތަކެއް ކޮށްފައިވާކަން ތަހުގީގަށް ސާބިތުވުމުންނެވެ. ރުބިން ކަޒާން މި ވަގުތު އޮތީ ރަޝިއާ ޕްރިމިއާ ލީގުގެ ފަސް ވަނައިގަ އެވެ.

މި އަހަރުގެ ޖޫން މަހު ޔުއެފާ އިން ވަނީ އިޓަލީގެ އޭސީ މިލާން ސަސްޕެންޑްކޮށްފަ އެވެ. އެއީ އެފްއެފްޕީގެ ގަވައިދާ ހިލާފުވެފައިވާތީ އެވެ. އެކަމަކު އެ މައްސަލަ ސްވިޒަލެންޑުގައި ހުންނަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ހިންގި ތަހުގީގަށް ފަހު މިލާންގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.

ޔުއެފާ އިން މިހާރު ވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މައްސަލަތަކެއް އަލުން ތަހުގީގްކުރަން ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެފްއެފްޕީއާ ހިލާފަށް ޕީއެސްޖީން ތަކުރާރުކޮށް ހަރަދުކުރާތީ ގިނަ ޓީމުތަކުން ވަނީ ޔުއެފާ އަށް ގިނަ ޝަކުވާތަކެއް ހުށަހަޅައިފަ އެވެ.