Roadha Mihaaru
ރަނިލް މަގާމުން ވަކިކުރުމާ އެޓާނީ ޖެނެރަލް ދެކޮޅު

ރަނިލް މަގާމުން ވަކިކުރުމާ އެޓާނީ ޖެނެރަލް ދެކޮޅު

01 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 1) - ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުން ބަލައިގަތުމަށް ސްރީ ލަންކާގެ އެޓާނީ ޖެނެރަލް ދެކޮޅު ހައްދަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 1) - ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުން ބަލައިގަތުމަށް ސްރީ ލަންކާގެ އެޓާނީ ޖެނެރަލް ދެކޮޅު ހައްދަވައިފި އެވެ.

"ގަނޫނު އަސާސީގައި އެޓާނީ ޖެނެރަލްގެ ރޯލާ ބެހޭ ގޮތުން އޮންނަ މާއްދާ އަށް ރިޔާއަތްކޮށް، އަޅުގަނޑަށް ދެންނެވީ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް،" އެޓާނީ ޖެނެރަލް ޖަޔަންތާ ޖަޔަސޫރިޔާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ ލަފާ ހިއްސާކޮށްފައި ވަނީ ލަންކާގެ ސިޔާސީ މަޝްރަހު އިތުރަށް ގޯސްވަމުންދާތީ މިހާރު އުފެދިފައިވާ މައްސަލައިގައި ގާނޫނީ ލަފަޔަކަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އެދިވަޑައިގަތުމުންނެވެ. ޕާލަމެންޓުގެ ރައީސް ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ކަމަށް އެމަނިކުފާން ބަލައިގަންނަނީ ރަނިލް ކަމަށެވެ.

ލަންކާގައި 2015 ވަނަ އަހަރު ބޭއްވި އިންތިޚާބަށް ފަހު ބޮޑު ވަޒީރުކަން ލިބިވަޑައިގަތުމުން ރަނިލް ވަނީ ބޮޑު ވަޒީރު މަގާމުން ދުރުކުރުމަށް ރައީސް އަށް ލިބިގެންވާ ބާރު އިސްލާހުކޮށް އެއީ ޕާލަމެންޓަށް ލިބިގެންވާ ހައްގެއް ކަމަށް ހަމަޖައްސައިފަ އެވެ. ޕާލަމެންޓް ވަނީ މި މަހު 16 އާ ހަމައަށް ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް ސިރިސޭނާ މިހާރު ވަނީ އަންނަ ހޯމަ ދުވަހު ޖަލްސާތައް ފެށުމުގެ ހުއްދަ ދެއްވައިފަ އެވެ.

މަގާމުން ދުރުކޮށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިން ނަމަވެސް ރަނިލް ގެންދަވަނީ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. އެކަމަކު ރާޖަޕަކްސާ ވަނީ ކެބިނެޓް އެކުލަވާލައި ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންފަ އެވެ.