Roadha Mihaaru
ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!

ނަޝީދުގެ ފޮޓޯއާ ހެދި އާޒިމާއި ޖަމީލްގެ ކުރިމަތިލުމެއް!

11 ޑިސެމްބަރ 2019

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މަގްބަރާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ދުއާގައި އަތް ނަގާ ގޮތަށް، ދެ އަތްޕުޅު އުފުއްލަވައިގެން ހުންނެވި ފޮޓޯއާ ހެދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ދެމެދު ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މަގްބަރާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ދުއާގައި އަތް ނަގާ ގޮތަށް، ދެ އަތްޕުޅު އުފުއްލަވައިގެން ހުންނެވި ފޮޓޯއާ ހެދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ދެމެދު ހޫނު ޒުވާބެއް އުފެދިއްޖެ އެވެ.

ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލިހުގެ ވަފްދު އިންޑިއާ އަށް ދިޔައީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން އެމްއޯޔޫއެއްގައި ސޮއިކުރުމަށެވެ. މި ދަތުރުގައި އެ ގައުމުގެ އާސާރީ ތަންތަނަށް ވަފުދުން ޒިޔާރަތްކުރަން އޮތީ ހަމަޖެހިފަ އެވެ.

އެންމެ ފުރަތަމަ މި ވަފްދު ދިޔަ ތަންތަނުގެ ތެރޭގައި ގާންދީގެ ހަނދާނީ ބިނާ ހުންނަ މަގްބަރާ ހިމެނެ އެވެ. އަދި ނަޝީދު މަގްބަރާ އަށް ޒިޔާރަތް ކުރައްވައި އެތަނުގައި ދެ އަތް އުފުއްލަވައިގެން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވި އިރު، ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވި އެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި ނަޝީދާ އެކުގައި މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ދެ އަތް މައްޗަށް ނަންގަވައިގެން ހުންނަވަ އެވެ. އެކަމަކު މަޖިލިހުގެ ވަފްދުގައި ދެން ހިމެނޭ ބޭފުޅުން ތިއްބަވަނީ ވަރަށް ބޮޑަށް އިސްޖަހައިގެންނެވެ.

އެ ފޮޓޯއަށް ރައްދު ދިން މީހުން ބުނީ ކުފުރުގެ މަތީގައި ހެޔޮ ދުއާ ކުރުން އިސްލާމް ދީނުގައި ހުއްދަ ނުކުރާ ކަމަށެވެ.

ޖަމީލް ކުރެއްވި ޓުވީޓު.

އާޒިމާއި ޖަމީލްއާ ދެމެދުގައި ހޫނު ޒުވާބެއް އުފެދުނީ ނަޝީދުގެ ފޮޓޯ ޖަމީލް ޓުވީޓް ކުރެއްވި މައްސަލައިގަ އެވެ. ޖަމީލް ފުރަތަމަ ކުރެއްވި ސުވާލުގައި މަޖިލިހުގެ އިދާރާ އިން ޕްރޮޓޮކޯލް އޮންނަ ގޮތް ކިޔައިނުދެނީތޯ އައްސަވަ އެވެ. އަދި މަޖިލިހުގައި "ހަގީގަތުގައި ވެސް ޕްރިންސިޕަލެއް" ހުންނަން ޖެހޭ ކަމަށާއި އެއީ ބަސް އަހާތޯ ބަލަން ކަމަށް ޖަމީލް ވިދާޅުވި އެވެ.

އާޒިމް ކުރެއްވި ޓުވީޓާއި ޖަމީލްގެ ރައްދު.

އޭގެ ރައްދުގައި އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމީލަކީ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. މަޖިލިހަށް ޖަމީލް ކުރިމަތިލެއްވީމަ ލިބިވަޑައިގަތީ 40 ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލިސްގެ ކަންކަމާ ނުބެހި ގޭގައި ހުރެބަލަ،" އެންމެ އާދައިގެ ބަހުރުވައިން ޖަމީލަށް ރައްދު ދެއްވަމުން، މަޖިލިހުގެ މެޖޯރިޓީ ލީޑަރު، އާޒިމް ވިދާޅުވި އެވެ.

މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި ޖަމީލަށް 300 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެކަމަކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހުމަދު އުޝާމާއި ޖަމީލާ ދެމެދު 400 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު ހުއްޓެވެ.

އާޒިމަށް އަމާޒުކުރައްވައި ޖަމީލް ކުރެއްވި ޓްވީޓްގައި ވެސް ބޭނުންކުރެއްވީ އާދައިގެ ބަހުރުވަ އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ވޯޓެއް ނުލިބޭ މީހާ އަށް ވެސް މަޖިލިހުގެ ކަންތަކާ ބެހެވޭނެ ކަމަށެވެ. އަދި "ތިހާ ދުވަސްވީ އިރު، އެވަރު ނޭނގޭތޯ" ޖަމީލް އައްސަވަ އެވެ.

"ސެލަރީ ތި ނަގަނީ ރައްޔިތު މީހާގެ ޖީބުން،" ޖަމީލް ލިއުއްވި އެވެ.

ޖަމީލް ކުރެއްވި ޓުވީޓު.

ޔާމީނުގެ ފުރަތަމަ ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ، ކުރިން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ޔާމީންގެ އަނިޔާވެރިކަމާއި ހިޔާނާތާ ބެހޭ ގޮތުން، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. އޭރު އިދިކޮޅު ފަރާތްތަކުން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ލީޑަރަކީ ވެސް ޖަމީލެވެ.

ޖަމީލް ހައްޔަރުކޮށްފާނެތީ އެމަނިކުފާނު ދިރިއުޅުއްވީ އިނގިރޭސި ވިލާތަށް އަރުވާލެވިގެންނެވެ. އެނބުރި ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގަތުމުންނެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ މައްޗަށް ކުރާ ދައުވާ އާއި އެ ހިޔާނާތާ ގުޅިގެން ފުލުހުން މިހާރު ވެސް ކުރިއަށް ގެންދާ ތަހުގީގުތަކުގައި އެމަނިކުފާނުގެ ދިފާއުގައި އަމަލީ ގޮތުން ޑރ. ޖަމީލް އުޅުއްވަ އެވެ.

މަހާތުމާ ގާންދީގެ މަގްބަރާގައި ނަޝީދު ދެ އަތް އުފުއްލަވައިގެން ހުންނެވި ފޮޓޯއަށް އެއްބަޔަކު ފާޑުކިޔާ އިރު، އަނެއް ބަޔަކު އެކަން ދިފާއުކުރަމުން ގެންދެ އެވެ.