Roadha Mihaaru
ފިޔަަވަޅު ނޭޅުމަކީ ތިމާވެށި ހަލާކުކުރަން ދޭ ހިތްވަރެއް

ފިޔަވަޅު ނޭޅުމަކީ ތިމާވެށި ހަލާކު ކުރަން ދޭ ހިތްވަރެއް: ޖަމިއްޔާތައް

24 ޖެނުއަރީ 2021

ރާއްޖޭގެ ތިިމާވެއްޓަށް ބޮޑެތި ގެއްލުުންތައް ދެމުންދާއިރު، އެ ކަންތައްތައް ހުށްޓުވަން އަަޅަން ޖެހޭ ފިޔަވަޅުތައް އިދާރާތަކުން ނާޅާ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އެކަން ކުށްވެރިކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ތިިމާވެއްޓަށް ބޮޑެތި ގެއްލުުންތައް ދެމުންދާއިރު، އެ ކަންތައްތައް ހުށްޓުވަން އަަޅަން ޖެހޭ ފިޔަވަޅުތައް އިދާރާތަކުން ނާޅާ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އެކަން ކުށްވެރިކޮށްފި އެވެ.

ގިލިލަންކަންފުށި ރިސޯޓުން ފިނޮޅެއް ހަލާކުރަން ކުރި މަސައްކަތާއި މޫދަށް ކުނި އެޅުމުގެ މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އންް ދެއްްކި ވާހަކަ ކުށްވެރިކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ ހިމެނޭ ގޮތުން 11 ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އަގު ނުކުރެވޭ ފަދަ ގުދުރަތީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ދީ، ތިމާވެށީގެ ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު އެކަމަށް ދޭން ޖެހޭ އަހައްމިއްޔަތު، ދައުލަތުން ނުދޭ ކަމަށެވެ.

ގިލިލަންކަންފުށީގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން، ބަޔާނުގައި ޖަމިއްޔާތަކުން ގޮވައިލި އެވެ.

ގުޅިފައިވާ އެ ބަޔާން ނެރުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާގެ އިތުރުން ދަ މޯލްޑިވްސް ރެޒިލިއެންޓް ރީފްސް ޕްރޮޖެކްޓް، ސޭވް ހުވަދޫ، ސޭވް މޯލްޑިވްސް، ލޭންޑް ސީ މޯލްޑިވްސް، ބިލީފް، ހުވަދޫ އެއިޑް އަދި މަލަފެހިމީދޫ ބައިވެރިވެގެންނެވެ.

"...ގިލިލަންކަންފުށި ރިސޯޓްގެ އިސްވެރިންނާއި މުވައްޒަފުން ކ. ހިންމަފުށީ ކައިރީގައިވާ ފިނޮޅެއް ހަލާކު ކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށް، މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ދައްކައިދެނީ ނުހަނު ހިތާމަވެރި އަދި ނުހަނު ކަންބޮޑުވާ މަންޒަރުތަކެކެވެ،" ބަޔާނުގައި ބުންޏެވެ.

ޖަމިއްޔާތަކުން ބުނިގޮތުގައި ތިމާވެށީގެ އެފަދަ ކުށްްތަކުގެ ސަބަބުން ރައްޔިތުންގެ ހިތްހަމަޖެހުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މުުހިއްމު ވަސީލަތްތަކެއް ނެތިގެންދާނެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ރާއްޖޭގެ ފަޅުރަށްތަކާއި ފިނޮޅުތައް އަދި ފަޅުތައް ނުއަގުގައި ވިއްކާލާފައިވާ ކަމަށާއި އެ ރަށްތަކުން މަންފާ ހޯދުމުގެ ފުރުސަތު ރައްޔިތުންނަށާއި ކުދި ވިޔަފާރިތަކަށް ގެއްލެމުންދާ ކަމަށް ވެސް ޖަމިއްޔާތަކުން ބުނެ އެވެ. ހުރިހާ ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ހުރި މަދު ރަށްތައް ރައްކާތެރިކޮށް، ރަށްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތް ހެދުމަކީ އަސާސީ ހައްގެއް ކަމަށް ވެސް ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި މަޓީން ދެއްކި ވާހަކަ ކުށްވެރިކުރަމުން، ޖަމިއްޔާތަކުން ބުނީ މަޓީން ހަވާލާދިން ގަވައދުގައި ހުއްދަ އޮތީ ކުނި އަޅާނެ ތަނެއް ކައިރި ހިސާބެއްގައި ނެތް ހާލަތުގައި އަތޮޅުގެ ބޭރަށް ވާގޮތަށް، ބަޔޯ ޑީގްރޭޑަބުލް ކުނި އުކޭނެ ހުއްދައެއް ކަމަށެވެ.

"...އަދި އެއީ ހަމަ އެކަނި، ކައިރި ހިސާބެއްގައި ކުނިއުކައިލާނެ ތަނެއް ނެތް ހާލަތެއްގައި ކަނޑަށް ކުނިއަޅަން ޖެހިއްޖެ ނަމަ އެވެ،" ބަޔާނުގައި ބުންޏެވެ.

ތިމާވެށި ހަލާކު ކުރުމަކީ ނަސްލު ނައްތައިލަން މަސައްކަތް ކުރުމާ އެއްވަރުގެ ކަމެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން 2019 ވަނަ އަހަރު ހުށަޙަޅާފަައިވާ ކަމަށް ވެސް ޖަމިއްޔާތަކުން ބުންޏެވެ.

ތިމާވެއްޓަށް ގެއްލުން ދިނުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާކޮށްފައިވާ ކަަމަކަށް ވިޔަސް އެފަދަ ކުށްތައް ކުރާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ދައުލަތް ނުކުޅެދިފައިވާ ކަމަށާއި އެއީ ހިތާމަކުރާ ކަމެއް ކަމަށް ޖަމިއްޔާތަކުުން ބުންޏެވެ.

ކ. ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ ތަހުގީގު ކުރަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން މިއަދު ބުންޏެވެ.

އެ ފިނޮޅުގެ ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރި ކަމަށް ބެލެވެނީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެކެވެ. މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް އީޕީއޭ އާއި ފުލުހުން ވަނީ މިދިޔަ ހުކުރު ދުވަހު ބުނެފަ އެވެ.