Roadha Mihaaru
ކޮމިޓީއަށް ތޯރިގާއި ކުންފުނިތަކުން ހާޒިރެއް ނުވި

މަޖިލީހުގެ ކޮމިޓީ އަށް މިނިސްޓަރު ތޯރިގު، ސްޓެލްކޯ އަދި ފެނަކަ ހާޒިރެއް ނުވި

15 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ހާޒިރުވުމަށް އެންގުމުން ހާޒިރެއްނުވި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ހާޒިރުވުމަށް އެންގުމުން ހާޒިރެއްނުވި އެވެ.

މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ބައެއް ރަށްރަށަށް ކުރިމަތިވެފައިވާ ކަރަންޓް މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށާއި ކަރަންޓުގެ އަގު ބޮޑުވަމުން އަންނަ ކަމަށް ފާހަގަކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން އެނާޖީ މިނިސްޓަރު އަދި ސްޓެލްކޯ އާއި ފެނަކަ ކުންފުނީގެ އިސްވެރިން ހާޒިރުކުރަން އެ ކޮމިޓީގެ މިއަދު ބައްދަލުވުމަށް އެޖެންޑާކުރި އެވެ.

މަސްއޫލިއްޔަތު ކޮމިޓީއަށް މިނިސްޓަރާއި ކުންފުނިތަކުގެ ވެރިން ހާޒިރުނުވި މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ މިނިސްޓަރާއި ކުންފުނިތަކުގެ ވެރިން ހާޒިރުކުރުމަށް އެކި ފަހަރުމަތިން އަންގާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން އަލުން ކޮމިޓީއަށް އަންނަ ބުދަ ދުވަހު ހާޒިރުވުމަށް އަންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެ ބޭފުޅުން ކޮމިޓީއަށް މިއަދު ހާޒިރުވެވެން ނެތް ކަމަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އަންނަ ބުދަ ދުވަހު ކޮމިޓީއަށް ހާޒިރު ނުވެއްޖެ ނަމަ ހާޒިރުކުރުމުގެ އަމުރެއް ނެރެން އެޖެންޑާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އެ ކޮމިޓީގައި ވާހަކަދެއްކެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެ ކޮމިޓީއަށް އެންވަރުމަންޓް މިނިސްޓަރާއި ކުންފުނިތަކުގެ ވެރިން ހާޒިރުނުވެ ތަފާތު އުޒުރުތައް ދައްކަމުން ގެންދާ ކަމަށެވެ. އަދި އެ ކޮމިޓީއަށް އެ ބޭފުޅުން ހާޒިރުވުމަށް އަމުރެއް ނެރެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ މިއަދު މަޖިލީހުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގު މިހާރު ނެތް ކަމަށާއި މި މި ފެންނަނީ ކަރަންޓުގެ އަގު ބޮޑުވެގެން ރައްޔިތުން ކަންބޮޑުވިޔަސް ސަރުކާރު އެކަމާ ކަންބޮޑުވެގެން ނޫޅޭ މަންޒަރު ކަމަށެވެ.

މަޖިލީހުގެ ރައީސަށް އެނާޖީ މިނިސްޓަރު އިއްޔެ ފޮނުއްވި ސިޓީއެއް ވިދާޅުވެފައި ވަނީ މަސައްކަތްތައް މިވަގުތު ރޭވިފައި ހުރި ގޮތުން އެ މަނިކުފާނަށް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވުން ދަތި ކަމަށެވެ. އަދި ސްޓެލްކޯ އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ޗައިނާގެ ޑޮންފަން އިލެކްޓްރިކް ކޯޕަރޭޝަނާއެކު އެ ކުންފުނިން ކުރިޔަށް ގެންދާ ފިފްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް މަސައްކަތުގެ މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް އެ ކުންފުނީގެ އިސް ބޭފުޅުންނާއެކު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރާއްޖެ އައިސް އުޅޭ އެ ކުންފުނީގެ އިސް ބޭފުޅުންނާއެކު ބައްދަލުވުންތަކެއް މިދުވަސްކޮޅު ކުރިޔަށްދާތީ، މަޖިލީހުގެ އެ ކޮމިޓީއަށް އެ ކުންފުނީގެ ކަމާ ބެހޭ ބޭފުޅުން ހާޒިރުވުން ފަހުގެ ތާރީހަކަށް ހަމަޖައްސައިދެއްވުން އެދޭ ކަމަށެވެ.

މަޖިލީހުގެ ރައީސަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ކުންފުނީގެ ރަސްމީ ދަތުރެއްގައި އެ ކުންފުނީގެ އިސް މުވައްޒަފުންތަކަކާ އެކު މިއަދު ރާއްޖެއިން ބޭރަށް ފުރާ ގޮތަށް ހަމަޖެހިފައިވާތީ މިއަދުގެ ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށެވެ.