Roadha Mihaaru
ރޭގެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި

ފުވައްމުލަކު މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި

01 ނޮވެމްބަރ 2018

ފުވައްމުލަކުގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ވެސް ރޭ ހައްޔަރު ކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުވައްމުލަކުގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ވެސް ރޭ ހައްޔަރު ކޮށްފި އެވެ.

މި ހާދިސާގެ ތުހުމަތަށް ރޭ ވަނ 15 އަހަރުގެ ކުޑަކުއްޖަކު ވެސް ހައްޔަރު ކޮށްފަ އެވެ. މި ދެ މީހުން ވެގެން، 17 އަހަރުގެ އަހްމަދު އިނާން އަށް ހަމަލާ ދިނީ އޭނާގެ ގެ އަށް ވަދެގެން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.

މި މާރާމާރީގައި ޒަހަމްވެފައިވާ އިނާނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންނަން ހަމަޖައްސާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ފަރުޒާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނާންގެ ބޮލުގެ ފަސް ތަނަކަށް ވަޅިން ހަމަލާ ދީފައިވާ ކަމަށެވެ. އަދި ބޮލުގެ ނާށިގަނޑު ވެސް ފަޅައިގެން ދިޔުމުގެ އިތުރުން އޭނާގެ ކަރަށާއި، ހަށިގަނޑުގެ އެކި ތަންތަނަށް ވެސް ވަޅިން ހަމަލާ ދީފައިވާ ކަމަށް ފަރުޒާދު ވިދާޅުވި އެވެ.

އިނާނަށް މިހާރު ފަރުވާ ދެމުން އަންނަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ވެންޓިލޭޓަރެއްގައި ބާއްވައިގެން ކަމަށާއި ވީހާ އަވަހަކަށް ނިއުރޯ ސާޖަންއަކަށް ދައްކަން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިނާނަށް ލިބިފައި ހުރި އަނިޔާ ދެނެގަތުމަށްޓަކައި ބޮލުގެ ސީޓީ ސްކޭނެއް ނުވަތަ އެމްއާރްއައިއެއް ވެސް ހަނދަންޖެހޭ ކަމަށް ފަރުޒާދު ވިދާޅުވި އެވެ.

ދާދި ފަހުން މާލޭގައި ވެސް މާރާމާރީތައް ގިނަވެފައިވުމުން، ފުލުހުން ވަނީ އެކަމާ ގުޅިގެން މަގުމަތިން މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ހިންގައިފަ އެވެ.