Roadha Mihaaru
ލަންކާ ޕާލަމެންޓުގެ ރައީސްގެ އިންޒާރެއް ސިރިސޭނާ އަށް

ލަންކާ ޕާލަމެންޓުގެ ރައީސްގެ އިންޒާރުގެ ސިޓީއެއް ސިރިސޭނާ އަށް

31 އޮކްޓޯބަރ 2018

ކޮލަމްބޯ (އޮކްޓޯބަރު 31) - ވާދަވެރި ދެ ބޮޑުވަޒީރުގެ ތެރޭން މީހަކު އިޚްތިޔާރު ކުރުމުގެ ފުރުސަތު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ނުދީފި ނަމަ ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ވިދާޅުވެ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ރައީސް މައިތުރިޕާލާ ސިރިސޭނާ އަށް އިންޒާރުގެ ސިޓީއެއް ފޮނުއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިދިޔަ ހޮނިހިރު ދުވަހު ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަށް ފަހު ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ހުއްޓުވާލައިފަ އެވެ.

ޕާލަމެންޓް ހުއްޓިފައި އޮންނަ ނަމަ ބޮޑު ލޭއޮހޮރުވުމަކަށް ހިނގައިދާނެ ކަމަށް ކަރޫ ޖަޔަސޫރިޔާ ހޯމަ ދުވަހު ވެސް ވަނީ ވިދާޅުވެފަ އެވެ. ސިރިސޭނާ އަށް އެންމެ ފަހުން ފޮނުއްވި ސިޓީގައި ޖަޔަސޫރިޔާ ވިދާޅުވެފައި ވަނީ ޑިމޮކްސީގެ ނަމުގައި ވެސް ޕާލަމެންޓް ހުޅުވަން ޖެހޭ ކަމަށެވެ.

"މަނިކުފާން އެކަން ނުކުރައްވައިފި ނަމަ ޑިމޮކްރެޓިކް ހައްގުތައް ރައްކާތެރި ކުރަން ރައްޔިތުން އަޅައިފާނެ އެހެން ފިޔަވަޅުތައް ހުއްޓުވުމުގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބިގެނެއް ނުވޭ،" ޖަޔަސޫރިޔާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. "މަނިކުފާނުގެ ނިންމުން ބަދަލުކޮށް އިންސާފު ގާއިމްވެގެން ދިއުމުގެ ފުރުސަތު ދެއްވާ."

އޭނާ ވިދާޅުވީ 225 މެންބަރުންގެ ޕާލަމެންޓުގެ 125 މެންބަރުން ސޮއިކޮށް ވަނީ ޖަލްސާތައް ފެށުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައި ކަމަށެވެ.

ރަނިލް ވިދާޅުވެފައި ވަނީ ޕާލަމެންޓް ހުއްޓުވާލާފައި ބޭއްވުމުގެ ބޭނުމަކީ ރާޖަޕަކްސާ އަށް އަޣުލަބިއްޔަތު ހޯދުމަށް ވަގުތު ދިނުމަށް ކަމަށެވެ.