Roadha Mihaaru
ލިވަޕޫލް މެޗުން އާސެނަލްގެ ކުރިއެރުން އެނގޭނެ: އެމެރީ

ލިވަޕޫލް މެޗުން އާސެނަލްގެ ކުރިއެރުން އެނގޭނެ: އެމެރީ

03 ނޮވެމްބަރ 2018

ލަންޑަން (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލަށް ހޯދުނު ކުރިއެރުން އެނގިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލަށް ހޯދުނު ކުރިއެރުން އެނގިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަތުން ބަލިވެފަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު 11 މެޗުން އާސެނަލް ވަނީ މޮޅުވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ 2-2 އިން އެއްވަރުވެ، މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފަ އެވެ.

"ލީގުގެ ފުރަތަމަ ދެ މެޗުގެ ހަނދާންތައް އަދިވެސް އެބަހުރި. މި މެޗުގެ (ލިވަޕޫލް މެޗުގެ) ނަތީޖާ މުހިއްމުވާ އެއް ސަބަބަކީ މި ފަދަ މެޗުތަކަށް އަހަރެމެން ޓީމެއްގެ ގޮތުގައި ތައްޔާރުވެފައިވާ މިންވަރު އެނގިގެންދާނެތީ. ބޮޑެތި ޓީމުތަކާ ދެކޮޅަށް އަހަރެމެން އާ ތާރީހެއް ލިޔަންވީ ވަގުތު މިއީ،" ކުރިން ޕީއެސްޖީ އާއި ސެވިއްޔާ އަށް ކޯޗުކޮށްދިން އެމެރީ ބުންޏެވެ.

ލީގުގައި އެންމެ ފަހުން އާސެނަލަށް ލިވަޕޫލްގެ މައްޗަށް ކުރިހޯދުނީ ހަ މެޗު ކުރިންނެވެ. މި މެޗަށް ނުކުންނައިރު އާސެނަލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ގިނަ ޑިފެންޑަރުންތަކެއް އަނިޔާގައި ތިބުމެވެ. އާސެނަލްގެ ފަހަތަށް ކުޅެމުން އަންނަ ހެކްޓަ ބެލެރިން، ސީޑް ކޮލަސިނަޗް އަދި ސޮކްރަޓިސް ޕަޕަސްތޮޕަލަސް ކުޅުމާމެދު ގޮތެއް ނިންމާނީ މިއަދު ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ.

"މީގެ ތެރޭގައި އެބަތިބި އަހަރެމެން ވަކި މަގާމަކަށް ކުޅުވަން ބޭނުންވާ ކުޅުންތެރިން. އެކަމަކު އެއްވެސް ކުޅުންތެރިއަކު ފިޓްނުވެއްޖެނަމަ އަހަރެމެން ޖެހޭނީ ކުއްލި ގޮތަކަށް އެހެން ކުޅުންތެރިއަކު އެ މަގާމަށް ކުޅުވަން،" އެމެރީ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިވަޕޫލް އަދި ބަލިވެފައެއް ނުވެ އެވެ. މިރޭ އާސެނަލް އަތުން ބަލިނުވެ ފަރުޖައްސާލައިގެން ލިވަޕޫލަށް އެއް ވަނަ އަށް އެރޭނެ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ލިވަޕޫލަށް ވަރަށް ރަނގަޅު ޓެސްޓެއް ކަމަށެވެ.

"އަހަންނަށް އެނގޭ އެމެރީ އާސެނަލް ބަަދަލުކޮށްލާނެކަން. ތިން އަހަރު ތެރޭގައި އަށް ވަރަކަށް ތަށި އޭނާ ހޯދައިފި. މިއީ އާދައިގެ އަދަދެއް ނޫން. އެމެރީ ގެނައިއިރު އާސެނަލް ސަޕޯޓަރުން އެންމެ އުފާ ނުވިޔަސް މިހާރު އެންމެން ތިބީ އުފަލުން. އެހެންވީމަ މިއީ ހުރިހާ ގޮތަކުން ވެސް އަހަރެމެންނަށް އޮތް ޗެލެންޖެއް،" ކްލޮޕް ބުންޏެވެ.

މިއީ 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލަށް ފަހު އެމެރީ އާއި ކްލޮޕްގެ ފުރަތަމަ ކުރިމަތިލުމެވެ. އެ ފަހަރު އެމެރީ ކޯޗުކޮށްދިން ސެވިއްޔާ ވަނީ 3-1 އިން ލިވަޕޫލް ބަލިކޮށްފަ އެވެ.

މި މެޗުގައި ވެސް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ނަބީ ކެއިޓާ އަނިޔާގެ ސަބަބުން ނުކުޅޭނެ އެވެ. ކްލޮޕް ބުނީ އަނިޔާއިން ރަނގަޅުވަމުން އަންނަ ކުޅުންތެރިން ރިސްކު ކުޅުވައިގެން ކުޅޭ ހާލަތަށް އަދި ލީގު ނުދާ ކަމަށެވެ.

އާސެނަލާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާޢްޖެ ގަޑިން މިރޭ 10:30 ގަ އެވެ.