Roadha Mihaaru
ރަޝިއާގެ ފުޓްބޯޅަ އަށް ކޯޓުން ވެސް ނާކާމިޔާބު

ކޯޓުން ވެސް ރަޝިއާގެ ފުޓްބޯޅަ އަށް ނާކާމިޔާބާ ކުރިމަތިވެއްޖެ

15 ޖުލައި 2022

ލޫޒާން، ސްވިޒަލެންޑް (ޖުލައި 15) - ރަޝިއާގެ ގައުމީ ފުޓުބޯޅަ ޓީމާއި ކުލަބުތައް ބައިނަލްއަގުވާމީ އަދި ޔޫރަޕުގެ ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ފީފާ އާއި ޔޫއެފާއިން ނިންމުން ދަމަހައްޓަން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) އިން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލޫޒާން، ސްވިޒަލެންޑް (ޖުލައި 15) - ރަޝިއާގެ ގައުމީ ފުޓުބޯޅަ ޓީމާއި ކުލަބުތައް ބައިނަލްއަގުވާމީ އަދި ޔޫރަޕުގެ ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ފީފާ އާއި ޔޫއެފާއިން ނިންމުން ދަމަހައްޓަން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) އިން ނިންމައިފި އެވެ.

ކާސް އިން ސަސްޕެންޝަން ދަމަހައްޓަން ނިންމީ، ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނާއި ބައެއް ކުލަބުތަކުން މައްސަލަ އިސްތިއުނާފް ކޮށްދޭން އެ ކޯޓުގައި އެދިފައި ވަނިކޮށެވެ. އިސްތިއުނާފުގެ އަޑުއެހުންތައް ވަނީ މި މަހުގެ 5-11 އަށް، ވީޑީއޯ މެދުވެރިކޮށް ކުރިއަށް ގެންގޮސްފަ އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަމުރަށް މިދިޔަ ފެބްރުއަރީ މަހު އެގައުމުގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރަން ފެށުމުގެ ސަބަބުން، އެ ގައުމުގެ ގައުމީ ޓީމާއި ކުލަބުތައް ވަނީ ފީފާ އާއި ޔޫއެފާގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ.

ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފް ކުރީ، ހަނގުރާމައިގެ ސަބަބުން މިއަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އިން އެޓީމު ޑިސްކޮލިފައި ކުރުމުންނެވެ. އަދި ޔޫއެފާގެ މުބާރާތްތަކުން ވެސް ރަޝިއާ ސަސްޕެންޑް ކުރުމުން ޔޫއެފާގެ ނިންމުމާ ދެކޮޅަށް ވެސް އިސްތިއުނާފް ކުރި އެވެ. ޔޫއެފާގެ ސަސްޕެންޝަނާ އެކު ރަޝިއާ އަށް ނިސްބަތްވާ ކުލަބުތަކަށް ވެސް ވާދަ ނުކުރެވޭނެ އެވެ. ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނާ އެކު އެގައުމުގެ ޒެނިތު ސެއިންޓް ޕީޓެސްބާގާއި، ސޯޗީ އަދި ސީއެސްކޭއޭ މޮސްކޯ އާއި ޑައިނަމޯ މޮސްކޯ ވެސް ވަނީ ޔޫއެފާގެ ނިންމުމާ ދެކޮޅަށް އެޕީލް ކޮށްފަ އެވެ.

"ރަޝިއާ އާއި ޔޫކްރޭނާ ދެމެދު އޮތް ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ފެންނަމުން ދަނީ ކުރިން ނުފެންނަ ފަދަ މަންޒަރުތަކެއް، އަދި އާންމުންނާއި ސަރުކާރުތަކުގެ ވާހަކަތަކަށް ބަލައި ޕެނަލް އިން ނިންމީ މިކަމުގައި ފީފާ އާއި ޔޫއެފާ އިން ވެސް ގޮތެއް ނިންމަން ޖެހޭނެ،" ކާސްގެ ބަޔާނުގައި ވެއެވެ.

"އަދި ރަޝިއާގެ ޓީމުތަކާއި ކުލަބުތައް މި ދަނޑިވަޅުގައި އެ ދެފަރާތުން (ފީފާ އާއި ޔޫއެފާ) އިންތިޒާމުކުރާ މުބާރާތްތަކުގައި ވާދަ ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ، ދެ ފަރާތުގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ލިބިދޭ ބާރުގެ ތެރެއިން."

ކާސް އިން އިތުރަށް ބުނީ، ޕެނަލް އަށް ފެންނަ ގޮތުގައި ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ބާވަތް ސިފަކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށާއި، ފޯކަސް ކުރީ ހަނގުރާމައިގެ ސަބަބުން އަސަރުކުރި މުބާރާތްތަކާއި އެއއިން ދެން ނުކުމެދާނެ ނަތީޖާއަކަށް ކަމަށެވެ. ހަމަ އެއާ އެކު ރަޝިއާގެ އެތުލީޓުންގެ އިހުމާލެއް ނެތި ވެސް ޔޫކްރޭނުގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ރަޝިއާގެ ފުޓުބޯޅައަށް އަސަރު ކުރިއަސް، ފީފާ އާއި ޔޫއެފާގެ ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނަމްއަމާންކަމާއި ރައްކާތެރި ކަމާ އެކު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ކާސްގެ ނިންމުމާ ނުރުހުން ފާޅުކޮށް، ނިންމުން އިތުރަށް އެނަލައިޒް ކުރުމަށް ފަހު، ސްވިޒަލެންޑުގެ ފެޑެރަލް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި އިސްތިއުނާފަށް ހުށަހަޅާއިރު، ފީފާ އާއި ޔޫއެފާގެ މި ނިންމުމުގެ ސަބަބުން ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދަން ވެސް އެދޭނެ ކަމަށް، ރަޝިއާ ފުޓުބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.

ފުޓުބޯޅައިގެ އިތުރުން އެހެން ބައެއް ކުޅިވަރުތަކުގައި ވެސް ރަޝިއާގެ ކުޅުންތެރިން ވަނީ މުބާރާތްތަކުގައި ވާދަ ނުކުރެވޭ ގޮތް ހަދައިފަ އެވެ. ބައެއް އިންޑިވިޖުއަލް ކުޅިވަރުތަކުގައި އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ނުދޭއިރު، އަނެއްބައި ކުޅިވަރުތަކުގައި އެއްވެސް ގައުމަކަށް ނިސްބަތް ނުވާހެން މިނިވަން އެތުލީޓެއް ގޮތުގައި ބައިވެރި ވުމުގެ ފުރުސަތު ދެއެވެ.

އެހެން ނަމަވެސް މުސްލިމުންނާ ދެކޮޅަށް އެތައް ޒަމާނެއް ވަންދެން ހަނގުރާމަކޮށް ލާއިންސާނީ އެތައް އަމަލެއް ކުރަމުން ގެންދާ އިޒްރޭލަށް، ފުޓުބޯޅަ އާއި އެހެނިހެން ކުޅިވަރުތަކުގައި ވެސް އަންނަނީ ވާދަކުރުމުގެ ފުރުސަތު ދެމުންނެވެ. އަދި އިޒްރޭލާ ދޮކޮޅަށް ބަހެއް ބުނާ ޓީމެއް ނުވަތަ އެތުލީޓަކަށް ވެސް އަދަބު ދެއެވެ.