Roadha Mihaaru
ޕީޕީއެމްގެ ފަޒާދަށް މަރުހަބާ ދެންނެވީ އިދިކޮޅު މީހުން

ޕީޕީއެމްގެ މެމްބަރު ފަޒާދަށް މަރުހަބާ ދެންނެވީ އިދިކޮޅު މީހުން

02 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު ރޭ ފުވައްމުލަކަށް ވަޑައިގަތުމުން، އިދިކޮޅު ފަރާތްތަކުން އޭނާ އަށް މަރުހަބާ ދަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު ރޭ ފުވައްމުލަކަށް ވަޑައިގަތުމުން، އިދިކޮޅު ފަރާތްތަކުން އޭނާ އަށް މަރުހަބާ ދަންނަވައިފި އެވެ.

ސިޔާސީ އޮއިވަރު ބަދަލުވެ، ހުންނެވީ ސިޔާސީ ކޮން ފިކުރެއްގައިތޯ ސުވާލު އުފެދިފައި ވަނިކޮށް، ފަޒާދު ފުވައްމުލަކަށް ވަޑައިގަތުމާ އެކު، އެރަށު އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަޕޯޓަރުންނެވެ. އޭނާ އެއާޕޯޓުން ބޭރަށް ނުކުމެވަޑައިގަތުމާ އެކު، އިދިކޮޅު ސަޕޯޓަރުން ވަނީ ފަޒާދުގެ ކަރުގައި މާފަތި އަޅުވައިފަ އެވެ. އަދި ފަޒާދު ވަޑައިގަންނަވާތީ، އެއާޕޯޓަށް ދިޔަ ތިރީހަކަށް މީހުންނާ އޭނާ ސަލާމް ކުރެއްވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ބައެއް މީހުން ކުރި ޓުވީޓުތަކުގައި ބުނެފައި ވަނީ ފަޒާދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށެެވެ. އެކަމަކު ފަޒާދު ފޯނަށް ޖަވާބު ނުދެއްވާތީ އޭގެ ހަގީގަތެއް އަދި ނޭނގެ އެވެ. ފަޒާދު، ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކަމެއް އަދި ސާފެއް ނުވެ އެވެ.

ފަޒާދު އެންމެ ފަހުން ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ ހަރަކާތަކުން ފެނުނީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މިދިޔަ މޭ މަހު ފުވައްމުލަކުގައި ބޭއްވެވި ހަރަކާތެއްގެ ތެރެއިންނެވެ.

"އެކަލަސް މިކަލަސް ދެނަސް"ގެ ނަމުގައި ފަސްޓް ލޭޑީ ބޭއްވެވި އެ ޖަލްސާގައި ފަޒާދު ވަނީ އެ ކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

ފަޒާދު އެ ޖަލްސާގައި ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުން ހޮވަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް މަސައްކަތް ކޮށްދެއްވުމަށް ފަޒާދު އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލް ކުރައްވާ ތިން މެމްބަރުންގެ ތެރެއިން އަލީ ޝާހް މިހާރު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް އަދިވެސް ހުންނެވީ ޕީޕީއެމްގަ އެވެ.

ޝާހަކީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ.