Roadha Mihaaru
ސަރުކާރުން އަންނަ އަހަރު ހިލޭ ޑިގްރީއަށް ކިޔަވައިދެނީ

ސަރުކާރުން އަންނަ އަހަރު ހިލޭ ޑިގްރީއަށް ކިޔަވައިދެނީ

13 ނޮވެމްބަރ 2018

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުން މީހުންނަށް ސަރުކާރުގެ ޚަރަދުގައި އެކަން ކުރެވޭނެ ގޮތް ހަމަޖައްސައި، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވާ ގޮތުން، ކޮންމެ ދިވެއްސަކަށް ވެސް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ދޭން ފަށާނެ އެވެ. އެ ކަމަށް 50 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

ޑިގްރީ ފެންވަރަށް ސަރުކާރުން ހިލޭ ކިޔަވައި ދިނުމުގެ ވައުދަކީ، އަންނަ ހޮނިހިރު ދުވަހު ހުވާކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެކެވެ. އޭގެ އިތުރުން، ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯޑިން ސްކޫލްތަކާއި ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖްތަކެއް ގާއިމް ކުރައްވާނެ ކަމަށް ވެސް ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދޭން ފެށުމަށް ފަހު 2020 އަދި 2021 ވަނަ އަހަރު އެކަން ކުރިއަށްގެންދިއުމަށްޓަކައި 175 މިލިއަން ރުފިޔާއަށް އިތުރު ކުރާނެ އެވެ.

އޭ ލެވެލް އިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދިނުމަށް ވެސް 40 މިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ކަނޑައަޅައިފަ އެވެ. ސްކޮލަޝިޕްގެ އުސޫލުތަކަށް ގެނައި ބަދަލާ އެކު މިދިޔަ އަހަރުން ފެށިގެން ރައީސްގެ ސްކޮލަޝިޕް ލިބެމުން އަންނަނީ ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ. އެ ސްކޮލަޝިޕްގައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރެވޭނެ އެވެ.

ޑޮކްޓަރުން ތަމްރީންކުރަން ވެސް ބަޖެޓުގައި ހިމަނާފައި ވެ އެވެ. އެގޮތުން، އަހަރަކު 60 އެމްބީބީއެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރަން ފުރުސަތުތަކެއް ހުޅުވައިލަން ވަނީ ހަމަޖައްސައިފަ އެވެ. އެ ކަމަށް 24.7 މިލިއަން ރުފިޔާ ޚަރަދުކުރާއިރު އެ ސްކޮލަޝިޕަށް ދޭނީ ޓިއުޝަން ފީ އެވެ.

އަންނަ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ކަނޑައަޅާފައި ވަނީ ތިން ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަޖެކެވެ.