Roadha Mihaaru
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި

ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި

28 ނޮވެމްބަރ 2022

މާލެ އާއި ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ރަށްރަށަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގާއި ސްޓެލްކޯ އިން މާލެއަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގު އެއްވަރުކުރަން މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީ އަށް ގަރާރެއް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ޝިޔާން އެވެ.

އެ ގާރާރު ދިރާސާކޮށް، ކޮމެޓީން ފާސްކުރީ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލުކުރަމުން އަންނަ ރޭޓާއި ބޭންޑްކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ މި ދައުރުގެ އެންމެފަހު ޖަލްސާގައި އެ ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ ވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ، މާލެއިން 3.65ރ. ނަގާއިރު، ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި 6ރ. ނަގާ ކަމަށެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75ރ. ނަގާއިރު، މާލޭގައި ނަގަނީ 3.35ރ. އެވެ.

ގަރާރާ ގުޅިގެން ކޮމިޓީން ވަނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި ތިމާވެއްޓާބެހޭ މިނިސްޓްރީގެ ލަފާ ވެސް ހޯދައިފަ އެވެ.

ފެނަކަ އާއި ސްޓެލްކޯގެ އިސްވެރިން ކޮމިޓީގައި ވިދާޅުވީ، އެ ގަރާރު ފާސްކޮށްފި ނަމަ ގެއްލުންވާނެ ކަމަށެވެ. ސްޓެލްކޯއިން ބުނީ އެ ގަރާރު ފާސްކޮށްފި ނަމަ، އެ ކުންފުންޏަށް އަހަރަކު 35 މިލިޔަން ރުފިޔާ ގެއްލޭނެ ކަމަށެވެ. އަދި ފެނަކަގެ އާމްދަނީން އަހަރަކު 41.2 މިލިޔަން ރުފިޔާ ގެއްލޭނެ ކަމަށް އެ ކުންފުނިން ވެސް ބުނެފައިވެ އެވެ.

އެހެންވެ، އަގު އެއްހަމަ ކުރުމަށް ކުރަން ޖެހޭނެ ކަންތައްތައް ފުރިހަމަކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ކަނޑައަޅައި ކޮމިޓީން ތިން ހުށަހެޅުމެއް ފާސްކުރި އެވެ. އެއީ؛

• ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ހިދުމަތް ހަމަހަމަ ގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުން.

• ކަރަންޓު ދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތްކުރުން.

• ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރުމުގައި އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރު ޖޫންގެ ނިޔަލަށް ނިންމުން.