Roadha Mihaaru
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

28 ނޮވެމްބަރ 2018

އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓް 30 ބިލިއަން ރުފިޔާ ފަހަނައަޅާ ދިޔައީ ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކުންނެވެ.

ރާއްޖޭގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.

ބަޖެޓު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު މަޖިލީހުން ބަޖެޓު ފާސްކުރީ، ކޮމިޓީން ނިންމި ގޮތަށް، 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓުގައި އަލަށް ހިމެނީ ޕީއެސްއައިޕީގެ ބަޖެޓަށް 452 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީގެ ބަޖެޓަށް 25 މިލިއަން ރުފިޔާ، ޖުޑިޝަރީގެ ބަޖެޓަށް 37 މިލިއަން ރުފިޔާ، ހަޔާ އެޑިއުކޭޝަންގެ ބަޖެޓަށް 50 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް 31 މިލިއަން ރުފިޔާ، ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އަށް ދެ މިލިއަން ރުފިޔާ، ރައީސުލްޖުމްހޫރިއްޔާ ކަންކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭން 1 މިލިއަން ރުފިޔާ އެވެ.

މަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރީ ވެސް އެއިން އެއްވެސް ކަމަކަށް އުނިކަމެއް ނުގެނެސް އަދި އެއްވެސް އިސްލާހެއް ވެސް ހުށައެޅުމެއް ނެތި އެވެ.

ބަޖެޓު ފާސް ކުރިއިރު، އިންކަމް ޓެކްސް ނަގަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި ޑޮމެސްޓިކް އެއާޕޯޓުތަކުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުމާއި ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން އޮޑިޓެއް ހެދުން ފަދަ ރިކޮމަންޑޭޝަންތައް ވަނީ ހިމަނައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސްކުރީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.