Roadha Mihaaru
ފައިނު އެއާޕޯޓު މަޝްރޫއަށް އީކޯކެއާ ފާާޑުކިޔައިފި

ރ. ފައިނު އެއާޕޯޓް މަޝްރޫއަށް އީކޯކެއާ އިން ފާާޑުކިޔައިފި

13 ނޮވެމްބަރ 2018

ރ. ފައިނުގައި އެއާޕޯޓު އަޅާތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ އީކޯކެއާ އިން މިއަދު ފާޑު ކިޔައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރ. ފައިނުގައި އެއާޕޯޓު އަޅާތީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ އީކޯކެއާ އިން މިއަދު ފާޑު ކިޔައިފި އެވެ.

އީކޯކެއާ އިން ނެރެފައިވާ ބަޔާނެއްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މި މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، އެ ރަށުގެ ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް ހެދި އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައިވާ މައުލޫމާތުތަކެވެ.

އީކޯކެއާ އިން އެންވަޔަރްމެންޓް މިނިސްޓްރީ އަށް ގޮވާލާފައި ވަނީ އެ ރަށުގައި އެއާޕޯޓެއް ނުހެދުމަށް އީއައިއޭ ރިޕޯޓްގައި ހުށަހަޅާފައިވާ ގޮތަށް ކަންތައް ކުރުމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތިމާވެށި ހިމާޔާތްކުރުމަށް ވެސް އެދިފައިވެ އެވެ.

ފައިނު އެއާޕޯޓު މަޝްރޫއަށް ފާޑުކިޔާފައިވާ ލިޔުމާ ގުޅޭގޮތުން އީކޯކެއާ އިން ޓްވީޓްކޮށްފައި

އީކޯކެއާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އީއައިއޭގައި ބައެއް މައުލޫމާތު ނުހިމެނެ އެވެ. އޭގެ ތެރޭގައި އެ ރަށުގެ ފަޅު ހިއްކުމުގެ މަސައްކަތް ކުރި އަށް ގެންގޮސްފި ނަމަ، އެ ރަށުގެ ވަށައިގެންވާ ފަރުތަކަށް ގެއްލުން ވާނެ މިންވަރު ތަފްސީލުކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި އިޖްތިމާއީ ކަންތަކަށް ބަލާއިރު އެ ރަށުގެ ދަނޑުވެރިންނާއި މަސްވެރިންގެ އަދަދު ކިޔާދީފައި ނުވާ ކަމަށާއި، އަދި އެ މީހުންގެ އާމްދަނީ އަށް އަސަރުކުރާނީ ކިހިނެއްކަން ތަފްސީލުކޮށް ގެނެސްފައި ނުވާ ކަން ވެސް އީކޯކެއާ އިން ފާހަގަ ކޮށްފައިވެ އެވެ.

އީކޯކެއާގެ ޑައިރެކްޓާ އެޑްވޮކަސީ މައީދް ޒަހީރު ވިދާޅުވީ ފައިނުގައި އެއާޕޯޓެއް އެޅުމުން އެ ރަށު ރައްޔިތުުންނަށް އިޖްތިމާއީ ގޮތުން އެހާ ބޮޑު ފައިދާއެއް ނުވާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މި މަޝްރޫއުން އެންމެ ބޮޑަށް ފައިދާ ކުރާނީ އެ އެއާޕޯޓު އެޅުމަށް ފަންޑު ކުރާ، އެ ރަށާ ކައިރީގައިވާ ރިސޯޓުތަކުގެ ވެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިނުގައި އެއާޕޯޓު އަޅާ މަޝްރޫއާ ގުޅޭ އީއައިއޭގައިވާ ގޮތުން އެ މަޝްރޫއު ފުރިހަމަ ކުރުމަށްޓަކައި އެ ރަށުން 5000 އަށް ވުރެ ގިނަ ގަސް ކަނޑަން ޖެހޭ ކަމަށްވެ އެވެ. މި މައްސަލައާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ހުށަހެޅުމަށް އީޕީއޭ އިން މިއަދުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.