Roadha Mihaaru
އިންތިޚާބުގައި ވާދަނުކުރެއްވުމަށް ސިރިސޭނާ ނިންމަވައިފި

އިންތިޚާބުގައި ވާދަނުކުރެއްވުމަށް ސިރިސޭނާ ނިންމަވައިފި

06 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 6) - އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަނުކުރެއްވުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 6) - އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަނުކުރެއްވުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމަވައިފި އެވެ.

ނޮވެމްބަރު 16 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވާދަކުރަން ޑިޕޮސިޓް ބެހެއްޓި 41 ކެންޑިޑޭޓުގެ ތެރޭގައި ސިރިސޭނާގެ ނަމެއް ނެތެވެ. ޑިޕޮސިޓް ބެހެއްޓުމުގެ މުއްދަތު މިއަދު މެންދުރު ފަހު ވަނީ ހަމަވެފަ އެވެ. އޭގެ މާނައަަކީ އިންތިޚާބު ބާއްވާ ދުވަހުގެ އެއް ދުވަސް ފަހުން ސިރިސޭނާ މަގާމު ދޫކޮށްލަން ޖެހުމެވެ. އެހެން ކަމުން އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ދައުރުން 52 ދުވަސް އުނިވާނެ އެވެ.

ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ތަރުޖަމާނަކު ވެސް ވަނީ އިންތިޚާބުގައި ސިރިސޭނާ ވާދަނުކުރައްވާނެކަން ޔަގީންކޮށްދެއްވައިފަ އެވެ.

ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ އަހަރު ހަމަޖެއްސުމާ ގުޅިގެން ލަންކާ އަށް ވަނީ ސިޔާސީ ގޮތުން ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ. އެ މައްސަލަ ހައްލުވީ ސިރިސޭނާގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

މި ފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ވަނީ ރާޖަޕަކްސާގެ ދެ ކޮއްކޮއިން ކަމަށްވާ ގޯޓާބެ އާއި ޗަމަލް ޑިޕޮސިޓް ބަހައްޓައިފަ އެވެ. ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕާޓީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސާ އެވެ.

ލަންކާގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 15.99 މިލިއަން މީހުންނަށެވެ.