Roadha Mihaaru
29 ބިލިއަން ރުފިޔާގެ ބަޖެޓު މާދަމާ ހުށަހަޅަނީ

އިބޫ ސަރުކާރުގެ 29 ބިލިއަން ރުފިޔާގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ

12 ނޮވެމްބަރ 2018

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓް އެކުލަވައިލީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށްވާއިރު، އެމަނިކުފާނު ބޭނުންފުޅުވީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. މިއީ މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އަޅާ ބަލާއިރު ދެ ބިލިއަން ރުފިޔާ ބޮޑޫ ބަޖެޓެކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަން ވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރު މަހުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ފޮނުވަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މަޖިލީހަށް ބަޖެޓު ފޮނުވީ އަލަށް އެކުލަވައިލަން ތައްޔާރުވަމުން އަންނަ ސަރުކާރުގެ އިސް ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ހިމަނައިގެންނެވެ.

ބަޖެޓާ ގުޅޭ ގޮތުން ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ އާ ސަރުކާރުން ބޭނުންވާ ބަޖެޓަށް އެއްވެސް އުނިއިތުރެއް ނެތި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އާ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ބަޖެޓުގައި ހިމަނާނެ ކަމަށް، މިހާރު ވެރިކަން ހިންގާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސްކޮށް، މިހާރު އަމަލުކުރަމުން އަންނަނީ 27 ބިލިއަން ރުފިޔާގެ ބަޖެޓަކަށެވެ. މިއީ، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު ބަޖެޓެވެ.