Roadha Mihaaru
ބޭހަކުން ކުއްޖަކު ބީރުވި މައްސަލާގެ ހުކުމް ފަސްކޮށްފި

ބޭހެއްގެ ސަބަބުން ކުއްޖަކު ބީރުވި މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފި

25 މާޗް 2019

ތިން އަހަރުގެ ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ދައުލަތާ ދެކޮޅަށް ކުރާ ދައުވާގެ ހުކުމް އިއްވުން ސުޕްރީމް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތިން އަހަރުގެ ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ދައުލަތާ ދެކޮޅަށް ކުރާ ދައުވާގެ ހުކުމް އިއްވުން ސުޕްރީމް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

މީގެ 11 އަހަރު ކުރިން، 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ ހުން އަންނާތީ އެވެ. ފަރުވާ ދިނުމަށް އެ ކުއްޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވާ ދިން އެންޓި ބައޮޓިކް ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ވަނީ ގެއްލިފަ އެވެ.

އެ މައްސަލާގައި ޑޮކްޓަރުން އިހުމާލުވި ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 7.1 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ އެ ކުއްޖާގެ ބައްޕަ އަހުމަދު އިހުސާނެވެ. އެ މައްސަލާގައި ކުރީގެ މަދަނީ ކޯޓާއި ހައި ކޯޓުން ވެސް ކުރިން ހުކުމް ކޮށްފައި އޮތީ އެކަމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުނުވާ ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން އިހުސާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ވަނީ ނިންމާލައިފަ އެވެ. އެ މައްސަލައިގެ ހުކުމް މިއަދު ހެނދުނު އިއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލައަކީ 2009 ވަނަ އަހަރުން ފެށިގެން އެކި މަރުހަލާތަކުގައި ހިނގަމުން ގޮސް ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ އަވަހަށް ނިންމަވާނެ ކަމަށް އެ މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އޮތީ އިއުލާން ކުރައްވައިފަ އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ ބެންޗަކުންނެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.