Roadha Mihaaru
"ބޭހެއްގެ ސަބަބުން" ބީރުވި މައްސަލަ ސުޕްރީމް ކޯޓަށް

އިންޖެކްޝަނެއްގެ ސަބަބުން ކުއްޖަކު ބީރުވި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި

14 އޯގަސްޓް 2016

ކުޑަކުއްޖެއްގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން އަޑު އިވުމުން މަހްރޫވި ކަމަށް ބުނާ މައްސަލާގައި ބަދަލު ހޯދަން އޭނާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖެއްގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން އަޑު އިވުމުން މަހްރޫވި ކަމަށް ބުނާ މައްސަލާގައި ބަދަލު ހޯދަން އޭނާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މީގެ ނުވަ އަހަރު ކުރިން 2007 ގައި، ގދ. ފަރެސްމާތޮޑާ އަށް ނިސްބަތްވާ ތިން އަހަރުގެ އަންހެން ކުޑަކުއްޖަކު ބަލިވެގެން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އެ ކުއްޖާގެ ގަޔަށް އެ ހޮސްޕިޓަލުން އިންޖެކްޝަނެއް ޖެހި ފަހުން އެ ކުއްޖާ ވަނީ އިވުމުން މަހްރޫމްވެފަ އެވެ.

އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ހެލްތު މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރަނީ ގެއްލުމުގެ ބަދަލަށް 7.1 މިލިއަން ރުފިޔާ ހޯދުމަށެވެ. އެކަމަކު މަދަނީ ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެކަމުގައި އިހުމާލެއް އޮތްކަން ސާބިތުނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

އެ މައްސަލަ އެ ކުއްޖާގެ ބައްޕަގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގަނެ، އަންނަ ބުރާސްފަތި ދުވަހު ޝަރީއަތް ފަށަން ނިންމައިފަ އެވެ. މައްސަލަ ބަލަން ހަމަޖެއްސީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

އެ ކުއްޖާގެ ބައްޕަގެ ފަރާތުން ހައި ކޯޓާއި ދަށު ކޯޓުގައި ވެސް ބުނެފައިވަނީ އެ ހާދިސާ ހިނގުމުން އެކަމުގައި އިހުމާލެއް ނެތްކަން ދައްކަންވެގެން ލިޔުންތަކަށް ހޮސްޕިޓަލުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެކަމަކު ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމީ ލިޔުންތަކަށް ބަދަލު ގެނެސް އޮޅުވާލިކަން ސާބިތުނުވާ ކަމަށެވެ.

އެ މައްސަލައިގެ ލިޔުންތަކަށް އުނިއިތުރު ގެނެސްފައި އޮތް ކަމަށް ބުނާތީ ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް ލިޔުންތަކުގެެ ފޮރެންސިކް ތަހުލީލު ވެސް ހަދައިފަ އެވެ. ފުލުހުން ބުނެފައިވަނީ ލިޔުންތަކަށް ބަދަލު ގެނައި ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ދެ ލިޔުމެއް ތަހުލީލު ކުރުމުގެ ގާބިލްކަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.