Roadha Mihaaru
މެމްބަރުން ގަޑި އަށް ހާޒިރުނުވާ މައްސަލަ ކޮމިޓީ އަށް

މެމްބަރުން ގަޑި އަށް ހާޒިރުނުވާ މައްސަލަ ސުލޫކީ ކޮމިޓީ އަށް

28 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑި އަށް ޖަލްސާ އަށް ވަޑައިނުގަންނަވާތީ އެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑި އަށް ޖަލްސާ އަށް ވަޑައިނުގަންނަވާތީ އެ މައްސަލަ ސުލޫކީ ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނުވައެއް ޖަހާއިރު، ފަށަން އެޖެންޑާ ކޮށްފައި އޮތަސް، ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަވެގެން، ޖަލްސާ ފެށޭ ވަރުވީ އޭގެ ބައިގަޑިއިރު ފަހުންނެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މެމްބަރުންގެ 25 ޕަސަންޓެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބެވި 79 މެމްބަރުންގެ ތެރެއިން 20 މެމްބަރުންނެވެ.

މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ އެއްވެސް ސަބަބެއް ނެތި، މެމްބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލަ ސުލޫކީ ކޮމިޓީން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޖަލްސާގެ ކޯރަމް ހަމަނުވި މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާއި ވެރިކަން ކުރާ ކޯލިޝަންގެ ބައެއް މެމްބަރުން ވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައިފަ އެވެ.

ޕީޕީއެމް މެމްބަރުން ވިދާޅުވި ގޮތުގައި، ކޯރަމް ހަމަނުވަނީ ވެރިކަން ކުރާ ކޯލިޝަންގެ މެމްބަރުން ވަޑައިނުގަންނަވާތީ އެވެ. އަދި ކޯރަމް ހަމަކުރެވެނީ ޕީޕީއެމް މެމްބަރުން ޖަލްސާ އަށް ހާޒިރުވެގެން ކަމަށް ވިދާޅުވެ، ކޯލިޝަންގެ މެމްބަރުންނަށް ފާޑު ވިދާޅުވި އެވެ.

ނަމަވެސް، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މެމްބަރުން ގަޑި އަށް ހާޒިރުވެ، މަޖިލީހުގައި މަސައްކަތް ކުރުމަކީ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި ނޭޅުވޭނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރަން ވަނީ ފަށައިފަ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފާސް ކުރުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.