Roadha Mihaaru
ދެ ދާއިރާ އިތުރުކޮށް މަޖިލިސް ދާއިރާތައް ކަނޑައަޅައިފި

2 ދާއިރާ އިތުރުކޮށް އިންތިހާބީ ދާއިރާތައް ކަނޑައަޅައިފި

06 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ދެ ދާއިރާ އިތުރުކޮށް ރަސްމީކޮށް އިންތިހާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ދެ ދާއިރާ އިތުރުކޮށް ރަސްމީކޮށް އިންތިހާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބީ ދާއިރާތައް ކަނޑައެޅީ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަދި ވަރަށް އަވަހަށް ދާއިރާތައް ގެޒެޓް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ކުރި ދެ ދާއިރާއަކީ މައްޗަންގޮޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އެވެ. އަދި ދާއިރާތައް ރަސްމީކޮށް ކަނޑައެޅި އިރު، ހުޅުމާލެ ވަނީ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

"މާލޭގެ މައްޗަންގޮޅީ މެދު ދާއިރާއެއް އިތުރު ކުރުމާއި ކުރީގައި އޮތް ހުޅު ހެންވޭރު ދާއިރާގެ ތެރެއިން ހުޅުމާލެ ވަކި ދާއިރާއަކަށް ހަދައި، ހެންވޭރު ހުޅަނގު ދާއިރާއެއް އިތުރު ކުރުން ފިޔަވައި ވެއަތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިންތިހާބީ ދާއިރާއަކަށް އެއްވެސް ސިފައެއްގައި ބައުންޑަރީ އަށް ވެސް އަދި އާބާދީ އެއްވަރު ކުރުމުގެ ނިޔަތުގައި ވެސް އެއްވެސް ކަހަލަ ބަދަލެއް ނުގެންނަން ވަނީ ނިންމައިފަ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށް ވަގުތީ ގޮތުން ނިންމާފައިވާ ގޮތް އާންމު ކުރުމުން ވަރަށް ގިނަ ޝަކުވާތަކެއް ލިބުނު ކަމަށެވެ. އެހެންކަމުން ދާއިރާތައް ކަނޑައަޅާފައިވާނީ "އެ ޝަކުވާތަކަށް ބެލުމަށް ފަހު އަދި ތަފާތު ދާއިރާތަކުން އަޅުގަނޑުމެންނާ ބައްދަލު ކުރެއްވި ބައްދަލު ކުރުމަށް ފަހުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކޮލަމާފުށީ ދާއިރާއެއް ވަކިން އުފެއްދުމަށް އަދި އައްޑޫ އަތޮޅަށް ދެ ދާއިރާ އިތުރު ކުރުމަށް ކޮމިޝަނަށް ބައެއް ފަރާތްތަކުން ލަފާ ދީފައިވާ ކަމަށެވެ.

"ގާނޫނުން އަޅުގަނޑުމެން ރިއާޔަތް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެބަ ހިމެނޭ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން،" އަކްރަމް ވިދާޅުވި އެވެ.

"ކޮމިޝަނާއެކު ބައްދަލުކޮށްފައިވޭ ހުޅުދޫ، ހުޅުމީދޫ، ފޭދޫ އަދި މަރަދޫ ފޭދޫ ބޭފުޅުން ވެސް. މި ހުރިހާ ވާހަކަތަކަކަށް އަޅުގަނޑުމެން މަޝްވަރާ ކުރުމަށް ފަހު މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ މިހާރު ވެސް އެއްވެސް ދާއިރާއެއް އިތުރުނުކޮށް އަދި އިންތަކަށް ވެސް ބަދަލު ނުގެނައުމަށް ނިންމީ."