Roadha Mihaaru
ވެލެންސިއާއާ އެއްވަރުވެ މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

ވެލެންސިއާއާ އެއްވަރުވެ، މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

14 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާއާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަލުން އަރަން ލިބުނު ފުރުސަތު މާޒިޔާ އަށް ގެއްލިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެލެންސިއާއާ 2-2 އިން އެއްވަރުވެ، ލީގުގެ އެއް ވަނަ އަށް އަލުން އަރަން ލިބުނު ފުރުސަތު މާޒިޔާ އަށް ގެއްލިއްޖެ އެވެ.

މިހާތަނަށް މާޒިޔާ އެއް ވަނައިގައި އޮތް ނަމަވެސް އެ ޓީމު ދެ ވަނަ އަށް ވެއްޓުނީ މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން ކްލަބް އީގަލްސް މޮޅުވުމުންނެވެ. އީގަލްސް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ 12 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 12 މެޗުން 23 ޕޮއިންޓެވެ. ވެލެންސިއާ ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ.

މިރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ފުރުސަތު ލިބުނީ މާޒިޔާ އަށެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ވެލެންސިއާގެ ހިސާމް ސަލީމް ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ.

މެޗުގެ 13 ވަނަ މިނިޓްގައި ވެލެންސިއާ އިން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލައިފަ އެވެ. މާޒިޔާ އޭރިއާ ތެރެއިން ވެލެންސިއާގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒް ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު އިމްރާން މުހައްމަދު އަތުގައިޖެހިފައި ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މާޒިޔާ އަށް ލީޑު ލިބުނީ މެޗުގެ 32 ވަނަ މިނިޓްގައި ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ލަނޑުންނެވެ. އިސްމާއިލް އީސާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ވެލެންސިއާ އޭރިއާ ތެރެއަށް ވަދެ، ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހިފަ އެވެ.

މިއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެކޯޑް އަގަކަށް މާޒިޔާ އަށް ބަދަލުވި ފަހުން ދަގަނޑޭ އެ ޓީމަށް ކާމިޔާބު ކޮށްދިން ދެ ވަނަ ލަނޑެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ނިއު ކޮޅަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާގެ އީސަ (ކ) ވެލެންސިއާގެ ރިލޭ ކައިރިން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާގެ އީސަ (ކ) ވެލެންސިއާގެ ރިލޭ ކައިރިން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފެށިގެން ފަސް ވަނަ މިނިޓްގައި ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. މާޒިޔާ އޭރިއާ ތެރެއިން އަކޫ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެން ފެނިގެންދިޔައީ ގާތްގާތުގައި ދަގަނޑޭގެ ނުރައްކާތެރި ދެ ހަމަލާ އެކެވެ. މެޗުގެ 56 ވަނަ މިނިޓްގައި މޫސާ ޔާމިން (ޔާމްބެ) ނަގައިދިން ހުރަހަކުން ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން ވެލެންސިއާ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މާޒިޔާ އަށް ލިބުނު ފުރުސަތުތައް ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ވެލެންސިއާ ކުރިއަށް ޖެހިގެން ކުޅުން ރަނގަޅު ކުރުމެވެ. މެޗުގެ 60 ވަނަ މިނިޓްގައި ވެލެންސިއާގެ ޗިޒީ ކަކާ ފޮނުވާލި ބޯޅަ މާޒިޔާ ކުޅުންތެރިއަކު ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ވެލެންސިއާ އަށް އެއްވަރުކޮށްދިނީ މެޗުގެ 64 ވަނަ މިނިޓްގަ އެންޖެލް އެވެ. އަކޫ އަރިމަތިން ނަގައިދިން ހުރަހަކުން މާޒިޔާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އެންޖެލް ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

އެއްވަރުކުރުމަށް ފަހު ވެސް ވެލެންސިއާ އިން އައީ މާޒިޔާ އަށް ނުރައްކާ ކުރަމުންނެވެ. ވެލެންސިއާ އަށް ލީޑު ނަގައިދިނީ މެޗުގެ 76 ވަނަ މިނިޓްގައި ހަންސްލޭ އަވިލޯ އެވެ. މާޒިޔާގެ ފަހަތުން ކީޕަރު އިމްރާން އާއި ޑިފެންޑަރު ޒިވްކޯ ޑިނެފް ހެދި ގޯހެއްގެ ފައިދާ ނަގައި އަވިލޯ މި ލަނޑު ޖެހީ ބޮލުންނެވެ.

ވެލެންސިއާ އިން ލީޑު ނެގުމުން މާޒިޔާ އިން ބަދަލުތައް ގެނެސް ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް އަމްދާން އަލީ (އެންޑީ) އެވެ. ލިބުނު ކޯނަރަކުން ވެލެންސިއާ ކީޕަރު ފައިސަލް އަތުގައި ޖެހިފައި އޭރިއާ ތެރެއިން އެ ބޯޅަ ލިބުނީ އެންޑީ އަށެވެ. އޭނާ ވަނީ ތިރިތިރިން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މެޗުގެ ފަހު ވަގުތުގައި މެޗުން މޮޅުވަން ވެލެންސިއާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އަހުމަދު ރިލްވާން (ރިލޭ) އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ފުހެއިދު އަށެވެ. މިއީ މި ސީޒަނުގައި ވެލެންސިއާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ.

ލީގުގެ މެޗެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ބުދަ ދުވަހުގަ އެވެ. އެ ދުވަހު ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި ވެލެންސިއާ ވާދަކުރާނީ ވިކްޓަރީއާ އެވެ.