Roadha Mihaaru
"ފެންނަނީ ފުޓްބޯޅައިގައި މިސްރާބެއް ނެތް މަންޒަރު"

ފެންނަނީ ފުޓްބޯޅައިގައި މިސްރާބެއް ނެތް މަންޒަރު: ސުޒޭން

09 ނޮވެމްބަރ 2018

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ދެ މުބާރާތް ކަމަށްވާ ގައުމީ މުބާރާތާއި އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމުން ނިންމި ނިންމުމާ އެކު ފެންނަ އެންމެ ބޮޑު މަންޒަރަކީ އަދިވެސް ފުޓްބޯޅައިގައި ހެޔޮ މިސްރާބެއް ނެތްކަން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ދެ މުބާރާތް ކަމަށްވާ ގައުމީ މުބާރާތާއި އެފްއޭ ކަޕް ނުބާއްވަން އެފްއޭއެމުން ނިންމި ނިންމުމާ އެކު ފެންނަ އެންމެ ބޮޑު މަންޒަރަކީ އަދިވެސް ފުޓްބޯޅައިގައި ހެޔޮ މިސްރާބެއް ނެތްކަން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މި އަހަރުގެ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗު ނުކުޅެ އެވެ. މިއީ 2009 ވަނަ އަހަރު ކަޕް ވިނާސް ކަޕް ހުއްޓާލާފައި ޗެރިޓީ ޝީލްޑް މެޗު ކުޅެން ފެށި ފަހުން އެ މެޗު ނެތި ސީޒަން ފެށި ފުރަތަމަ ފަހަރެވެ. އެ މެޗު ފުރަތަމަ ފަސްކުރީ އޭރު އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނެވެ. ފަހުން މެޗު ކެންސަލްކުރީ ޝެޑިއުލަށް ބަދަލުގެންނަން ޖެހުމުން ގައުމީ ޓީމުތަކާއި ކްލަބްތަކަށް އުނދަގޫވާނެ ކަމަށް ބުނެ އެވެ.

އަނެއްކޮޅުން މި އަހަރުގެ ގައުމީ މުބާރާތް އަންނަ އަހަރަށް ފަސްކުރުމުން މިއީ އެ ޝަރަފްވެރި މުބާރާތް ނެތި ސީޒަން ނިންމާލާ ފުރަތަމަ ފަހަރެވެ. އަދި ސީޒަން ދިގުލައިދާނެތީވެ، އެފްއޭއެމުން ކްލަބްތަކާ މަޝްވަރާކޮށް އެފްއޭ ކަޕް ނުބާއްވަން ނިންމިއިރު، މިއީ މިދިޔަ ހަތަރު އަހަރު ތެރޭ މި މުބާރާތް ނުބާއްވާ ދެ ވަނަ އަހަރެވެ.

"މީގެ ދެން އަސްލުގައި ޕްލޭނެއް ކޮށްލާއިރުގައި ކުއްލި ކުއްލިއަކަށް ކަންތައް ނިންމުމުގައި ދުރާލާ ޕްލޭނެއް ކޮށްލައިގެން ތައްޔާރުވުން ރަނގަޅީ،" ލީގުގައި ބުދަ ދުވަހުގެރޭ ޓީސީ އަތުން ބަލިވި މެޗަށް ފަހު ސުޒޭން ބުންޏެވެ.

"އެއްވެސް ރޭވުންތެރިކަމެއް ނެތި ދާހެން ދަނީ. މުށި މަސް ބޭނެންޏާ މުށި މަސް ބާނަނީ. ލައްޓި ބޭނެންޏާ ލައްޓި ބާނަނީ. އަމާޒެއް ނެތް ވަކި އެއްޗެއް ބާނާކަށެއް. އެހެން އުޅެނިކޮށް ރަނގަޅު އެއްޗެއް ބޭނިއްޖިއްޔާ ރަނގަޅު. އަނެއްހެން ޓާގެޓެއް ކަނޑައަޅައިގެން ވަކި ގޮތަކަށް ދާން އުޅޭ ކަމެއް ނޭނގޭ."

މި އަހަރުގެ ސީޒަން ދިގުލައިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ސާފް ސުޒުކީ ކަޕަށް 70 ދުވަހަށް ލީގު މެދުކަނޑާލުމެވެ. އެ މުއްދަތުގެ ތެރޭގައި ބައެއް މެޗުތައް ފަސްކުރަން ޖެހުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ދޫކުރަން ޖެހުމުންނާއި އެ ހަރަކާތްތައް ނިމުނުއިރު ދަނޑުގެ ވިނަގަނޑަށް ގެއްލުންވެފައިވާތީ އެވެ. ގިނަ ޓީމުތަކުން ވަނީ ސާފަށް އެ ވަރުގެ ބްރޭކެއް ދިނުމުން އެކަމާ މެދު މީގެ ކުރިން ވެސް ހިތްހަމަ ނުޖެހުންފާޅުކޮށްފަ އެވެ.

ސުޒޭން ބުނީ ކޮންމެ އަހަރަކު އަހަރީ ކަލަންޑަރު އެކުލަވާލާއިރު ބާއްވާނެ މުބާރާތްތަކާއި ނުބާއްވާނެ މުބާރާތްތައް ކަނޑައަޅާފައި އެ ގޮތަށް ރާވަންޖެހޭ ކަމަށެވެ.

"އަހަރުގައި އިންނަނީ 365 ދުވަސްކަން އެނގޭނެ. ކޮންމެ ގޮތެއްވިޔަސް ނޮވެމްބަރު މަސް ތެރޭގައި އިތުރަށް އޮކްޓޫބަރެއް ނާންނާނެ. އެހެންވީމަ އެ އަށް ރަނގަޅަށް ރޭވިއްޖިއްޔާ ރަނގަޅުވާނެ،" އޭނާ ބުންޏެވެ.

މިއީ ފާޑުކިޔަން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި ފުޓްބޯޅައިގެ ހާލަތާމެދު ކަންބޮޑުވާތީ ދެއްކޭ ވާހަކަތަކެއް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ގައުމީ އެސޯސިއޭޝަނަކުން ބާއްވާ މުބާރާތްތައް ރޭވޭ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"އަހަރަކީ 68 ވަނަ ގައުމީ މުބާރާތް ކުޅެންވީ އަހަރު. މި އަހަރަކު ނެތް އެ މުބާރާތް. މިއީ 30 ވަނަ އެފްއޭ ކަޕް ކުޅެން ޖެހޭ އަހަރު. އެ މުބާރާތް ވެސް ނެތް. މި ކަހަލަ ގޮތަކަށް ދާން ވެއްޖިއްޔާ މިއީ ލަދުގަންނަން ޖެހޭ ކަމެއް. މިއީ ގައުމެއްގެ އެސޯސިއޭޝަނުން ރާވާ މުބާރާތެއް ދެތިން ކުދިން ރާވާ ކަޕެއް ނޫން،" ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން: ސީޒަން ދިޔަ ގޮތުން އެންމެ ގެއްލުންވާނެ ޓީމަކީ ޓީސީ ކަމަށް ސުޒޭން ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން: ސީޒަން ދިޔަ ގޮތުން އެންމެ ގެއްލުންވާނެ ޓީމަކީ ޓީސީ ކަމަށް ސުޒޭން ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ލީގު ލިބުނަސް ޓީސީ އަށް ގެއްލުންވާނެ"

ލީގު މިހާރު އޮތް ގޮތުން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ޓީސީ އަށެވެ. ސީޒަނުގެ ފަހު ތިން މުބާރާތަށް އެންމެ ރަނގަޅަށް ތައްުޔާރުވި ޓީމަކީ ވެސް ޓީސީ އެވެ. ސުޒޭން ބުނީ ފަހު ދެ މުބާރާތް ކެންސަލް ކޮށްލުމުން މީގެ އެންމެ ބޮޑު ގެއްލުމެއްވާނެ އެއް ބަޔަކީ ޓީސީ ކަމަށެވެ.

"ނިޒާމްބެ އަށް އަޅުގަނޑުގެ ހަމްދަރުދީ ވެސް އެބައޮތް. އެއީ ކޮންމެ ގޮތެއްވިޔަސް އޭނަ އެ ޓީމު ވަރަށް ރަނގަޅު ފޯމެއްގައި ބާއްވައިފި. އަނެއްހެން ތަށި ހޯދުމުގެ ޗާންސް އެންމެ ބޮޑު ޓީމު އެއީ. ނިއު ރޭޑިއަންޓްގައި މައްސަލަ. ގްރީންގައި ކަމެއް ނެތް. މާޒިޔާ ކިރިޔާ ވެސް މި އޮތީ. ރަނގަޅު ދެ ތަށި ހޯދުމުގެ ފުރުސަތު ގެއްލުނީ (ޓީސީ އަށް)،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ ފާއިތުވި 10 ނޫނީ 15 ވަރަކަށް އަހަރު އޮތީ އޮޔާލާފައި އޮންނަ "ބޮޔެއް" ގެ ގޮތުގައި ކަމަށާއި އެ ވާހަކަތަކަށް ބާރުލިބޭ އެންމެ ބޮޑު ސަބަބަކީ ފީފާއިން ހަދިޔާކުރި ޓާފް ތަކެއްގައި ކުޅެލަ ކުޅެލާ ތިބޭތާ 15 އަހަރުވުން ކަމަށެވެ.

"ރަށްރަށުގައި ޒުވާނުން އިސްވެގެން ނައިފަރު، މަހިބަދޫ، ކުރެންދޫގައި ދަނޑުއަޅާއިރު އަހަރެމެންގެ ސަރުކާރާއި އެފްއޭއެމުން ނުކުރެވި އޮތް ކަމެއް މިއީ. ދެން ފުޓްބޯޅަ އަށް ކޮންމެ ގޮތެއް ވެސް ވެދާނެނޫންތޯ. މި ދައްކަނީ ބްރިޖެއް އަޅާ ވާހަކައެއް ނޫން. ފަސް މިލިއަން ރުފިޔާ އަށް ފުލް ސައިޒް ދަނޑެއް އަޅާ ވާހަަކަ،" ހުރި ކަންބޮޑުވުންތަަކަށް އިޝާރާތްކޮށް ސުޒޭން ބުންޏެވެ.

ރާއްޖޭގެ ކުޅިވަރަށް ފާއިތުވި ފަސް އަހަރު ތެރޭ 300 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހާސިލްކުރެވުނު ބޮޑު ކަމެއް ނެތް ކަަމަށާއި މިއީ ވަރަށް ވިސްނައިގެން ހެޔޮނިޔަތެއްގައި ކޮށްގެންނޫނީ ރަނގަޅުކުރެވޭނެ ކަންތައް ނޫން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.