Roadha Mihaaru
ސީ ލައިފްގެ ދައުވާ އެޗްޑީސީ އަދި މިނިސްޓްރީއަށް ވެސް

ސީ ލައިފްގެ މައްސަލައިގައި އެޗްޑީސީ އަދި އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ވެސް ދައުވާކޮށްފި

15 ނޮވެމްބަރ 2018

ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކަމަށް ބުނެ 400 އަށް ވުރެ ގިނަ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގައި އެ މަސައްކަތް ނުކުރި މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ވެސް ދައުވާ އުފުލައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކަމަށް ބުނެ 400 އަށް ވުރެ ގިނަ މީހުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގައި އެ މަސައްކަތް ނުކުރި މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ވެސް ދައުވާ އުފުލައިފި އެވެ.

ފްލެޓްތައް އިމާރާތް ކުރުމުގެ ހުއްދަ ދީ، އެޗްޑީސީން ސީ ލައިފަށް ހުޅުމާލެއިން ބިމެއް ދޫކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ބުކިން ފީ އަދި ފްލެޓްތަކުގެ ޑައުންޕޭމަންޓު ކަމަށް ބުނެ އެ ކުންފުނިން ދިޔައީ މީހުން އަތުން ފައިސާ ނަގަމުންނެވެ.

އެ މައްސަލައިގައި، އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ފްލެޓް ގަތުމަށްޓަކައި ސީ ލައިފަށް ފައިސާ ދެއްކި ނަމަވެސް ފަހުން އަނބުރާ އެ ފައިސާ ނުލިބި ލަނޑު ލިބުނު ބައެއް މީހުންނެވެ. ސީ ލައިފްގެ އިތުރުން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް 191 މީހަކު ދައުވާ ކޮށްފައި ވެ އެވެ. އެއީ އެއް ދައުވާއެެއް ކަމަށް ވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހުށަހަޅާފައިވާ އެންމެ ބޮޑު ކްލާސް އެކްޝަން ލޯ ސޫޓެވެ.

އެ ދައުވާގައި އެދިފައި ވަނީ ދައުވާ ކުރާ 191 މީހުންގެ އަތުން ސީލައިފުން ނަގާފައިވާ 22 މިލިއަން ރުފިޔާ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހޯދުމަށެވެ. އެޗްޑީސީ އަދި މިނިސްޓްރީން އެ ފައިސާ ހޯދުމަށް އެދިފައި ވަނީ ލިބެންޖެހޭ 22 މިލިއަން ރުފިޔާ ނުލިބި އަދި ޕްރޮޖެކްޓް ކުރިއަށް ނުގެންދެވި ވަނީ އެ ފަރާތްތަކުގެ އިހުމާލުން ހިމެނޭތީ ކަމަށް ދައުވާގައި ވެ އެވެ.

ސީ ލައިފް ގްލޯބަލްގެ މައްސަލަ ވަނީ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފަ އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅީ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުކޮށެވެ. އަދި އޭސީސީއަށް ހުށަހަޅާފައިވަނީ އެ މަޝްރޫއުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ އެ ކަންކަން ބެލުމަށެވެ.