Roadha Mihaaru
ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހެން ފަށައިފި

ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހެން ފަށައިފި

13 އޮކްޓޯބަރ 2016

ކޮލަމްބޯ (އޮކްޓޯބަރު 13) - ލަންކާ ސިފައިންގެ ކުރީގެ ތިން ޖެނެރަލުންނާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ހައްޔަރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްފައި ވަނީ ސިޔާސީ ބޭނުމުގައި ކަމަށާއި މިނިވަން މުއައްސަސާތަކުގެ ބޭނުމަކީ އެއީ ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވުމާ އެކު ސަރުކާރުގެ ތެރޭގައި މަައްސަލަ ޖެހިއްޖެ ކަމަށް ތަޖްރިބާކާރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 13) - ލަންކާ ސިފައިންގެ ކުރީގެ ތިން ޖެނެރަލުންނާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ހައްޔަރުކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްފައި ވަނީ ސިޔާސީ ބޭނުމުގައި ކަމަށާއި މިނިވަން މުއައްސަސާތަކުގެ ބޭނުމަކީ އެއީ ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވުމާ އެކު ސަރުކާރުގެ ތެރޭގައި މަައްސަލަ ޖެހިއްޖެ ކަމަށް ތަޖްރިބާކާރުން ބުނެފި އެވެ.

ސްރީ ލަންކާ ފައުންޑޭޝަން އިންސްޓިއުޓުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ މިނިވަން މުއައްސަސާތައް އުފެއްދެވީ ޑިމޮކްރެސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ޔަގީންކޮށްދީ އަދި ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ކަމަށެވެ. އެހެންވެ މިނިވަން މުއައްސަސަތާކުން ސިޔާސީ އެޖެންޑާތަކާ ދުރުވެ ގައުމުން ކޮރަޕްޝަން ފުހެލަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ

ސިރިސޭނާ އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަކީ އޭނާ އެއްގޮތަކަށް ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ލަންކާގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކަށް އަލިއަޅުވާލައްވާ ސިރިސޭނާ ވިދާޅުވީ ތަމަޅަ ޓައިގަރުން 2009 ވަނަ އަހަރު ބަލިކުރި ސިފައިންގެ ބަތަލުންނާ މެދު އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށެވެ.

"ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އާއި ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަން (ސީއައިޑީ) އަދި ބްރައިބަރީ ކޮމިޝަންގެ އަމަލުތައް އަޅުގަނޑު ކުށްވެރި ކުރަން،" ސިރިސޭނާ ވިދާޅުވި އެވެ. "މި މުއައްސަސާތަކުން ސިޔާސީ އެޖެންޑާއެއްގެ ދަށުން މަސައްކަތް ކޮށްގެން ނުވާނެ. އެ ގޮތަށް މަސައްކަތް ކުރާ ކަމަށް ވަންޏާ އެ މީހުންނާ ދެކޮޅަށް އަޅުގަނޑު ހަރުކަށި ފިޔަވަޅު އަޅާނަން."

ރައީސް ސިރިސޭނާ (ކ) އާއި ރަނިލް: ސަރުކާރުގެ ތެރޭގައި މައްސަލަތައް އުޅޭކަން ހާމަވާން ފަށައިފި.

ރައީސް ސިރިސޭނާ (ކ) އާއި ރަނިލް: ސަރުކާރުގެ ތެރޭގައި މައްސަލަތައް އުޅޭކަން ހާމަވާން ފަށައިފި.

ތަޖްރިބާކާރުން ބުނަނީ މިއީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި ސިރިސޭނާއާ ދެމެދު މައްސަލަތައް އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. ސިރިސޭނާ އާއި ރަނިލް އަކީ ކުރިން ވާދަވެރި ދެ ޕާޓީއެއްގެ ދެ ބޭފުޅުންނެވެ. ދެ ބޭފުޅުން އެއްގަލަކަށް އެރުއްވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެންނާށެވެ.

ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ އާއި ސިފައިންގެ ކުރީގެ ޖެނެރަލުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ ހަތިޔާރު ބޭނުންކޮށްގެން ކަނޑުމަތީގައި އާމަރީއެއް ހިންގައިގެން ދައުލަތަށް 11.4 ބިލިއަން ރުޕީސް (78 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ މައްސަލައިގަ އެވެ.

"މިނިވަން މުއައްސަސާތަކުން ސިޔާސީ އެޖެންޑާއެއްގެ ދަށުން މަސައްކަތް ކޮށްގެން ނުވާނެ. އެ ގޮތަށް މަސައްކަތް ކުރާ ކަމަށް ވަންޏާ އެ މީހުންނާ ދެކޮޅަށް އަޅުގަނޑު ހަރުކަށި ފިޔަވަޅު އަޅާނަން،" ސިރިސޭނާ

އެންޓި ކޮރަޕްޝަން އެކްޓިވިސްޓެއް ކަމަށްވާ ކީތީ ޓެނަކޫން ވިދާޅުވީ ސިރިސޭނާގެ ވާހަކަތަކުން ސަރުކާރުގެ ތެރޭގައި ނުތަނަވަސްކަން ހުރި މިންވަރު އެނގޭ ކަމަށެވެ.

"ސިފައިންގެ ކުރީގެ ވެރިންނާ ދެކޮޅަށް ދައުވާ ނުކުރުމަށް ސިރިސޭނާ ވިދާޅުވުމަކީ ބޮޑު ޝޮކެއް. މިއީ ރައީސް އާއި ބޮޑު ވަޒީރާ ދެމެދު ހުރި މައްސަލަތައް ބޭރުވާން ފަށައިފި ކަމުގެ ނިޝާނެއް،" ޓެނަކޫން ވިދާޅުވި އެވެ.

އެހެން އެކްޓިވިސްޓެއް ކަމަށްވާ ކުސާލް ޕެރާރާ ވިދާޅުވީ ސިރިސޭނާ އެވަނީ ޓެކްޓިކްސް ބަދަލު ކުރައްވާފައި ކަމަށާއި މިހާރު އެ ގެންދަވަނީ ސިންހަޅައިންގެ އަމިއްލަ ސިޔާސީ ޕްލެޓްފޯމެއް ބިނާ ކުރައްވަމުން ކަމަށެވެ.

"ސިޔާސީ ގޮތުން ގައުމު މިދަނީ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އިންތިޚާބު ސިރިސޭނާ ކާމިޔާބު ކުރެއްވީ ކޮރަޕްޝަން ނައްތާލާ، ގާނޫނުގެ ވެރިކަން ގާއިމްކޮށް ދެއްވާ އަދި އިންސާނީ ހައްގުތައް ކަށަވަރު ކޮށްދެއްވާނެ ކަމުގެ ވައުދާ އެކު އެވެ.

ސިރިސޭނާ އާއި ރަނިލް ފުރަތަމަ އެއްބަސްވެވަޑައިގެންފައި ވަނީ ގުޅިގެން ދެ އަހަރު މަސައްކަތް ކުރެއްވުމަށެވެ. ނަމަވެސް ރަނިލް މިދިޔަ އަހަރު ވަނީ ކޯލީޝަނުގެ ވެރިކަމުގެ ދައުރު ނިމެންދެން، 2020 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދަވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.