Roadha Mihaaru
"ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ 100 ޕަސެންޓު އިހުމާލުން"

"ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ 100 ޕަސެންޓު އިހުމާލުން"

19 އޮކްޓޯބަރ 2021

މާ ގިނައިން ބޭރަށް ހިނގާތީ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ތިން މަހުގެ ކުއްޖާ އިއްޔެ ނިޔާވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އެ އާއިލާ އިން މިއަދު ތުހުމަތު ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާ ގިނައިން ބޭރަށް ހިނގާތީ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ތިން މަހުގެ ކުއްޖާ އިއްޔެ ނިޔާވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އެ އާއިލާ އިން މިއަދު ތުހުމަތު ކޮށްފި އެވެ.

އެ ކުއްޖާގެ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްގައި ބުނީ، މާ ބޮޑަށް "ލޫސް ސްޓޫލް" ވާތީ އިމަޖެންސީކޮށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު ހޮސްޕިޓަލަށް ގުޅި ކަމަށެވެ.

އެކަމަކު، ފަސް މިނެޓު ވީއިރު ވެސް އެމްބިއުލާންސްގެ ޚަބަރެއް ނުވުމުން، އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދާ ކަމަށް ބުންޏަސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ތިބި ބަޔަކަށް ވުމުން ކުއްޖާ ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީ އަށް ކަމަށް ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކޮވިޑުން ރަނގަޅުވިތާ އޭރު 16-18 ދުވަސް ވެފައިވާ ކަމަށް ހަމީދުގެ ޕޯސްޓުގައިވެ އެވެ.

"އެންމެން ވެސް ރަނގަޅުވެފައޭ މި ތިބީ، އަމިއްލަ ދަރި އުރާލައިގެން ހޮސްޕިޓަލަށް ދާން އެދުމުން ވެސް ބުނީ ހޮސްޕިޓަލަށް ގެނަޔަސް ޑޮކްޓަރު އެޓެންޑު ނުވާނެ ކަމަށް އޭނާ ބުނެފިއޭ. ކުޑަކުދިންގެ ޑޮކްޓަރު އަންނާނީ ހެނދުނު 8 ގައޭ،" އެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ލިޔެފައި ވެ އެވެ.

އޭނާ ބުނީ، ހޮސްޕިޓަލުން އެމްބިއުލާންސް ފޮނުވީ ވެސް ހުއްޓާ ނުލައި ގުޅާތާ ދެ ގަޑިިއިރު ފަހުން ހެނދުނު 6:15 ގަ އެވެ. އެ އަށް ފަހު، ކޮވިޑް ފެސިލިޓީ އަށް ގެންގޮސް އެއްވެސް ފަރުވާއެއް ނުދީ ވެސް ދޮޅު ގަޑިއިރު ބޭއްވި ކަމަށް ހަމީދު ތުހުމަތުކުރެ އެވެ.

"ކޮވިޑު ފެސިލިޓީގައި ތިބި ދެ ނަރުހުން، ބޭބީއެއް ވީމާ ހާސްވެފައި ހޮސްޕިޓަލަށް ގުޅައި ޑޮކްޓަރަށް ރިޕޯޓު ކުރަމުން ދިޔަ،" ހަމީދު ބުންޏެވެ.

އޭނާ ބުނިގޮތުގައި، ހެނދުނު 7:40 ވީއިރު ކުއްޖާ ނޭވާ ނުލައި، ހަރަކާތް ހުއްޓުނެވެ. އޭގެ ތިން މިނެޓު ފަހުން ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް "ވަރަށް އިމަޖެންސީ ވެލާފައި" ދިޔައިރު މާ ލަސްވެފައިވާ ކަމަށް ހަމީދު ބުންޏެވެ.

"ހެނދުނު 9 ގައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން އެދުނު ދަރިފުޅުގެ ބޮޑީ ސްކޭނެއް ހަދަން ހޮސްޕިޓަލަށް ގެންދަން ހުއްދަ އަށް އެދި. މަގޭ ދަރި ދިރި ހުއްޓާ ހޮސްޕިޓަލަށް ނުވައްދާފައި ދެން ނުގެންދެވޭނެ އެއްވެސް ތާކަށް،" ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ ހަމީދު ބުންޏެވެ.

"[ކުއްޖާ ނިޔާވީ] 100 ޕަސެންޓު ހޮސްޕިޓަލުގެ އިހުމާލުން."

ތިނަދޫ ކައުންސިލުން ވެސް އެންމެ ފުރަތަމަ މައުލޫމާތު ދިނީ އެއީ ކޮވިޑުގެ މަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެޗްޕީއޭ އިން ފަހުން ގުޅުމަށް ފަހު ވަނީ، އެ އާއިލާގެ އެންމެން ކޮވިޑުން ރަނގަޅު ވެފައިވާތީ އެ ގޭ މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ބުންޏެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ބިދޭސީ ޑޮކްޓަރެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.