Roadha Mihaaru
ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށް

ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަަދަަދު 20 މިލިއަނުގައި!

04 ނޮވެމްބަރ 2018

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކަށް ދެއްކި ރަޖިސްޓްރީ ފީ އާއި ޑައުންޕޭމަންޓް އަނބުރާ ހޯދަން އެދުނު މީހުންނަށް އެ ކުންފުނިން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް އެކަމުގައި ވަކާލާތުކުރާ ވަކީލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކަށް ދެއްކި ރަޖިސްޓްރީ ފީ އާއި ޑައުންޕޭމަންޓް އަނބުރާ ހޯދަން އެދުނު މީހުންނަށް އެ ކުންފުނިން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް އެކަމުގައި ވަކާލާތުކުރާ ވަކީލުން މިއަދު ބުނެފި އެވެ.

އެ މައްސަލާގައި ހިލޭ ވަކާލާތު ކޮށްދެއްވާ މަރިޔަމް ޝުނާނާ ވިދާޅުވީ މިހާތަނަށް 182 މީހަކު ރިފަންޑު ހޯދަން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބަޔަކު ބޭނުންވަނީ ރަޖިސްޓްރީ ފީއަށް ދެއްކި 50،000ރ. ހޯދައިދޭށެވެ. އަނެއް ބަޔަކު ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކި ފައިސާ ހޯދަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޑައުންޕޭމަންޓްގެ ގޮތުގައި ބައެއް މީހުން ވަނީ 400،000ރ ދައްކައިފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހުން ބުކިން ފީ ދެއްކި އެވެ.

ސީ ލައިފާ އެކު ހަދާފައިވާ އެގްރިމެންޓް ބުނާ ގޮތުން އަލުން އެ ފައިސާ އަނބުރާ ހޯދަން އެދެފި ނަމަ ދޭން ޖެހެ އެވެ. އެގޮތުން ބައެއް މީހުންގެ ލާރި މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ގިނަ ބަޔަކަށް ފައިސާ ނުލިބި، ކުންފުނީގެ ވެރިންގެ ފަހަތުން ދުވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ހުޅުމާލޭގައި ސީ ލައިފުން ހަދާ އެޕާޓްމަންޓްތަކަށް ދޫކުރި ބިން -- މިހާރު ފޮޓޯ

ހުޅުމާލޭގައި ސީ ލައިފުން ހަދާ އެޕާޓްމަންޓްތަކަށް ދޫކުރި ބިން -- މިހާރު ފޮޓޯ

ޝުނާނާ ވިދާޅުވީ 182 މީހުންގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ މި ހަފްތާގައި ހުށަހަޅާނެ ކަމަށެވެ.

ސީ ލައިފުން ހުޅުމާލޭގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެހެންކަމުން އެއީ އެފަދަ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ބަޔަކު އޮޅުވާލައިގެން ބަޔަކު އަތުން ލާރި ހޯދަން ކުރި ކަމެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެ އެވެ.

ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ދިވެހި ބައެއް ލަވަތައް ޕްރޮޑިއުސްކޮށް، އަދި ބައެއް ލަވަތަކުގައި އެކްޓްކޮށްފައިވާ އަހުމަދު މޫސާ (އަންމަޓީ) އެވެ.

އޭނާ ކުރިން ވިދާޅުވެފައި ވަނީ ރިފަންޑް ހޯދަން އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފައިސާދީ ނިންމާފައިވާ ކަމަށެވެ. ފައިސާ ނުދެވި ވަނީ 47 މީހަކަށް ކަމަށާއި އެ މީހުންނަށް މިދިޔަ އޮގަސްޓު މަހުގެ ކުރިން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެކަމަކު ގިނަ ބަޔަކަށް އަދިވެސް ފައިސާ ނުލިބެ އެވެ.

ސީ ލައިފްގެ މަޝްރޫއުއަކީ މަކަރާއި ހީލަތް ހެދުން ކަމަށް ބަލައި އެ ކުންފުނީގެ ވެރިންނާ މެދު ޖިނާއީ ތަހުގީގެއް ހިންގަން އެދި މިދިޔަ މަހު ފަހުކޮޅު ފުލުހުންނަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި އެޗްޑީސީގެ އިހުމާލު ވެސް އޮތް ކަމަށް ބުނެ މައްސަލަ ބަލައިދޭން އޭސީސީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ދެ ތަނުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.

އަންމަޓީއާ މިހާރު ފޯނަކުން ނުގުޅެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާ މިހާރު އުޅުއްވަނީ ސްރީ ލަންކާގަ އެވެ.