Roadha Mihaaru
އާސެނަލް މެޗު ކްލޮޕަށް މުހިންމު

އާސެނަލް މެޗު ކްލޮޕަށް މުހިންމު

03 އެޕްރީލް 2021

ލަންޑަން (3 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، މި މެޗަކީ ލިވަޕޫލަށް ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލަންޑަން (3 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު، މި މެޗަކީ ލިވަޕޫލަށް ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މިހާރު އޮތީ ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ. މި ސީޒަންގައި ލިވަޕޫލަށް ވަނީ ގިނަ ޕޮއިންޓްތަކެއް ގެއްލިފަ އެވެ. ލީގު ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދު ލިވަޕޫލަށް ގެއްލިފައިވާއިރު، ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަކީ ވެސް އުނދަގޫ ކަމެކެވެ.

މިދިޔަ ސީޒަންގައި 29 މެޗަށް ފަހު ލިވަޕޫލް އޮތީ 82 ޕޮއިންޓާއެކު އެވެ. މި ސީޒަންގައި މިހާތަނަށް 29 މެޗު ކުޅުނުއިރު، ލިވަޕޫލަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.

ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލް ނުކުންނައިރު، މި މެޗުން ތިން ޕޮއިންޓް ހޯދުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ކްލޮޕް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރަމެންނަށް ދެން ނެތް އިތުރު ޕޮއިންޓްތަކެއް ގެއްލުވާލައިގެން ފަރުޖެއްސޭކަށް،" ކްލޮޕް ބުންޏެވެ. "މިހާރު މި އޮތް ހިސާބުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަކީ ވެސް ފަސޭހަކަމެއް ނޫން. އެކަމަކު އަހަރެމެން އެބަޖެހޭ ލީގުގެ ބާކީ މި އޮތް މެޗުތަކުގައި ނަތީޖާ ރަނގަޅުކޮށް، ތާވަލްގައި ކުރިއެރުންތަކެއް ހޯދަން މަސައްކަތްކުރަން."

ކްލޮޕް ބުނީ އާސެނަލްއަކީ ވަރަށް ރަނގަޅު ޓީމެއް ކަމާށާއި އާސެނަލްގެ ދަނޑުގައި އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި މި މެޗުގައި ލިވަޕޫލްގެ ޑިފެންސް ރަނގަޅުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އާސެނަލްގެ ދަނޑުގައި އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫން. އާސެނަލް އަކީ ވަރަށް ރަނގަޅު ޓީމެއް. އަހަރެމެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ ޑިފެންސް ރަނގަޅުކުރަން. ޑިފެންސް ރަނގަޅުކުރެވިއްޖެ ނަމަ، އަހަރެމެންނަށް މި މެޗު ކާމިޔާބުކުރެވިދާނެ،" ކްލޮޕް ބުންޏެވެ.

މި މެޗަށް ނުކުންނައިރު އާސެނަލްގެ އޮތީ 42 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގަ އެވެ.

އަނިޔާގެ މައްސަލައަކާ ގުޅިގެން މިރޭގެ މެޗުގައި އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ނުފެންނާނެ އެވެ. މީގެ އިތުރުން ވިލިއަން އާއި ބުކާޔޯ ސަކާ ވެސް މިރޭގެ މެޗަށް ފިޓުވާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ

އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރެވެ.