Roadha Mihaaru
ހުވަފެން ހަގީގަތަކަށްވެ، ގާސިމް ރިޔާސަތުގައި!

ހުވަފެން ހަގީގަތަކަށްވެ، ގާސިމް ރިޔާސަތުގައި!

12 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ "ހުވަފެން" ހަގީގަތަކަށް ހައްދަވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތަށް މިއަދު ވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ "ހުވަފެން" ހަގީގަތަކަށް ހައްދަވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަޖިލީހުގެ ރިޔާސަތަށް މިއަދު ވަޑައިގެންފި އެވެ.

ގާސިމަކީ މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި ބޭފުޅެވެ. އެމަނިކުފާނު މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 18 އަހަރުވީ އެވެ.

ގާސިމް، ހާއްސަ މަޖިލީހުގެ ރައީސް ކަމުން ވަކިވެވަޑައިގަތް ފަހުން ވެސް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރެއްވި އެވެ. އެކަމަކު، އެމަނިކުފާނަށް އެކި ގޮތްގޮތުން ކުރިމަތިވެވަޑައިގަތް ހުރަސްތަކާ ހުރެ، އެ މަގާމަށް ވާދަކުރެއްވޭ ގޮތެއް ނުވީ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް "މިހާރު" އަށް މިއަދު ވިދާޅުވީ 2014 ވަނަ އަހަރު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ގާސިމް މަސައްކަތް ކުރެއްވުމުން، އެކަމަށް ހުރަސް އެޅުއްވީ އޭރު ގާސިމާ އެކު ކޯލިޝަން ހެއްދެވި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ކަމަށެވެ. އަދި ޕީޕީއެމުން ގެންނަން ބޭނުންވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާސިމް އެފަހަރު ނިންމެވި ރައީސް ކަމަށް ކުރިމަތިލައްވަން. އެކަމަކު، ކޯލިޝަންގެ އެހެން ޕާޓީތަކުގެ ބޭފުޅުން (ޕީޕީއެމް/އެމްޑީއޭ) ބޭނުން ނުވީ ގާސިމް ގެންނަން. އެ ހިސާބުން ގާސިމް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރެއްވި އުންމީދު ދޫކޮށްލައްވާފައި،" އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅާ ވިދާޅުވި އެވެ.

ނަމަވެސް، 51 މެމްބަރުންގެ ސޮޔާއެކު، މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، މަސީހް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވަން އުޅުއްވާތާ ހަތަރު އަހަރު ފަހުން ވަނީ އެ މަގާމަށް މިއަދު ވަނީ ވަޑައިގެންފަ އެވެ.

މީގެ ފަސް އަހަރު ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި، ރައީސް އަބްދުﷲ ޔާމީނާ ބައިއަތު ހިއްޕެވި ގާސިމް، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި ނުކުމެ، ކޯލިޝަނަށް ފަންސާހެއްހާ މެމްބަރުން ލިބުނެވެ.

ކޯލިޝަންގެ އިސް ބޭފުޅާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނާއި ގާސިމާ ދެމެދު މައްސަލަ ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ގާސިމަށް މަޖިލީހުގެ ރައީސް ކަން ނުދިނުމެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީނާ ދެކޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ކޯލިޝަނެއް ހެދި އެއް ސަބަބަކީ ވެސް ގާސިމް މަޖިލީހުގެ ރިޔާސަތަށް ގެނައުމެވެ. އެގޮތުން، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތިން ފަހަރަށް މަޖިލީހަށް ވެއްދީ ވެސް އެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ގާސިމް ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް މިވީ އެތައް އަހަރެއް ފަހުން. އެމަނިކުފާނު ބޭނުންފުޅު ވަނީ އިންސާފުވެރި ކަމާއެކު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމަށް،" އެބޭފުޅާ ވިދާޅުވި އެވެ.

ގާސިމް މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ، މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. ގާސިމް ރައީސް ކަމަށް އައްޔަން ކުރަން 62 މެމްބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ގާސިމް ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް މަޖިލީހުގެ ރައީސް ކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފަ އެވެ.

މީގެއިތުރުން، މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރައްވަން ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވައިފަ އެވެ. މަޖިލީހުގެ ރައީސް ކަމަށް ގާސިމް ގެނައުމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އިދިކޮޅު މެމްބަރުންގެ އިތުރުން ޕީޕީއެމްގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާ ވާދަކުރައްވައި 46 މެމްބަރުންގެ ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ. ގާސިމަށް 62 ވޯޓު ލިބިވަޑައިގެންނެވި އިރު، އަބްދުއްރަހީމަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހް އިސްތިއުފާ ދެއްވީ، 51 މެމްބަރުން ސޮއި ކުރައްވައި، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށެވެ. މަސީހާ ދެކޮޅަށް ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ވެސް ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.