Roadha Mihaaru
އީއައިއޭތަކުގައި ބޮޑަށް ބެލެނީ ތަރައްގީ އަށް: އީޕީއޭ

އީއައިއޭތަކުގައި ބޮޑަށް ބެލެނީ އުމްރާނީ ތަރައްގީ އަށް މަގުފަހިވާނެ ގޮތަކަށް: އީޕީއޭ

14 އޮކްޓޯބަރ 2020

މަޝްރޫއުތަކަށް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދާ އިރު "ބޮޑަށް މި ބެލެވެނީ އުމްރާނީ ތަރައްގީ އަށް މަގުފަހިވާނެ ގޮތަކަށް" ކަމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މަޝްރޫއުތަކަށް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދާ އިރު "ބޮޑަށް މި ބެލެވެނީ އުމްރާނީ ތަރައްގީ އަށް މަގުފަހިވާނެ ގޮތަކަށް" ކަމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. އިބްރާހީމް މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކާރިސީ ހިރާސް (ޑިޒާސްޓާ ރިސްކް) ކުޑަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް އިއްޔެ ފާހަގަކުރި އިރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ބޭއްވި ވެބިނާއެއްގައި ވާހަކަދައްކަވަމުން ޑރ. އިބްރާހީމް ވިދާޅުވީ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިންގާ އިރު ވެސް ރަށްރަށުގެ ވިލުންވެރިކަން (ރެޒިލިއެންސް) އިތުރުކުރެވޭނެކަން ޔަގީންކުރުން މުހިއްމު ކަމަށެވެ. އެކަމަކު މަޝްރޫއުތަކުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަންނަން ހަދާ އީއައިއޭތަކުގައި "ވިލުންވެރިކަމަށް ބެލޭ މިންވަރު ތަންކޮޅެއް ކުޑަ" ކަމަށާއި "ވިލުންވެރިކަން ތަރައްގީގައި ޔަގީންކުރެވޭނެ ގޮތްތަކެއް މާ ބޮޑަކަށް ބެލެވިގެނެއް ނާދޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

ގުދުރަތީ ވަސީލަތްތައް ހަލާކުވެގެންދާ ގޮތް ގޮތަށް މަޝްރޫއުތައް ހިންގުން މި ފަހުގެ އަހަރުތަކުގައި އިތުރުވެގެންދިޔަ އިރު އީއައިއޭތައް ހަދާ ގޮތާއި އެ އީއައިއޭތަކަށް ބިނާކޮށް އީޕީއޭ އިން މަޝްރޫއުތަކަށް ހުއްދަ ދޭ ގޮތަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓުތަކާއި ރިސޯޓުތަކަށް ބިން ހިއްކުމާއި އަލަށް ހަދާ ރިސޯޓުތައް ފެހިކުރުމަށާއި މަޝްރޫއުތަކަށް ރަށްރަށުން ރުއްގަސް އުފުރުމުގެ މައްސަލަތައް ބޮޑުވި އެވެ.

ޑރ. އިބްރާހީމް ވިދާޅުވީ "އެއާޕޯޓެއް ހެދިޔަސް، މަގު ހެދިޔަސް، ބަނދަރު ހެދިޔަސް އަދި ރަށުގެ ތޮށި ލިޔަސް، ރިވެންޓްމެންޓެއް ޖެހި ކަމުގައި ވިޔަސް" އުމްރާނީ ތަރައްގީ ގެންނަންވާނީ އެކަމަކުން ރަށެއްގެ ވިލުންވެރިކަން ހީނަރުވެދާނެތޯ ވިސްނައިގެން ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމެންޓަކީ "ހަގީގަތުގައި އަހަރެމެންނަށް އިންސާނީ އެހީއެއްގެ ގޮތަށް ވިސްނިފައި އޮތް ކަމުގައި ވިޔަސް މިއީ އަހަރެމެންގެ ތަރައްގީއާ ގުޅުން ހުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޑރ. އިބްރާހީމް ވިދާޅުވީ ބޮޑަށް އިންވެސްޓްކުރަންވީ ކާރިސީ ހިރާސް ކުޑަކުރުމަށް ކަމަށާއި ހާދިސާތައް ހިނގުމުން އިޖާބަދީ އަޅާނެ ފިޔަވަޅުތަކަށް އިންވެސްޓްކުރުމަށް ވުރެ ފައިދާ ބޮޑުވާނީ އެ ގޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ އަށް މިދިޔަ އަހަރު އީޕީއޭ ހާޒިރުކުރުމުން އެ ތަނުގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެފައި ވަނީ ތިމާވެށީގެ ކަންކަން ފާލުން ނެއްޓުނީ އަމަލު ކުރަމުންދިޔަ އުސޫލުތަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަދަލު ގެނައުމުން ކަމަށާއި މި ސަރުކާރާ އެކު އެ ކަންކަން ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެކަމަކު މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން މި ސަރުކާރުން ގުޅިފަޅު ހިއްކާ މައްސަލަ ވެސް ތިމާވެށިގެ ހިމާޔަތްތެރިންގެ މެދުގައި ހޫނުވި އެވެ.