Roadha Mihaaru
ބަދަލު ހިފުމުގެ ރޫހެއް ނެތް: ވެންގާ

ލިވަޕޫލްގެ ކިބައިން ބަދަލު ހިފުމުގެ ރޫހެއް ނެތް: ވެންގާ

22 ޑިސެމްބަރ 2017

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގަައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ސީޒަނު ކުރީކޮޅުގައި އެ ޓީމު އަތުންވި ބަލީގެ ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގަައި ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ސީޒަނު ކުރީކޮޅުގައި އެ ޓީމު އަތުންވި ބަލީގެ ބަދަލު ހިފުމުގެ ރޫހެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިރޭގެ މެޗަކީ ލީގުގެ ހަތަރު ވަނަ މަގާމަށް އަރަން މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. ލީގުގެ ހަތަރު ވަނައިގައި ލިވަޕޫލް އޮތީ 18 މެޗުން 34 ޕޮއިންޓާ އެކު އެވެ. އާސެނަލް އޮތީ 18 މެޗުން 33 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އާސެނަލަށް ހަތަރަކަށް އެރެން އޮތީ އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން މޮޅުވެގެންނެވެ.

ލީގުގައި ލިވަޕޫލާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ. ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން އާސެނަލް ލިވަޕޫލް އަތުން އެންމެ ފަހުން ބަލިވީ 1998 ވަނަ އަހަރު އެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން މި ސީޒަނުގައި ލިވަޕޫލް ދަނޑުގައި އެ ޓީމު މޮޅުވީ 4-0 އިންނެވެ.

މިރޭ މެޗުގެ ކުރިން ވެންގާ ބުނީ އެންމެ ފަހުން ކުޅުނު މެޗުގެ ހަނދާންތައް ހުރި ނަމަވެސް އެކަމުން ބަދަލުހިފަން ނުވިސްނާނެ ކަމަށެވެ.

"އަހަރެން ކަހަލަ ކޯޗިންގައި ދިގު ކެރިއަރެއް އޮތް މީހަކަށް ކެރިއަރުގައި ހުންނާނެ ހަނދާނުން ނުފިލާވަރުގެ ބޮޑެތި ބަލިތަކެއް ވެފައި. އޭގެ މާނަ އަކީ އޭގެ އިން އަރައިގަންނަން ބަދަލުހިފުމުގެ ރޫހެއް އިސްކުރާށެކޭ ނޫން. އަމިއްލަ ޓީމުގައި ހުރި މައްސަލަތައް ރަނގަޅުކޮށް މެޗު ކާމިޔާބުކުރަން ވިސްނަންވީ،" ވެންގާ ބުންޏެވެ.

މި ސީޒަނުގައި ލިވަޕޫލްގެ އެޓޭކް ވަރުގަދަކޮށް އޮތް ނަމަވެސް އެ ޓީމުގެ މައްސަލަ އަކަށް ވެފައިވަނީ ޑިފެންސެވެ. މިރޭގެ މެޗުގެ ކުރިން ވެންގާ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

"ލިވަޕޫލްގެ އެޓޭކް ވަރަށް ވަރުގަދަ އެއީ ދެބަސްވެވޭނެ ކަމެއް ނޫން. އެކަމަކު އެ ޓީމުގެ ޑިފެންސުގައި އެބަހުރި މައްސަލަތަކެއް. އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވޭނެ ރަނގަޅަށް ޑިފެންސްނުކޮށެއް،" ވެންގާ ބުންޏެވެ.

ލިވަޕޫލް އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު މެޗުތަކުން ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން މޮޅުވެފަ އެވެ. އަދި ފަހަކަށް އައިސް އެ ޓީމުގެ ފޯމު ވެސް ވަނީ ރަނގަޅުވެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި މެޗުގައި ގިނަ ލަނޑުތަކެއް ފެންނާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ނަމަވެސް އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައި ވެސް ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެންދާނެ ކަމަށެވެ.

"އާސެނަލަކީ ފުރިހަމަ ފުޓްބޯޅަ ޓީމެއް. އަހަންނަށް ޔަގީންކަމެއް ނުދެވޭނެ ކޮންމެ މެޗަކުން ތަފާތު ބޮޑުކޮށް މޮޅުވެވޭނެ ކަމުގެ. އެކަމަކު ކުރިން މެޗެކޭ އެއްވަރަށް އަހަރެމެން މި މެޗުގައި ވެސް ރަނގަޅަށް ކުޅޭނަން،" ކްލޮޕް ބުންޏެވެ.

މި މެޗު އެންމެ ހާއްސަވާނެ އެއް ކުޅުންތެރިޔަކީ މި ސީޒަނުގައި އާސެނަލް ދޫކޮށް ލިވަޕޫލަށް ބަދަލުވި އިނގިރޭސި މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އަށެވެ. އޭނާ އަކީ ލިވަޕޫލް އެންމެ ފަހުން ބޯންމައުތު ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ. ކްލޮޕް ބުނީ އާސެނަލަށް ޗަމްބަލެއިންގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ނޭނގުނު ކަމަށެވެ.

މި މެޗަށް ނުކުންނައިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކާޑު ހަމަވުމުގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗު ގެއްލުނު ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން އަށް ކުޅެވުމެވެ. އެހެން ނަމަވެސް ޖޮއެލް މަޓިޕާއި ޑެނިއަލް ސްޓަރިޖް އަދި އެއްކޮށް ފިޓެއް ނޫނެވެ.

އާސެނަލްގެ އޮލިވިއޭ ޖިރޫ އަށް އަނިޔާވުމުގެ ސަބަބުން އަންނަ އަހަރުގެ ކުރިން އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ނުބެލެވެ އެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް އެ ޓީމަށް ކުޅޭ ޖާމަނީގެ ޑިފެންޑަރު ޝޮކްރްޑަން މުސްތާފީ ވަނީ ފިޓްވެފަ އެވެ.

ލިވަޕޫލާއި އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.