Roadha Mihaaru
ފީފާ އާއި ޔޫއެފާއާ ދެކޮޅަށް ރަޝިއާ ކޯޓަށް ހިނގައްޖެ

ފީފާ އާއި ޔޫއެފާއާ ދެކޮޅަށް މައްސަލަ ހިފައިގެން ރަޝިއާ ކޯޓަށް

09 މާޗް 2022

މޮސްކޯ (މާޗް 9) - އިންޓަނޭޝަނަލް މުބާރާތްތަކުގައި ރަޝިއާ އަށް ބައިވެރި ނުވެވޭގޮތަށް ފީފާ އާއި ޔޫއެފާ ގުޅިގެން އެޅި ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ރަޝިއާގެ ފުޓްބޯލް ފެޑެރޭޝަނުން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

މޮސްކޯ (މާޗް 9) - އިންޓަނޭޝަނަލް މުބާރާތްތަކުގައި ރަޝިއާ އަށް ބައިވެރި ނުވެވޭގޮތަށް ފީފާ އާއި ޔޫއެފާ ގުޅިގެން އެޅި ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ރަޝިއާގެ ފުޓްބޯލް ފެޑެރޭޝަނުން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ކުޅިވަރު އާބިޓްރޭޝަން ކޯޓުން އިއްޔެ ހަވީރު ބުނެފައި ވަނީ ރަޝިއާގެ އެފްއޭ އިން ހުށަހެޅި މައްސަލައެއް އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ފީފާ އާއި ޔޫއެފާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅީ، ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ޕްލޭއޮފް ބުރުން ރަޝިއާ ވަނީ ބޭރުކޮށްފަ އެވެ.

ރަޝިއާގެ އެފްއޭ އިން މައްސަލަ އިސްތިއުނާފްކުރީ ފީފާ އާއި ޔޫއޭފާގެ އިތުރުން ރަޝިއާއާ ދެކޮޅަށް ނުކުޅޭނެ ކަމަށް ބުނި ގައުމުތަކާ ވެސް ދެކޮޅަށެވެ. ޕޮލެންޑާއި ޗެކް ރިޕަބްލިކް އަދި ސްވިޑެން އިން ވަނީ ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ރަޝިއާއާ ދެކޮޅަށް ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

ފީފާ އާއި ޔޫއެފާ އިން އެޅި ފިޔަވަޅުތަކުން ޔޫރަޕުގެ ކްލަބް މުބާރާތްތަކުގައި ވާދަކުރާ ރަޝިއާގެ ކްލަބްތަކަށާއި މި އަހަރު ބާއްވާ ޔޫރޯގެ އަންހެން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރަޝިއާގެ އަންހެން ޓީމަށް ވެސް ވަނީ މުބާރާތުން ފުރުސަތު ގެއްލިފަ އެވެ.

"އާރްއެފްޔޫ (ރަޝިއާގެ އެފްއޭ) އިން ޑިމާންޑް ކުރަނީ އަންހެން އަދި ފިރިހެން ގައުމީ ޓީމު ބައިވެރިވާ މުބާރާތްކުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށާއި ފީފާ އާއި ޔޫއެފާ އަދި ރަޝިއާއާ ދެކޮޅަށް ނުކުޅޭނެ ކަމަށް ބުނި ގައުތަކުގެ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުންތައް ރިކަވާކޮށްދިނުމަށް،" ރަޝިއާގެ އެފްއޭއިން ބުނެފައިވެ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި މި މަހު 24 ގައި ރަޝިއާއިން ޕޮލެންޑާ ދެކޮޅަށް ކުޅެން އޮތީ ހަމަޖެހިފަ އެވެ. އަދި އެ މެޗު ކާމިޔާބު ކުރާ ޓީމަކަށް ޖެހޭނީ ސްވިޑެން ނުވަތަ ޗެކް ރިޕަބްލިކުގެ ތެރެއިން ޓީމަކާ ދެކޮޅަށް ކުޅޭށެވެ. އެކަމަކު އެ ތިން ޓީމުން ވެސް ރަޝިއާއާ ދެކޮޅަށް ނުކުޅޭނެ ކަމަށް ބުނުމުން ފީފާއިން ނިންމީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ.

ރަޝިއާގެ ކްލަބް، ސްޕާޓަކް މޮސްކޯ ވެސް އޮތީ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރެޑްބުލް ލައިޕްޒިގްއާ ދެކޮޅަށް ކުޅޭ ގޮތަށެވެ. އެކަމަކު ޔޫއެފާއިން ވަނީ އެ ކްލަބް ވެސް މުބާރާތުން ބޭރުކޮށްފަ އެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރަޝިއާގެ ޕީޓާސްބާގްގައި ކުޅޭ ގޮތަށް ޔޫއޭފާ އިން އޮތީ ކުރިން ހަމަޖައްސައިފަ އެވެ. އެކަމަކު މިހާރު ފައިނަލް މެޗު ވެސް ވަނީ ފްރާންސްގައި ކުޅޭގޮތަށް ނިންމައިފަ އެވެ.