ސިޔާސީ ގޮތުން ކިރިޔާ ވެސް ނުރައްކަލެއް އޮތް ލީޑަރެއް ވިއްޔާ ލީ ޖަލަށެވެ. އެއީ އުއްތަމަފަނޑިޔާރު ހައްޔަރުކުރުން ކަމަށް ވިޔަސް ދެ ވަނަ ވިސްނުމަކަށް ނުދެ އެވެ. އަޑު އިއްވުމުގެ މުޒާހަރާތައް ދެކެ އެހާ ފޫހިވި އެވެ. ފާޑުކިއުންތައް ހުއްޓުވާނެ ގޮތްތައް ގާނޫނުގެ ނަމުގައި ހޯދި އެވެ. މިނިވަން ހުރިހާ މުއައްސާއެއް ގޮނޑި ކޮއްކޮއަކަށް ހެދި އެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ފަހަތުން ހިޔާނާތުގެ ބޮޑެތި އަމަލްތައް އާންމުވި އެވެ.
11 ނޮވެމްބަރ 2018
ސިޔާސީ ގޮތުން ކިރިޔާ ވެސް ނުރައްކަލެއް އޮތް ލީޑަރެއް ވިއްޔާ ލީ ޖަލަށެވެ. އެއީ އުއްތަމަފަނޑިޔާރު ހައްޔަރުކުރުން ކަމަށް ވިޔަސް ދެ ވަނަ ވިސްނުމަކަށް ނުދެ އެވެ. އަޑު އިއްވުމުގެ މުޒާހަރާތައް ދެކެ އެހާ ފޫހިވި އެވެ. ފާޑުކިއުންތައް ހުއްޓުވާނެ ގޮތްތައް ގާނޫނުގެ ނަމުގައި ހޯދި އެވެ. މިނިވަން ހުރިހާ މުއައްސާއެއް ގޮނޑި ކޮއްކޮއަކަށް ހެދި އެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ފަހަތުން ހިޔާނާތުގެ ބޮޑެތި އަމަލްތައް އާންމުވި އެވެ.
މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ މައިގަނޑު ސިފަތަކެވެ.
ތާރީޚުގެ ތެރެއަށް އެމަނިކުފާނު ވަންނާނީ، ހުރިހާ ބާރެއް ލިބިވަޑައިގަތުމުން، ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ވެރިކަން ނުކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ޕީޕީއެމް ކޯލިޝަނަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ދީގެން ދިވެހި ރައްޔިތުން ކޮށައިދިން ފަސޭހަ މަގު، އެމަނިކުފާނު ބޭނުންފުޅުކުރެއްވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ވެސް، ބޭނުން ކޮންމެ އިރަކު ފުނޑާލައްވާ އުސޫލަކަށެވެ.
ރައްޔިތުންގެ މަޖިލިސް ނުލިބި ސަރުކާރު ހިންގަން އުނދަގޫވާނެކަން، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކުން ގިނަ ދިވެހިން ގަބޫލުކުރި އެވެ. ރައީސް ޔާމީން 2013 ގެ އިންތިހާބު ކާމިޔާބުކުރައްވާ ވެރިކަމާ ހަވާލުވެވަޑައިގަތުމުން ބޮޑަށް ގަބޫލުކުރެވުނީ ޑިމޮކްރަސީ ހަރުދަނާކުރުމާ އެކު، ގައުމުގެ ކަންކަން ހަމަޔަކަށް ވެސް އަޅުއްވާނެ ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނުނީ ޑިމޮކްރަސީގެ މައިގަނޑު ތަނބުތަކުގެ ބާރު ކަނޑުވާލައި، ހައްގުތައް ހަނިކުރި ތަނެވެ.
- ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުންހެން ޖަލަށް ލި
- އެމަނިކުފާނަށް އަމާޒުކޮށް "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި
- މަދުވެގެން 80 މިލިއަން ޑޮލަރު ހިމެނޭ އެމްއެމްޕީއާރުސީގެ ހިޔާނާތް
- ސުޕްރީމް ކޯޓަށް ސިފައިންނާއި ފުލުހުން ވައްދައި، ދެ ފަނޑިޔާރަކު ހައްޔަރުކުރި
- 100 މިލިއަން ޑޮލަރަށް ވުރެ ބޮޑެތި އެތައް މަޝްރޫއުއެއް
- މާލެ އާއި ހުޅުލެއާ ބްރިޖަކުން ގުޅާލި
- އެއާޕޯޓްގެ ތަރައްގީއަށް 1 ބިލިއަން ޑޮލަރު
-
ތަރައްގީގެ ގޮތުން ބަލާއިރު ރައީސް ޔާމީންގެ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ކުރިވަރުގެ މަަސައްކަތެއް އެހެން އެއްވެސް ސަރުކާރަކަށް ނުކުރެވެ އެވެ. އެމަނިކުފާނުގެ ކުރިން 100 މިލިއަން ޑޮލަރުގެ މަޝްރޫއުތައް، ސީދާ ސަރުކާރު ޒިންމާވާ ގޮތަށް، ހިންގާފައެއް ނުވެ އެވެ. އެކަމަކު އެ މަޝްރޫއުތަކުގެ ފަހަތުގައި ހިޔާނާތުގެ އެތައް ހަރަކާތެއް ހިންގާކަމުގެ ތުހުމަތުން ސަލާމަތެއް ނުވެވުނެވެ. ފަނޑިޔާރުންނާއި މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންނާއި ފުލުހުންނާއި ސިފައިންގެ ތެރެއަށް ވެސް ފައިސާގެ ނުފޫޒު އޮތީ ވައްދައިފަ އެވެ. މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއެރުމުން ރައީސް ޔާމީންގެ ނަންފުޅަށް އައި ކިލަނބުކަން އޮލަ އެވެ. އަދި އެއީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީނާ ގުޅިގެން ހިންގާފައިވާ ބޮޑު ޚިޔާނާތެއް ކަމަށް، އާންމުން މިހާރު ތިބީ ގަބޫލުކޮށްގެންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ބޮޑު އެއް ރަމްޒު: އެކަމަކު މި ތަރައްގީން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ލިބިވަޑައެއްނުގަތް ---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ދިޔައީ ވަރަށް އޮމާންކޮށެވެ. އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނުފެނުނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ މަޑުންނެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރަތަމަ ހެކި 2015 ގައި ދައްކާލުމާ އެކު ސިޔާސީ ހަލަބޮލިކަމުގެ ބާނި އުފައްދާލި އެވެ. އެކަން ފަޅާއަރުވާލެއްވި އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް މަގާމުން ވަކިކުރުމާއި އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެން ހިމެނޭ ގޮތަށް މަތީ ކޯޓުގެ ބެންޗު ކުޑަކޮށްލުމާއި ނަޝީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުން ދިޔައީ ކައިރިކައިރީގަ އެވެ.
އޭގެ ފަހުން އިދިކޮޅު ހަރަކާތުގެ އެންމެ ބޮޑު އެއްވުން މޭ 1، 2015 ގައި މާލޭގައި އޮތެވެ. އެއީ މިހާތަނަށް ބޭއްވި ސިޔާސީ އެންމެ ބޮޑު އެއް އެއްވުމެވެ. އެކަމަކު ރައީސް ޔާމީނަކީ އެފަދަ ކަމަކަށް އިތުރު ޖާގައެއް ދެއްވާނެ ބޭފުޅަކަށް ނުވުމާ އެކު އެ މުޒާހަރާއާ އެކު އިދިކޮޅު ހަރަކާތްތައް ހުއްޓުމަކަށް ގެނައީ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި މުޒާހަރާގެ ބައެއް އިސް އެހެން ވެރިންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ.
ދަށު ކޯޓުން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް އޮތީ ހަމައެކަނި ރައީސް ޔާމީން ހިތްޕުޅާވާ ގޮތެކެވެ. ވެރިކަމުގެ ބާރު އޮތުމާއި އެ ބާރު ކޮންމެ ގޮތަކަށް ވެސް ބޭނުންކުރައްވަން ޖެހިލުންވެވަޑައިނުގަންނަވާނެތީ، ރައީސް ޔާމީން ފެނުނީ، ދައުލަތުގެ އެހެން ވެރިންނަށް ބިރެއްގެ ގޮތަށެވެ. މުޅި ނިޒާމް އެކެއްގެ މުށުތެރެއަށް ގޮސް ނިމުނީ އެވެ.
ރައީސް ޔާމީން އަބަދުވެސް ގެންދެވީ އެ ހުރިހާ ކަމެއް ދިފާއުކުރައްވަމުންނެވެ. ގާނޫނުން ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއްވެސް ވާހަކަފުޅެއްގައި، ހިޔާނާތް ހުއްޓުވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ. ރައީސްކަމުގެ ހުވާކުރެއްވި ދުވަހުގެ ތަގުރީރުން ފެށިގެން، ވަދާއީ ވާހަކަފުޅާ ހަމައަށް ވެސް، ޑިމޮކްރަސީ ހަރުދަނާކުރުމުގެ ވައުދެއް ނެތެވެ. އެހެންކަމުން ރައީސް ޔާމީނަކީ، ރާއްޖޭގެ އެހެން ހުރިހާ ގާނޫނުއަސާސީއަކަށް ވުރެ ފުޅާކޮށް އެކުލަވާލި އާ ގާނޫނުއަސާސީ ހިމާޔަތްކުރައްވަން މަސައްކަތްކުރެއްވި ވެރިއެއް ނޫނެވެ.
އެކަމަކު ރާއްޖޭގެ ނިސްބަތުން ފައިސާގެ މަތީ އަދަދުތައް ހިމެނޭ މަޝްރޫއުތައް ހިންގަވަން އެއީ ނަމޫނާ ބޭފުޅެކެވެ. އެ މަޝްރޫއުތަކަށް ބޭނުުންވާ ފައިސާ، ރާއްޖޭގެ ފޮރިން ޕޮލިސީ އަށް ގެންނެވި ބަދަލާ އެކު ޗައިނާ ކޮޅަށް ދީލައިލުމުން، ހުރީ ލިބިލިބި އެވެ. އެއީ ކުރިމަގުގައި ދިވެހި ގައުމު އުފުލަން ޖެހޭ ބޮޑު ދަަރަންޏެއް ނަމަވެސް، ފަސޭހަ އިން ލިބޭ ފަސޭހަ ފައިސާގެ ތެރެއިން ސަރުކާރު ހިމާޔަތްކުރެއްވިދާނެ ކަމަށް، ގޯސްކޮށް ނަމަވެސް، ރައީސް ޔާމީން ގަބޫލުފުޅުކުރެއްވި އެވެ.
ރައީސް ޔާމީން ފެއްޓެވި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހެދި އާ ރަަންވޭއަށް ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް މަތިންދާބޯޓު އޭ-380 މަރުކާގެ ބޯޓެއް ފުރަތަމަ ފަހަރަށް ޖައްސަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު
ޚުދުމުޚުތާރުކޮށް ބޭނުންކުރާ ބާރުގެ ނިމުން އަންނަނީ އެކި ގޮތަށެވެ. ރައީސް ޔާމީންގެ ވެއްޓުން ފެށުނީ ގާތް އެކުވެރިޔާ އަދީބާ ހިސާބުންނެވެ. ރައީސް ޔާމީންގެ ބާރުގެ ދަށުން ސިޔާސީ ގޮތުން ބޮޑުކުރި ޒުވާން ނައިބު ރައީސް އޭރު ހުންނެވީ ދައުލަތުގެ ހުރިހާ ހިސާބަކަށް ނުފޫޒު ފޯރުއްވައިފަ އެވެ. އެކަމަކު ހައްޖުން ވަޑައިގެން ރައީސް ޔާމީންގެ ދެކަނބަލުން ދަަތުރުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި ސެޕްޓެމްބަރު 28، 2015 ގައި، އެއްޗެއް ގޮއްވާލި ހާދިސާއަކީ، އަދީބުގެ "ދުވަސް ދާން ޖެހޭކަން" އެމަނިކުފާނަށް ގަބޫލުކުރެއްވުނު ވަގުތުކޮޅެވެ.
އެ ހާދިސާގައި ރައީސް ޔާމީންގެ އާއިލާ، މާ ބޮޑު ގެއްލުމެއް ނުލިބި، ސަލާމަތްވި އެވެ. އެކަމަކު އެ ހާދިސާއާ އެކު ރިޔާސީ ދައުރުގެ ފަަހު ތިން އަހަރު ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތީ ވަރަށް އުނދަގޫ ދުވަސްތަކެކެވެ. އެއްބަފާ ބޭބެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމާއި، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓި ގެއްލުމާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު ކުއްލި އެކަމަކު ބޮޑު އަމުރު ފަދަ ނާޒުކު ދަނޑިވަޅުތަކެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޔާމީނަށް ޖެހިވަޑައިގަތީ، ހިޔާނާތުގެ ތުހުމަތުތަކާއި ބޭއިންސާފުން ހައްޔަރުކުރި ސިޔާސީ ލީޑަރުންގެ ހުކުމްތަކުގެ ދިފާއުގައި ކޮންމެ ދުވަހަކު ވެސް ވާހަކަފުޅު ދައްކަވާށެވެ. އެކަމަކު އޭރު ރައްޔިތުންގެ އިތުބާރު އޮތީ ގެއްލިފަ އެވެ. ރިޔާސީ އިންތިހާބު އޮތް، ސެޕްޓެމްބަރު 23، 2018 ގެ ކުރިން ރައީސް ޔާމީންގެ ބާރު ކިތަންމެ ގަދަޔަސް، ހުރިހާ މުއައްސަސާތަކެއް ކޮންޓްރޯލްކުރެއްވިޔަސް، ރައްޔިތުންގެ ކުރިމަތީގައި ވީ ބޭޒާރެވެ. ބޮޑު ތަފާތަކުން ބަލިވުމާ އެކު ރައީސް ޔާމީންގެ ބާރު ހަމަ އެ ދުވަހު ބިމާހަމަވި އެވެ.
ދިވެހިންގެ ލޯބި އޮތީ ހަމައެކަނި ތަރައްގީގެ މަޝްރޫއުތަކަށް ނޫންކަން އެ ދުވަހު މުޅި ގައުމަށް ދައްކައިދިނެވެ. ދިވެހިންގެ މެޖޯރިޓީ، ޚިޔާނާތާ ދެކޮޅުކަން ހާމަކޮށްދިނެވެ. ގާނޫނުއަސާސީ ހިމާޔަތްކޮށް، ބާރުތައް ވަކިވެފައި އޮންނަ ނިޒާމް ދިފާއުކުރާނެކަން އަންގައިދިނެވެ.
އެހާ ބާރުގަދަ ވެރިޔަކާ މެދު ދިވެހިން ނިންމި ނިންމުމުން އުފެދިގެން އައީ އުއްމީދެވެ. ތާރީޚުގައި އެއީ މުޅި ގައުމަކަށް ފިލާވަޅެކެވެ.
ރައީސް ޔާމީން، ބަސްފުޅެއް ވިދާޅުނުވެ ހިމޭންވެއްޖެ!
އިސް ވެރިޔަކު ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ
ވެރިކަމުގެ ނިޒާމްގެ ތަޖުރިބާ: ބޭނުންވަނީ އިހުލާސްތެރިން
ޖުމްހޫރިއްޔަތަށް 50، އެކަމަކު ހާއްސަ ކަމެއް ނެތް!
ވެރިކަމުގައި ވަނީ ރަސްކަމުގެ ސިފަޖެހިފައި: އިދިކޮޅު
ކުޅިވަރުގެ ހަ ބޭފުޅަކަށް ގައުމީ އިނާމު
"ގައުމު ބިނާކުރުމަކީ ރައީސްގެ އެކަނި ޒިންމާއެއް ނޫން"
ގައުމީ އިނާމާއި ޝަރަފްވެރިކަމުގެ އިނާމު 26 ބޭފުޅަކަށް
ޗާގޮސް މައްސަލައިގެ ނިންމުން އަނބުރާ ޖަހާނަން: ޔާމީން
ގިސޯސް ހިފުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން