Roadha Mihaaru
ތެލުގެ އަގު މިމަހުގެ ތެރޭގައި ދެވަނަފަހަރަށް ބޮޑުކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ބޮޑުކޮށްފި

19 އޮކްޓޯބަރ 2018

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ބޮޑުކޮށްފި އެވެ. އަދި މިއީ އެ ކުންފުނިން ތެލުގެ އަގު މި އަހަރުގެ ތެރޭގައި ބޮޑުކުރި ހަ ވަނަ ފަހަރެވެ.

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ބޮޑުކޮށްފި އެވެ. އަދި މިއީ އެ ކުންފުނިން ތެލުގެ އަގު މި އަހަރުގެ ތެރޭގައި ބޮޑުކުރި ހަ ވަނަ ފަހަރެވެ.

އެސްޓީއޯއިން ބުނީ، ޕެޓްރޯލް ލިޓަރަކުން 42 ލާރި އަދި ޑީސަލް ލިޓަރަކުން 66 ލާރި އިއްޔެއިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންވެ، ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކާނީ 11.39ރ. އަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 12.09ރ. އެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯއިން އެންމެ ފަހުން ބޮޑުކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭރު ޕެޓްރޯލާއި ޑީސަލް ލިޓަރެއްގެ އަގު ބޮޑުކުރީ 20 ލާރި އެވެ. އެހެންވެ، އިއްޔެގެ ނިޔަލަށް ޕެޓްރޯލް ލިޓަރެއް ވިއްކީ 10.97ރ. އަށެވެ. ޑީސަލް ލިޓަރެއް ވިއްކީ 11.43ރ. އަށެވެ.

އެސްޓީއޯއިން ބުނިގޮތުގައި ޕެޓްރޯލާއި ޑީސަލްގެ އަގު މި ފަހަރު ވެސް ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުންނެވެ.